ޣައްޒާގެ ސްކޫލް އިމާރާތަކަށް އިސްރާއީލުން ބޮން އަޅާ މަދުވެގެން ފަލަސްތީނުގެ 8 މީހުން ޝަހީދު ކޮށްލައިފިއެވެ.
މި އިމާރާތަށް ހަމަލާ ދިން އިރު އެތަނުގައި އުޅެނީ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާންމުންނެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ ހޮނިހިރު ދުވަހު ދިން މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.
ހަމަލާ ދިން ކަމަށް އެއްބަސްވެ، އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ހާމަކުރި ގޮތުގައި ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާ ސިޓީގައި ހުރި ހަލްވާ ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ހިމެނެއެވެ.
ބައްސާލް ހާމަކުރި ގޮތުގައި މި ހަމަލާގައި 19 ކުޑަކުދިން ހިމެނޭ ގޮތަށް 30 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، ހަލްވާ ސްކޫލުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް މީހުން ވަގުތީ ގޮތުން ދިރިއުޅެމުންދާ ކަމަށެވެ.
އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ވައިގެ ބާރުން "ޖަބާލިޔާގެ ހަލްވާ ސްކޫލުގެ ގޮތުގައި ބޭނުންކުރި ތަނެއްގައި ހުރި ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގައި ތިބި ޓެރަރިސްޓުންނަށް ސީދާ ހަމަލާއެއް،" ދީފައިވާ ކަމަށެވެ.
އެމީހުން ބުނެފައިވަނީ "ސްކޫލު ބޭނުންކޮށްފައިވަނީ ހަމާސްގެ ޓެރަރިސްޓުން ހަމަލާތައް ރާވައި ތަންފީޒުކުރުމަށް" ކަމަށްވާތީ އެތަނަށް އަމާޒުކޮށްފައިވާ ކަމަށެވެ.
މި ހަމަލާއަކީ 14 މަސް ދުވަސް ފާއިތުވެފައިވާ ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލު އިމާރާތްތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާއެވެ.
ސެޕްޓެމްބަރ 11 ވަނަ ދުވަހު މެދުތެރޭ ޣައްޒާގައި ހުރި އދ. އިން ހިންގާ އަލް-ޖަވްނީ ސްކޫލަށް ދިން ހަމަލާއަކާ ގުޅިގެން ބައިނަލްއަޤްވާމީ ފާޑުކިޔުންތަކެއް އިސްރާއީލަށް އަމާޒުވިއެވެ. ފަލަސްތީނު ރެފިއުޖީންނަށް އެހީވުމަށް އުފައްދާފައިވާ އަންރުވާގެ 8 މުވައްޒަފުން އެ ހަމަލާގައި މަރުވި 18 މީހުންގެ ތެރޭގައި ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ އަނިޔާވެރި ޢުދުވާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 46,537 ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި 109,571 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.