އިތުރު ޖަނަރޭޓަރުތައް ގެނެސް އަންނަ ރޯދަ މަހުގެ ކުރިން ރަށްރަށުގައި ކަރަންޓަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް ހުވަދޫ އަތޮޅު ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފިޔޯރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.
ރަނގަޅަށް މެއިންޓެއިން ނުކުރެވެމުގެ ސަބަބުން ފެނަކައިގެ އިންޖީނުތަކުގެ ޖަނަރޭޓަރުތައް ހުރި ހަލާކުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެސްއޯއީތައް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އޭގެ ނަތިއްޖާ ކުރިއަށް 2 މަސް ތެރޭގައި ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ދެމަސް ދުވަހުގެ ތެރޭގައި އެންމެ ރަށެއްވެސް ދޫކޮށް ނުލާ ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަނަރޭޓަރުގެ މައްސަލަ ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަވާނޭކަމަށެވެ.
އެންމެ ރަށެއްވެސް ދޫކޮށްނުލާ ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަތައް ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން، މި ދެމަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، ރަމަޝާން މަހު ތިބޭފުޅުން ކަންބޮޑުވެޖެހިވަޑައިނުގަންނަވާ ފެންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް.ރައީސް މުއިއްޒު
ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ އަކީ އަބަދުހެން ދިމާވާ މައްސަލައަކަށް ވާއިރު އެކަމަށް ހައްލެއް ހޯދިފައި ނެތުމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.