ކ. މާލެ
|
6 މެއި 2025 | އަންގާރަ 09:40
ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
މިދިޔަ ސަރުކާރުން އިންޑިޔާ އާއިއެކު ސަތޭކަ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ބުނާ ވާހަކަ، ޣައްސާން ދޮގު ކުރައްވައިފި
ސަރުކާރުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވެފައި ވަނީ، އޭރުގެ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އިންޑިއާ އާއެކު 100 އަށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމަށް.

ދިވެހި ރާއްޖެ އިން އިންޑިޔާ އާއެކު 100 އެއްބަސްވުމުގައި ސޮއި ކޮށްފައި އޮތީ، 1965 ވަނަ އަހަރު ދިވެހި ރާއްޖެ މިނިވަންވި ފަހުން ކަމަށް، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ޖަލްސާގައި ޣައްސާނާ އެ ސުވާލު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު އެވެ. އެގޮތުން ޒިޔާދު ވިދާޅުވީ މިދިޔަ ސަރުކާރުން އިންޑިޔާ އާއެކު 100 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ މުޙައްމަދު ފިރުޒުލް ވިދާޅުވެފައިވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ، 1965 ވަނަ އަހަރު ދިވެހި ރާއްޖެ މިނިވަންވީ ފަހުން، އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު 100 އެތައް އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭގެ ތެރޭގައި ޑިފެންސް މިނިސްޓްރީ އިން ޒިންމާވާ އޮތީ ހަތަރު އެއްބަސްވުން ކަމަށް ވެސް ޣައްސާން ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ޣައްސާން ވިދާޅުވީ ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އަަދި އިސްތިޤުލާލަށް ބުރޫ ނާރާ ގޮތަށް އެއްބަސްވުން ތައްބަދަލު ކުރުމުގެ މަސައްކަތްތައް ކުރެވި، އަދިވެސް ކުރެވެމުން ދާ ކަމަށެވެ.

ޣައްސާން މިހެން ވިދާޅުވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުރެއްވި ފަހުން، ސަރުކާރުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވެފައި ވަނީ، އޭރުގެ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އިންޑިއާ އާއެކު 100 އަށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އަދި އެ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮޖެކްޓުތަކާއި، މަސައްކަތްތަކާ ގުޅޭ އެއްބަސްވުންތައް ނުހިމެނޭ ކަމަށް ވެސް ފިރުޒުލް ވަނީ ވިދާޅުވެފަ އެވެ. އަދި ސަތޭކަ އެއްބަސްވުމަކީ ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭރު ފިރުޒުލް ވިދާޅުވެފައި ވަނީ އެ އެއްބަސްވުންތައް މި ސަރުކާރުން ދިރާސާ ކުރާނެ ކަމަށެވެ. އަދި އެކަން ކުރުމަށްފަހު، އެކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަ ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، އޭރު ފިރުޒުލް ދެއްކެވި ވާހަކަ އާއި، ޑިފެންސް މިނިސްޓަރު އަންގާރަ ދުވަހު މަޖިލީހުގައި ދެއްކެވި ވާހަކަތައް ދިމާ ނުވާކަން ފާހަގަ ކޮށްލެވެ އެވެ.

އެގޮތުން މިދިޔަ ސަރުކާރުން އިންޑިއާ އާއެކު 100 އަށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރި ކަމަށް އޭނާ ވިދާޅުވި ނަމަވެސް، 100 އެއްބަސްވުމުގައި ސޮއި ކޮށްފައި އޮތީ 1965 ވަނަ އަހަރު ރާއްޖެ މިނިވަންވީ ފަހުން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން ވަނީ ވިދާޅުވެފަ އެވެ.

1965 ވަނަ އަހަރު ދިވެހި ރާއްޖެ މިނިވަންވީ ފަހުން، އިންޑިޔާ އާއި ދިވެހި ރާއްޖެއާ ދެމެދު ސަތޭކަ އެތައް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި އެބަ އޮތް. އެހެން ނަމަވެސް، މިނިސްޓްރީ އޮފް ޑިފެންސް އިން ޒިންމާވާ އޮތީ ހަތަރު އެއްބަސްވުން.

ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
- ކޮމެންޓް