ކ. މާލެ
|
8 ޖެނުއަރީ 2025 | ބުދަ 14:21
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓާސް
ޑޮނަލްޑް ޓްރަމްޕް
އެމެރިކާ އިން ކެނެޑާ އާއި ގްރީންލޭންޑާއި ޕެނަމާ ކެނަލް ހޯދުމަށް ޓްރަމްޕް އަނެއްކާވެސް އިތުރު އިންޒާރުތަކެއް ދެއްވައިފި
ރައީސްކަމަށް އިންތިޚާބުވެފައިވާ ޓްރަމްޕް އެމެރިކާގެ ސަރަޙައްދަށް އެހެން ތަންތަން އިތުރުކުރުމާ މެދު ދައްކަވާ ވާހަކަފުޅުގެ ސީރިއަސް ކަމެއް އަދި ނޭނގެއެވެ. ޚާއްޞަކޮށް 41 މިލިއަން މީހުން ދިރިއުޅޭ، ދުނިޔޭގެ ބިމުގެ ގޮތުން ދެވަނަ އަށް އެންމެ ބޮޑު ޤައުމު ކަމަށްވާ ކެނެޑާ އާ ބެހޭ ގޮތުން ދައްކަވާ ވާހަކަފުޅާ މެދު ގިނަ ބައެއްގެ ސަމާލުކަން ވަނީ އުފެދިފައެވެ.

ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް، އެމެރިކާއިން ކެނެޑާ އާއި ގްރީންލޭންޑާއި ޕެނަމާ ކެނަލް ހޯއްދެވުމަށް އޭނާ ގެންގުޅުއްވާ ވިސްނުންފުޅު އަނެއްކާވެސް އައު ކުރައްވާ އެތަންތަނާ ބެހޭ ގޮތުން އިތުރު އިންޒާރުތަކެއް ދެއްވައިފިއެވެ.

ގްރީންލޭންޑާއި ޕެނެމާ ކެނެލް އަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ވަރަށް މުހިންމު ތަންތަން ކަމަށް އޭނާ ދައްކަވާ ވާހަކަފުޅު އަނެއްކާ ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

ޑެންމާކުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެއް ކަމަށްވާ ގްރީލްލޭންޑާއި ޕެނަމާގެ ބާރުގެ ދަށުގައިވާ ކެނަލް ހޯދުމަށް ޓަކައި އަސްކަރީ ނުވަތަ އިޤްތިޞާދީ ބާރު ބޭނުން ކުރުން އިސްތިސްނާ ކުރާނެތޯ ދެންނެވުމުން، ޓްރަމްޕް ވިދާޅުވީ: "ނޫން. އަޅުގަނަޑަކަށް އެ ދެކަމުގެ ތެރެއިން އެއްވެސް ކަމަކާ މެދު ޔަޤީން ކަމެއް ނުދެވޭނެ."

"އެކަމަކު އަޅުގަނޑަށް މިހެން ދެންނެވި ދާނެ. އެމެރިކާ އަށް އެތަންތަން އިޤްތިޞާދީ ސަލާމަތަށް ޓަކައި ބޭނުންވޭ،" ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލާގޯ އެސްޓޭޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޕޯޓަރުން ފުޅާ ދާއިރާ އެއްގައި ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބ ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ޑެންމާކާއި ޕެނަމާއިން ވަނީ އެ ޤައުމުތަކުގެ ސަރަޙައްދުތައް ދޫކޮށްލާނެ އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

ކެނެޑާ އަތުލުމަށް މަސައްކަތް ކުރާނެތޯ ނޫސްވެރިއަކު އެހުމުން ޓްރަމްޕް ވިދާޅުވީ "އިޤްތިޞާދީ ބާރު" ބޭނުންކުރައްވާނެ ކަމަށެވެ. އަދި އެ ދެ ޤައުމުގެ ދެމެދުގައިވާ ބޯޑަރަކީ "މަސްނޫޢީ ގޮތުން ކުރަހާފައިވާ ރޮނގެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބޯޑަރަކީ ދުނިޔޭގައި ދެ ޤައުމެއްގެ ދެމެދުގައިވާ އެންމެ ދިގު ބޯޑަރެވެ. އަދި މިއީ 1700 ގެ އަހަރުތަކުގެ ފަހުކޮޅު އެމެރިކާ އުފެދުނު ދުވަސްވަރު އެއްބަސްވި މުޢާހަދާތަކުން ކަނޑައެޅިފައިވާ ބޯޑަރެކެވެ.

ރައީސް ކަމަށް އިންތިޚާބުވެފައިވާ ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ކެނެޑާ ހިމާޔާތް ކުރުމަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރާ ކަމަށެވެ. އަދި ކެނެޑާ އިން ކާރާއި، ލަކުޑި އާއި، ކިރުގެ އުފެއްދުންތަކުގެ އެމެރިކާ އަށް އިމްޕޯޓް ކުރާ ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވިއެވެ.

"އެމީހުން ވާންޖެހޭނީ (އެމެރިކާގެ) ސްޓޭޓަކަށެވެ،" ޓްރަމްޕް ވިދާޅުވިއެވެ.

އެއާ ގުޅިގެން މަޤާމުން ވަކިވެވަޑައިގަންނަވާ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެ ދެ ޤައުމު އެއްކޮށްލުމުގެ "އެއްވެސް ފުރުޞަތެއް" ނެތް ކަމަށެވެ.

އެކި މައުޟޫއު ތަކަށް ޓްރަމްޕް ވާހަކަފުޅު ދެއްކެވި މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވި މަގްސަދެއް ކަމަށް އޮތީ ދުބާއީގެ ޑިވެލޮޕަރ ޑަމާކް ޕްރޮޕަޓީޒް އިން އެމެރިކާގައި ޑޭޓާ ސެންޓަރުތައް ބިނާ ކުރުމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ކަމުގެ އިއުލާނު ކުރުމެވެ.

އެހެން އެކަން އޮތް ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ތިމާވެށީގެ ގަވައިދު ތަކަށާއި، އެމެރިކާގެ އިންތިޚާބީ ނިޒާމަށާއި، އޭނާއާ ދެކޮޅަށް ހިނގަމުންދާ އެކި ޤާނޫނީ މައްސަލަތަކަށާއި، ރައީސް ޖޯ ބައިޑަންއަށް ފާޑުވިދާޅުވަމުން ގެންދެވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުން ފާހަގަވި އެހެން ކަންތައްތަކުގެ ތެރޭގައ، "ގަލްފް އޮފް މެކްސިކޯ" ގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކުރުމަށް ވިސްނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވައިގެ ހަކަތައާ ދެކޮޅަށް އޭނާގެ ދެކޮޅުހައްދަވާކަން ތަކުރާރު ކުރައްވާ ވައިން ކަރަންޓު އުފައްދަން ބޭނުން ކުރާ ޓަރބައިންތަކުން "ބޮޑުމަހަށް ބޮޑު އުނދަގުލެއް ވަމުންދާ" ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕް މި ވާހަކަފުޅުތައް ދައްކަވަމުން ދިޔައިރު އޭނާގެ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ އުޅުއްވަމުން ގެންދެވީ ގްރީންލޭންޑަށް ކުރައްވާ ދަތުރުފުޅެއްގައި އެތަނުގައެވެ.

ގްރީންލޭންޑުގެ ވެރިރަށް ނޫކަށް ވަޑައިގަތުމުގެ ކުރިން، ޓްރަމްޕް ޖޫނިއަރ ވިދާޅުވީ އޭނާގެ ދަތުރަކީ "އަމިއްލަ ދަތުރެއް" ކަމަށާއި އެ ދަތުރުގައި ބައެއް ފަރާތްތަކާ ވާހަކަ ދައްކަން ހަމަޖެހިފައި އޮތް ނަމަވެސް، ސަރުކާރުގެ އިސްވެރިންނާ އެއްވެސް ބައްދަލުވުމެއް ރޭވިފައި ނުވާ ކަމަށެވެ.

ޓްރަމްޕް ޖޫނިއަރ ގްރީންލޭންޑަށް ކުރެއްވި ޒިޔާރަތާ ބެހޭ ގޮތުން އެހުމުން، ޑެންމާކުގެ ބޮޑުވަޒީރު މެޓާ ފްރެޑެރިކްސަން ޑެންމާކުގެ ޓީވީއަކަށް ވިދާޅުވީ "ގްރީންލޭންޑަކީ ގްރީންލޭންޑުގެ މީހުންގެ" ތަނެއް ކަމަށާއި، އެތަނުގެ މުސްތަޤްބަލު ކަނޑައެޅޭނީ ހަމައެކަނި އެތަނުގެ ރައްޔިތުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ "ގްރީންލޭންޑް އަކީ ވިއްކާ ތަނެއް ނޫން" ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ޑެންމާކުން ނޭޓޯގެ ބައިވެރިޔާ އެމެރިކާ އާއެކު ގާތް ގުޅުމެއް ބޭނުންވާ ކަމަށެވެ.

ގްރީންލޭންޑް ގައި އެމެރިކާގެ ބޮޑު ޖައްވީ މަރުކަޒެއް ހުރެއެވެ. އަދި އެތަނަކީ ބެޓެރީ އާއި ހައިޓެކް އާލާތްތައް އުފެއްދުމަށް ވަރަށް މުހިންމު މަދުންނޫނީ ނުހުންނަ މައުދަނުގެ ބާވަތްތަކުގެ ބޮޑު ޑިޕޮސިޓެއް އޮތް ތަނެކެވެ.

ޓްރަމްޕް ވިދާޅުވީ މި ޖަޒީރާ އަކީ ޗައިނާ އާއި ރަޝިޔާގެ އުޅަނދުފަހަރުތައް ޓްރެކް ކުރުމަށް ކުރެވޭ އަސްކަރީ މަސައްކަތްތަކަށް ވަރަށް މުހިންމު ތަނެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ އުޅަނދުފަހަރުތައް "ހުރިހާ ތަނެއްގައި" އުޅޭ ކަމަށެވެ.

އަލުން ރައީސްކަމަށް އިންތިޚާބުވުމަށްފަހު، ޓްރަމްޕް އެމެރިކާގެ އިހްތިސާސް ފުޅާކުރުމުގެ ޚިޔާލު ތަކުރާރު ކުރައްވާފައިވެއެވެ - މީގެ ތެރޭގައި ޕެނަމާ ކެނަލް އަނބުރާ ހޯދުން ވެސް ހިމެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރަމްޕް ވިދާޅުވީ އެ ކެނަލަކީ އެމެރިކާ އަށް "ވަރަށް މުހިންމު" ތަނެއް ކަމަށާއި އަދި "އެތަން ހިންގަމުންދަނީ ޗައިނާއިން" ކަމަށެވެ.

ޓްރަމްޕް ވަނީ އޭގެ ކުރިން ވެސް އެޓްލާންޓިކް އާއި ޕެސިފިކް ކަނޑު ގުޅުވައިދޭ މި މަގު ބޭނުން ކުރާ އެމެރިކާގެ އުޅަނދު ފަހަރަށް ބޮޑު އަގުނަގާ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވާފައެވެ.

ޕެނަމާގެ ރައީސް ޚޯސޭ ރައުލް މުލީނޯ ވަނީ ޓްރަމްޕްގެ ތުހުމަތުތައް ދޮގު ކުރައްވާ، ކެނަލްގައި "އެއްވެސް ވަރަކަށް ޗައިނާގެ ނުފޫޒެއް ނެތް" ކަމަށް ވިދާޅުވެފައެވެ.

ކެނަލްގެ ދެ ކޮޅުގައި ހުރި ދެ ބަނދަރު ހިންގަމުން ދަނީ ހޮންގ ކޮންގުގައި ހިންގާ ކުންފުންޏެއް ކަމަށްވާ ސީކޭ ހަޗިސަން ހޯލްޑިންގްސްއިން އިންނެވެ.

މި ކެނަލް ބިނާކުރެވުނީ 1900 އަހަރުތަކުގެ ކުރީކޮޅުގައެވެ. އަދި އެމެރިކާއިން އެ ކެނަލްގެ ސަރަޙައްދު 1977 ވަނަ އަހަރާ ހަމަ އަށް ކޮންޓްރޯލްކުރަމުން ގެންދިޔައެވެ. އެހެން ނަމަވެސް އޭރުގެ ރައީސް ޖިމީ ކާޓަރގެ ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުން ކެނެލްގެ ސަރަހައްދު ޕެނެމާގެ ދަށަށް ބަދަލު ކުރެވުނެވެ.

"ޕެނަމާ ކެނަލް ޕެނަމާއަށް ދިނުމަކީ ވަރަށް ބޮޑު ގޯހެއް،" ޓްރަމްޕް ވިދާޅުވިއެވެ. "[ކާޓަރ] އަކީ ރަނގަޅު މީހެއް... އެކަމަކު އެއީ ބޮޑު ގޯހެއް."

ރައީސްކަމަށް އިންތިޚާބުވެފައިވާ ޓްރަމްޕް އެމެރިކާގެ ސަރަޙައްދަށް އެހެން ތަންތަން އިތުރުކުރުމާ މެދު ދައްކަވާ ވާހަކަފުޅުގެ ސީރިއަސް ކަމެއް އަދި ނޭނގެއެވެ. ޚާއްޞަކޮށް 41 މިލިއަން މީހުން ދިރިއުޅޭ، ދުނިޔޭގެ ބިމުގެ ގޮތުން ދެވަނަ އަށް އެންމެ ބޮޑު ޤައުމު ކަމަށްވާ ކެނެޑާ އާ ބެހޭ ގޮތުން ދައްކަވާ ވާހަކަފުޅާ މެދު ގިނަ ބައެއްގެ ސަމާލުކަން ވަނީ އުފެދިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރަމްޕް ހަގީގަތެއް ނެތް އެތައް ވާހަކަތަކާއި، ޚިޔާލީ ވާހަކަފުޅުތައް ވެސް ދެއްކެވި ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.

- ކޮމެންޓް