ކ. މާލެ
|
11 ޖެނުއަރީ 2025 | ހޮނިހިރު 16:15
ރައީސް މުއިއްޒު
ރައީސް މުއިއްޒު
ރައީސް އޮފީސް
ރާއްޖެ-އެސްޓޯނިއާ
ރައީސް މުއިއްޒު ޔޫރަޕަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެސްޓޯނިއާ އަށް
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސް ކާރިސް އާއި ޕާލަމެންޓްގެ ރައީސާއި ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށް އެސްޓޯނިއާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްގެ ދަޢުވަތަކަށް ޖަނަވަރީ 13 އިން 16 އަށް އެސްޓޯނިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތައް ހަމަ ޖެހިފައިވާ ކަމަށް ދެ ގައުމުން ވެސް އިއުލާނު ކޮށްފިއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސް ކާރިސްއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރީޖިކިކޫ (ޕާލަމެންޓް)ގެ ރައީސާއި ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށް އެސްޓޯނިއާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

މި ދަތުރުފުޅުން އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ހާމަ ކޮށްދޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ސިޔާސީ ގުޅުންތައް އިތުރުކޮށް، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސްގެ ދާއިރާތަކުންނާއި، މޫސުމާއި ތިމާވެށީގެ މައްސަލަތަކުގައި އަދި ސައިންސާއި ތަޢުލީމުގެ ދާއިރާގައި ޢަމަލީ ގޮތުން އެއްބާރުލުން ދިނުމަށް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޖަނަވަރީ 13 ވަނަ ދުވަހު ބޭއްވޭ ރަސްމީ މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތަށްފަހު، ރައީސް ކާރިސް އާއި ރައީސް މުޢިއްޒު ބައިނަލްއަޤްވާމީ ސަލާމަތީ ޙާލަތާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ދެގައުމުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

ރައީސް މުޢިއްޒުގެ ޝެޑިއުލްގައި އެ ގައުމުގެ ތަޢުލީމާއި ދިރާސާގެ ވަޒީރު ކްރިސްޓީނާ ކަލާސް އާއި މޫސުމާބެހޭ ވަޒީރު ޔޯކޯ އަލެންޑަރއާ ބައްދަލުކުރައްވާނެ ކަމަށް އެސްޓޯނިއާ ސަރުކާރުން ބުނެފައިވެއެވެ. ހޯމަ ދުވަހުގެ ރޭ، ރައީސް ކާރިސް، ދިވެހި ވަފުދުގެ ޝަރަފުގައި ޓުމްޕީ ގައި ހުންނަ ނައިޓްހުޑް ހައުސްގައި ރަސްމީ ފަރިއްކޮޅެއް ބާއްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދަތުރުފުޅުގެ ދެވަނަ ދުވަސް ކަމުގައިވާ 14 ޖަނަވަރީގައި އެސްޓޯނިއާގެ އައު އީޖާދުތަކާއި ޑިޖިޓަލް ޙައްލުތައް ރާއްޖޭގެ ވަފުދަށް ތައާރުފް ކުރާނެ ކަމަށާއި، ދެ ޤައުމުގެ ވެރިން، ރައީސް ކާރިސް އަށް ޑިޖިޓަލް ލަފާދޭ ފަރާތްތަކުން އިންތިޒާމުކުރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބަޔާނުގައި ވެއެވެ.                

ދަތުރުފުޅުގައި ރައީސް މުޢިއްޒު އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ޞިއްޙަތާބެހޭ ވަޒީރު އާއި، ޢަދުލު އިންސާފާއި ޑިޖިޓަލް ކަންކަމާބެހޭ ވަޒީރު އާއި އަދި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރައްވާނެއެވެ. 

ޖަނަވަރީ 15 ވަނަ ދުވަހު ރައީސް މުއިއްޒު ތަރްތޫ އަށް ޒިޔާރަތްކުރައްވާނެއެވެ. އެތަނުގައި މޭޔަރ އުރްމަސް ކްލާސް ޓައުން ހޯލްގައި މަރުޙަބާ ދެންނެވުމަށްފަހު ތާރްތޫ ޔުނިވަރސިޓީ އަށް ވަޑައިގަންނަވާނެއެވެ. އެތަނުގައި އެ ޔުނިވަރސިޓީގެ ދިރާސާތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވާނެ ކަމަށް ވެސް އެސްޓޯނިއާ ސަރުކާރުން ހާމަ ކޮށްފައިވެއެވެ. އަދި އެސްޓޯނިއާގެ ޖީނޯމް ޕްރޮޖެކްޓަށް ޒިޔާރަތްކުރައްވާނެ ކަމަށާއި އޭގެފަހުން، އެސްޓޯނިއާގެ ޤައުމީ މިއުޒިއަމަށް ޒިޔާރަތް ކުރައްވާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. 

ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި ހަމަޖެހިފައިވާ އެންމެ ފަހުގެ ބައްދަލުވުމަކީ އެސްޓޯނިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޓެލެކޮމިއުނިކޭޝަންސް އެސޯސިއޭޝަންގެ މަންދޫބުންނާއެކު ބޭއްވޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޑިޖިޓަލް ތަރައްޤީ ކުރިއެރުވުމަށް އެކުވެރިކަން ބަދަހިކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. 

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީގެ ވަޒީރު ޢަލީ އިޙްސާނާއި، ވިމެން އިން ޓެކް މޯލްޑިވްސްގެ ބާނީ ޢާއިޝަތު ޢަދުނާނާއި އަދި ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު މެންބަރު މުޙައްމަދު ޖައިލަމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ދިވެހިރާއްޖެއިން އެސްޓޯނިއާއަށް ކުރާ ފުރަތަމަ މަތީ ފެންވަރުގެ ދަތުރުފުޅެވެ. އަދި މިއީ ރައީސް މުޢިއްޒު ޔޫރަޕަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

- ކޮމެންޓް