ކ. މާލެ
|
12 ޖެނުއަރީ 2025 | އާދީއްތަ 18:59
މަޖިލީހުގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ
މަޖިލީހުގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޑިމޮކްރެޓްސް
ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުން
ލީޑަރޝިޕްގެ ބޭފުޅުން ޕާޓީ ދޫކޮށް ވަޑައިގަތީ އެއްވެސް ޚިޔާލުތަފާތުވުމެއް އޮވެގެންނޫން: ޑިމޮކްރެޓްސް
ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާނާއި ހުސައިން ފިރުޝާން އާ

ރައީސް މުޙައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ "ދި ޑިމޮކްރެޓްސް" ގެ ލީޑަރޝިޕްގައި ތިއްބެވި އިސްބޭފުޅުން ޕާޓީ ދޫކޮށް ވަޑައިގެންނެވީ އެއްވެސް ޚިޔާލުތަފާތުވުންތަކެއް އޮވެގެންނޫން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން އެފަދައިން ބުނެފައި ވަނީ، އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒްގެ އިތުރުން ލީޑަޝިޕްގައި ތިއްބެވި އެހެން ބޭބޭފުޅުން ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އެއާއެކު އެ ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާނާއި ހުސައިން ފިރުޝާނާއެވެ.

ޑިމޮކްރެޓްސްގެ އައު ލީޑަޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޝާން ވިދާޅުވީ، ޕާޓީގެ ހިންގުމުގައި ތިއްބެވި ބޭބޭފުޅުން ޕާޓީ ދޫކުރައްވާ ވަޑައިގަތީ އެއްވެސް ހާލެއްގައި ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ހުރެގެނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ސިޔާސީ ގޮތުން އެ ބޭބޭފުޅުންގެ ފިކުރު ހުރި ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ފަރާތުން އެބޭފުޅުން ކޮށްދެއްވި މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑިމޮކްރެޓްސްގެ ލީޑަޝިޕުން ގިނަ ބޭފުޅުން ވަކިވެވަޑައިގަތީ ރައީސް ނަޝީދުގެ ލަފާފުޅާއި އެކުގައި ކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ ޕާޓީން އެބޭފުޅުން ވަކިވެވަޑައިގަތީ އަމިއްލަފުޅު ވިސްނުމެއްގެ ތެރެއިން ކަމަށާއި އެއީ ފަހަރެއްގައިވެސް ރައީސް ނަޝީދު ދެއްވި ލަފާފުޅަކުން ވެސް ނޫންކަމަށެވެ. އަދި އެފަދަ ލަފާފުޅެއް ނުވެސް ދެއްވާނޭ ކަމަށް ބުނެފައިވެއެވެ.

"ރައީސް ނަޝީދު ލަފާފުޅު ދެއްވާނެ އިނގޭތޯ. އިރުޝާދު ދެއްވާނެ. އެ އިރުޝާދާއި ލަފާ އަބަދުވެސް ދެއްވާނީ ސިޔާސީ ޕާޓީއަށް. ދަ ޑިމޮކްރެޓްސްއަށް. ވަކިވަކި ފަރުދުން އިޚުތިޔާރު ކުރައްވާފައި އެބޭފުޅެއްގެ ލީގަލް ކައުންސިލަކަށް ވެވަޑައިގެން، ސްޕެޝަލް އެޑްވައިޒަރަކަށް ވެވަޑައިގެން، އެއީ ރައީސް ނަޝީދު ކުރައްވާ ޒާތުގެ ކަމެއް ނޫން،" އިމްތިޔާޒު ވިދާޅުވިއެވެ.

ޕާޓީން މެންބަރުން ވަކިވުމަކީ ދެރަ ކަމެއްކަން ފާހަގަކުރައްވާ އިމްތިޔާޒު ވިދާޅުވީ އެއީ ޕާޓީ ކުރިއަށް ނުގޮސް ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ލީޑަރުން އަދިވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޑިމޮކްރެޓްސް އުފެދިގެން އައީ ވެސް ކޮރަޕްޝަނާ ދެކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕާޓީން އޮންނާނީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅުގައި ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި ކުރިން ވެސް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ފާސްކުރި ގޮތަށް އެމްޑީޕީ ހިމެނޭހެން ކޮންމެ ސިޔާސީ ޕާޓީއަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއެކު ވެސް، އެ ޕާޓީން އެއްގޮތްވާ ފިކުރު ގެންގުޅޭނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

ހަސަނާއި ޝިފާޒްގެ އިތުރުން ނިމުނު ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފުރަތަމަ ހުންނެވި ހުސައިން އަމްރުގެ އިތުރުން ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަސަނާއި ޝިފާޒަކީ ނަޝީދާ ވެސް ވަރަށް އަރިސް ދެ ބޭފުޅުންނެވެ. އެކަމަކު، ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ޕާޓީން ވަކިވެ، އެނބުރި އެމްޑީޕީއަށް ސޮއިކުރުމާ ގުޅޭ ގޮތުން މިހާތަނަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

- ކޮމެންޓް
- ގުޅުންހުރި
ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުން އިންޑިއާއަށް މުހިއްމުވާނެކަން ޔަޤީން، އިންޑިއާއިން ދިވެހިންނަށް ހެޔޮއެދޭނެ: އިދިކޮޅު
މަގޭ ރިޕޯޓް: ކުރީ ސަރުކާރު، ކުރީ ސަރުކާރު، މި ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެނޫންތަ؟
ޕީޕީއެމް އަދި ޕީއެންސީން ކުރަމުންގެންދާ މުޒާހަރާތައް އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފި
އިންޒާރު ދިން ނަމަވެސް ގާތްގަނޑަކަށް 40 މީހުންނާއެކު އިދިކޮޅުން މުޒަހާރާއަށް ނުކުމެއްޖެ
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި 30 މީހަކު ޖޫރިމަނާކޮށް ދޫކޮށްލައިފި
ބ. އަތޮޅުގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާނެ ކަމުގެ އުންމީދު ރައީސް ދެއްވައިފި
އިދިކޮޅުގެ އެއްވެސް މުޒާހަރާއެއްގައި ފުލުހަކާ ކުރިމަތިލައި، ޤާނޫނާ ޚިލާފުވެފައެއް ނުވާނެ: އިދިކޮޅު
ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން، އެމްޑީޕީގެ ހުވަފެން، އެހުވަފެނުގެ ތައުބީރަކީ ރަށްވެހި ފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން