ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މަގާމުން އިސްތިއުފާ ދެއްވުމަކީ ގާތް ކަމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ދުނިޔޭގެ މީޑިއާ ތަކުން ހާމަ ކުރާ ގޮތުގައި އިސްތިއުފާ ދެއްވުމާ މެދު ފައިނަލް ނިންމެވުމެއް ނިންމަވާފައި ނުވި ނަމަވެސް، ބައެއް ފަރާތްތަކުން ރިޕޯޓުކުރާ ގޮތުގައި ބޮޑު ވަޒީރު ޓްރޫޑޯ މިއަދުވެސް އިސްތިއުފާ އިޢުލާނުކުރެއްވުން އެކަށީގެންވެއެވެ.
އެހެން ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޓްރޫޑޯ ކުރިއަށް އޮތް ދުވަސްތަކުގައި އިސްތިއުފާ އިޢުލާނުކުރުން އެކަށީގެންވެއެވެ.
ރޮއިޓަރސް ނިއުސް އޭޖެންސީ އަދި ކެނެޑާގެ ގްލޯބް އެންޑް މެއިލް އަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި، އުމުރުން 53 އަހަރުގެ ޓްރޫޑޯ މިއަދުވެސް ކެނެޑާގެ ވެރިކަން ހިންގާ ލިބަރަލް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ އިޢުލާނުކުރެއްވުން އެކަށީގެންވެއެވެ.
އަނެއްކޮޅުން ރޮއިޓަރސްއިން ބުނާ ގޮތުގައި ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލިބަރަލް ޕާޓީގެ ސިޔާސީ ވެރިންގެ ކުއްލި ބައްދަލުވުމުގެ ކުރިން މަގާމުގައި ދެމިހުންނެވުމާ މެދު އޭނާ އިޢުލާނެއް ކުރައްވާނެ ކަމަށް ބެލެވެއެވެ.
ސިޔާސީ ފިއްތުންތައް ކުރިމަތިވެ ވަޑައިގެންފައިވާ ކެނެޑާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވާނީތޯ ނުވަތަ ލިބަރަލް ޕާޓީގެ އައު ލީޑަރެއް އިންތިޚާބުކުރެވެންދެން ބޮޑުވަޒީރުކަމުގައި ދެމިހުންނެވާނީތޯ އަދި މުޅިން އަދި ސާފު ނުވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
ޓްރޫޑޯ 2013 އިން ފެށިގެން ލިބަރަލް ޕާޓީގެ ލީޑަރުކަން އަދާ ކުރައްވަމުން ގެންދަވާއިރު، 2015 އިން ފެށިގެން އޭނާ ކެނެޑާގެ ބޮޑުވަޒީރުކަން ގެންދަވަނީ އަދާ ކުރައްވަމުންނެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ޓްރޫޑޯ ގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވުމާއެކު އޭނާގެ ޕާޓީގެ މެމްބަރުން ގެންދަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ.
ސިޔާސަތު ތަކާ މެދު ޚިޔާލު ތަފާތުވެ ޑިސެމްބަރު މަހު ޓްރޫޑޯ ގެ މާލީ ވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާއަށް އިތުރު ފިއްތުންތަކެއް ކުރިމަތިވެފައިވެއެވެ.