ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ރެއާލް މެޑްރިޑުގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި، އެ މެޗުގައި ރެއާލުން ގިނަ ގޯސްތަކެއް ހެދި ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އަންޗެލޮޓީ މިހެން ބުނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ލަނޑުން ރެއާލް ކުރި ހޯދި ނަމަވެސް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި އެ ޓީމު ބަލިކޮށްފަ އެވެ.
ރެއާލްގެ ކުޅުމާ މެދު އިންތިހާ އަށް ކަންބޮޑުވެފައި ހުރިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެ މެޗުގައި ރެއާލަށް ރަނގަޅު ޑިފެންސެއް ނުކުރެވުނު ކަަމަށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގައި ބާސެލޯނާ އިން ވަރަށް ފަސޭހަ އިން ލަނޑުތަކެއް ޖެހި ކަމަށް އޭނާ ބުންޏެވެ. ޖުމުލަ ގޮތެއްގައި ރެއާލުން ޓީމެއްގެ ގޮތުގައި އަދި ވަކި ވަކި ކުޅުންތެރިންގެ ގޮތުގައި ވެސް އެކަށީގެންވާ ފެންވަރުގެ ކުޅުމެއް ނުދެއްކުނު ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް، މިއީ ފުޓުބޯޅައިގައި ކަންތައް ދިމާވާނެ ގޮތް ކަމަށް އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ އަލުން އެނބުރި ރެއާލް އަމިއްލަ ދަނޑަށް ދާން ޖެހޭނީ، އެ ޓީމުގެ ސަޕޯޓަރުންގެ ކިބައިން ފެންނަ ހިތާމަވެރިކަމާ އެކު ކަމަށެވެ. އެކަންކަމާއެކު ވެސް ރެއާލަށް ޖެހޭނީ ކުރިއަށް ދާން މަސައްކަތް ކުރަން ކަމަށާއި، ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވުމަށް އިސްކަން ދޭން ޖެހޭނެ ކަމަށް އަންޗެލޮޓީ ބުންޏެވެ.
މުޅި މެޗަށް އިޝާރާތް ކުރަމުން އަންޗެލޮޓީ ބުނީ، މެޗުގެ ފުރަތަމަ މިނެޓުން ފަށައިގެން، އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ފެނުނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. މެޗުގެ ވަކި ހިސާބަކުން ބާސެލޯނާ ކުޅެމުން ދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށް ކަމަށާއި، އެވަރުން ވެސް ރެއާލަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނު ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އެކަން ފާހަގަ ކުރަމުން އަންޗެލޮޓީ ބުނީ، މުޅި މެޗާ މެދު ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހިތްދަތިވެފައި ކަމަށެވެ.
މިދިޔަ އަހަރުގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވެސް ރެއާލް ނިކުތީ ބާސެލޯނާއާ ދެކޮޅަށެވެ. އޭރު ބާސެލޯނާ އަށް އިރުޝާދު ދެމުން އައީ އެ ކުލަބުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް އެވެ. އެ އަހަރުގެ ފައިނަލްގައި ރެއާލުން ވަނީ ބާސެލޯނާ ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މިއަހަރުގެ ފައިނަލްގައި ބާސެލޯނާ އަތުން ރެއާލް ބަލިވެފައި ވަނީ 5-2 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.