ގުޅިފަޅުގެ މަގު ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަޝްރޫޢު ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ހަވާލުކޮށްފިއެވެ.
ކ. ގުޅިފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ. މި މަޝްރޫޢުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބުއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ރީޖަނަލް ޖެނެރަލް މެނޭޖަރ ކިއާން ހައޯޖޫންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމާއެކު ސަރވޭ އަދި ތަފްސީލު ކުރެހުމުގެ މަސައްކަތް ކޮންޓްރެކްޓަރު ފަށާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޕްރޮޖެކްޓް ސްކޯޕިން ތައްޔާރުކުރުމާއި ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ކޮންސެޕްޓް ލެވަލްގެ ޑިޒައިން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިހުރިހާ މަސައްކަތްތަކަށްފަހު ކޮންޓްރެކްޓަރ ފައިނޭންސް ހަމަޖައްސާ ގޮތަށް ސީއެމްއީސީން ހުށަހެޅި ޕްރޮޕޯސަލް އިވެލުއޭޓްކޮށް އެއާމެދު ކުރެވުނު މަޝްވަރާތަކަށްފަހު ކޮންޓްރެކްޓާ ހަމައަށް އާދެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެމްއީސީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރަ ޝިއެ-ޚަރ ވިދާޅުވީ އެކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ގުޅިފަޅު މަޝްރޫއަކީ މުހިންމު މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫޢުގެ ތެރެއިން، ކަރަންޓުގެ ޚިދުމަތްދިނުމުގެ ނެޓްވާރކް ޤާއިމުކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅިފަޅުގައި ޤާއިމުކުރުމާއި، ޑީވޯޓަރިންގ ސިސްޓަމް ޤާއިމުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ގިގަބިޓް އީތަރނެޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) ޑަކްޓް ސިސްޓަމް ޤާއިމުކުރުމާއި، އަދި ގޭސް ސްޓޯރޭޖާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ނަމަވެސް މި މަސައްކަތް ސީއެމްއީސީއާއި ހަވާލުކުރި އަގެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.