ކ. މާލެ
|
6 ޖެނުއަރީ 2025 | ހޯމަ 19:05
މޯލްޑިވިއަންއަށް ގެނައި ވައިޑް ބޮޑީ އެއަރކްރާފް ގެނައުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވިއަންއަށް ގެނައި ވައިޑް ބޮޑީ އެއަރކްރާފް ގެނައުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ވައިޑް-ބޮޑީ މަތިންދާބޯޓު
އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަނީ
މިއީ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާޙުކުރުމަށް ހޯމަ ދުވަހު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފުލާގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އޮޕަރޭޝަންތައް ފެށުމާއެކު، ޤައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އުދުހުންތައް ދިވެހިންގެ އަތްމަތީގައި އޮތުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ގޮތުގައި ފަތުރުވެރިކަމާއި، އުދުހުމުގެ ސިނާޢަތަށް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. އަދި މި އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނޭ އަހަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއަށް މި އޮތީ ތަރައްޤީގެ ދުވަސްތައް ކަމަށާއި، މި އަހަރު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ، އިޤްތިޞާދީ، އިޖުތިމާޢީ، އަދި ޢުމްރާނީ ގޮތުންވެސް ތަރައްޤީގެ ޢަމަލީ މަންޒަރުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން މަސައްކަތްކުރަނީ ތަރައްޤީ އާއި ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތު އެކުއެކީގައި ޙާޞިލުވެގެންދާ ފަދަ ވަށާޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެސްދެއްވުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި، "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތަޢާރަފްކުރުމަށް ނިންމީ 17 ޑިސެންބަރު 2023 ގައެވެ.

- ކޮމެންޓް