އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ހަމަޖެހުމެއް ހޯދައިފި އެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާާފުގައި ވެސް ދެ ލަނޑު ޖެހި އެވެ. މި ހާފުގައި ވެސްޓް ހޭމުން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ލިބުނީ ވެސްޓް ހޭމްގެ ވްލަޑިިމިއޭ ސޯފާލް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ނޯވޭގެ ފޯވާޑް އާލިން ހާލަންޑު ވަނީ ލަނޑު ޖަހައި ސިޓީ އަށް ލީޑު ފުޅާ ކޮށްދީފަ އެވެެ.
ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ވެސް ހާލަންޑު އެވެ. އެ ލަނޑު އޭނާ ޖެހީ ސަވީނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ތިން މިނެޓު ފަހުން ފިލް ފޮޑެން ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ. މެޗުގައި ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ނިކްލަސް ފުލްކްރޫގް އެވެ.
މޮޅާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 20 މެޗުން 34 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ފަސް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބެނީ 35 ޕޮއިންޓެވެ. މި ސީޒަންގެ ލީގުގައި ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ހަ މެޗަކުން އެ ޓީމު ވަނީ ބަލިވެފަ އެވެ.