ކ. މާލެ
|
8 ޖެނުއަރީ 2025 | ބުދަ 18:51
އިންޑިއާގެ ޑިފެންސް މިނިސްޓަރ އާއިއެކު ގައްސާން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިންޑިއާގެ ޑިފެންސް މިނިސްޓަރ އާއިއެކު ގައްސާން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އޭ.އެން.އައި
ރާއްޖޭގެ އަސްކަރިއްޔާއަށް އިންޑިއާގެ އެހީ
ރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދިނުމާއެކު ދިފާޢީ ތައްޔާރީތައް އިތުރުކުރުމަށް އިންޑިއާއިން އެހީތެރިކަންދެނީ
އިންޑިއާ-ރާއްޖެ އެކުގައި އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާބެހޭ ޕާޓްނަރޝިޕްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ގާތުން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް މަޝްރޫޢުތަކާއި، އާލާތްތަކާއި އަދި ތަމްރީނުދޭނެ

ރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދިނުމާއެކު ދިފާޢީ ތައްޔާރީތައް އިތުރުކުރުމަށް އިންޑިއާއިން އެހީތެރިކަންދޭނެކަމަށް އެގައުމުން ބުނެފިއެވެ.

އިންޑިއާއިން މި އެހީތެރިކަން ދޭނެކަމަށް ބުނެފައިވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނާތު ސިންގުއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ބުދަ ދުވަހު ދިފާޢީ ވަޒީރު ރަޖްނާތު ސިންގު ވަނީ ޣައްސާން މައުމޫން އާއިައެކު ނިއުދިއްލީގައި ދެފަރާތުގެ މަޝްވަރާތަކެއް ބާއްވާފައެވެ. އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ ދެފަރާތުގެ ދިފާޢީ އަދި ސަލާމަތީ އެއްބާރުލުމުގެ އެކި ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި ދެފަރާތުންވެސް ވަނީ އިންޑިއާ-ރާއްޖެ އެކުގައި އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާބެހޭ ޕާރޓްނަރޝިޕްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ގާތުން މަސައްކަތްކުރުމުގެ ޢަޒުމު އަލުން ދަމަހައްޓާނެކަން އަންގައި ދީފައިކަމަށް މި ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ އިސްކަންދޭ ކަންކަމާއި އެއްގޮތަށް އަދި އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި ސާގަރ (ސެކިއުރިޓީ އެންޑް ގްރޯތު ފޯރ އޯލް އިން ދަ ރީޖަން) ގެ ވިޝަންއާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދިނުމާއެކު ދިފާޢީ ތައްޔާރީތައް އިތުރުކުރުމަށް އެހީތެރިވެދިނުމަށް އިންޑިއާ ތައްޔާރަށް އޮތްކަން ތަކުރާރުކުރައްވާފައެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް މަޝްރޫޢުތަކާއި، އާލާތްތަކާއި އަދި ތަމްރީނުތަކުގެ ޒަރީޢާއިން އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެދިނުން ކުރިއަށް ގެންދާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އިތުބާރުހުރި ބައިވެރިއެއްގެ ހައިސިއްޔަތުންނާއި ގާތް ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ތަރައްޤީގެ ބޭނުންތަކަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިންޑިއާއިން އެހީތެރިވެދިނުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އިންޑިއާގެ ޑިފެންސް މިނިސްޓަރު ދެއްވިއެވެ.

އަނެއްކޮޅުން، ޣައްސާން ަވަނީ ދިވެހިރާއްޖެއަށް އިންޑިއާއިން 'ފުރަތަމަ އެހީތެރިވާ ފަރާތް' ގެ ގޮތުގައި އަދާކުރާ ދައުރު ފާހަގަކުރައްވާ، ރާއްޖެއަށް ޒަމާނީ އުމްރާނީ ޤާބިލުކަން އިތުރުކުރުމަށާއި ދިފާޢީ އަދި ސަލާމަތީ މުވައްޒަފުން ތަމްރީނުކުރުމަށް އިންޑިއާއިން ދެއްވާއެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ދިފާޢީ އާލާތްތަކާއި ތަކެތި ޙަވާލުކޮށްފައެވެ. ޣައްސާންގެ މި ދަތުރުފުޅު އައިސްފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލު އިންޑިއާއަށް ޒިޔާރަތްކުރައްވައި ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ބޭއްވެވި ތާ ދުވަސްކޮޅެއް ފަހުންނެވެ.

ޖެނުއަރީ 3 ގައި ބޭއްވުނު މި ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ ދިވެހިރާއްޖެއަކީ އިންޑިއާގެ 'ނޭބަރހުޑް ފަސްޓް' ސިޔާސަތުގެ "ވަރަށް ޢަމަލީ" ނަމޫނާއެއް ކަމުގައި ވިދާޅުވެ، އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް