ކ. މާލެ
|
4 ޖެނުއަރީ 2025 | ހޮނިހިރު 18:20
މާލޭގެ މަސްމާރުކޭޓު ސަރަހައްދުގައި މީހަކު ތަރުކާރީ ވިއްކަނީ
މާލޭގެ މަސްމާރުކޭޓު ސަރަހައްދުގައި މީހަކު ތަރުކާރީ ވިއްކަނީ
ގެޓީ އިމޭޖަސް
އިންފްލޭޝަން
ކާބޯތަކެއްޗާއި ޑޮކްޓަރަށް ދެއްކުމުގެ އަގުތައް ވެސް އުފުލިއްޖެ: އެމްއެމްއޭ
2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އިންފްލޭޝަން ރޭޓް 0.3 އިންސައްތައިގައި ހުރިއިރު، އަހަރުގެ ތިންވަނަ ކުއާޓަރުގައި އިންފްލޭޝަން މައްޗަށް ދިޔަ މިންވަރަކީ ވަރަށް ބޮޑު އިތުރުވުމެއް.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ތަކެތީގެ އަގުތައް އުފުލި، އިންފްލޭޝަން ރޭޓް 1.3 އިންސައްތަ އަށް މައްޗަށް ހިނގައްޖެއެވެ.

2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އިންފްލޭޝަން ރޭޓް 0.3 އިންސައްތައިގައި ހުރިއިރު، އަހަރުގެ ތިންވަނަ ކުއާޓަރުގައި އިންފްލޭޝަން މައްޗަށް ދިޔަ މިންވަރަކީ ވަރަށް ބޮޑު އިތުރުވުމެއްކަން ފާހަގަ ކުރެވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑިސެމްބަރު މަހު ނެރުނު "ކުއަރޓަލީ އެކޮނޮމިކް ބުލެޓިން" ގައި ބުނެފަވާ ގޮތުގައި ތަކެތީގެ އަގުތައް މައްޗަށް ދިޔަ އެއް ސަބަބަކީ ހަކަތައާ ގުޅުންހުރި ތަކެތީގެ އަގުތައް މައްޗަށް ދިއުމެވެ.

އެމްއެމްއޭ އިން ފާހަގަ ކުރާ ގޮތުގައި ކާބޯތަކެއްޗާއި، ޞިއްޙީ ޚިދުމަތުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައެވެ.

ކާބޯތަކެއްޗާއި ލުއި ބުއިންތަކުގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަކަށް ވަނީ މައްޗަށް ގޮސްފައެވެ. 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކާބޯތަކެތީގެ އަގުތަކުގެ އިންފްލޭޝަން ވަނީ 1.5 އިންސައްތަ މައްޗަށް ގޮސްފައެވެ.

މައިގަނޑު ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރަމުން، އެމްއެމްއޭ ގެ ރިޕޯޓުގައި ބުނެފައިވަނީ މަހުގެ ބާވަތްތަކުގެ އަގުތަކާއި، ތަރުކާރީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަކަށް އުފުލިފައިވާ ކަމަށެވެ.

އޭގެ އިތުރުން މޭވާ އާއި، ކިރުގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔަކަން ވަނީ ފާހަގަ ކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ، މޭވާއާއި ތަރުކާރީގެ އަގުތައް މައްޗަށް ދިއުމަށް މައިގަނޑު ގޮތެއްގައި ދިމާވި އެއް ސަބަބު ކަމަށް ބެލެވެނީ އެ ކުއާޓަރުގައި ލުނބޯ، ފިޔާ އަދި މިރުސް ފަދަ ތަކެތީގެ ސަޕްލައިގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން ކަމަށެވެ. ތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާއިރު، ޞިއްޙީ ޚިދުމަތުގެ ބޮޑުވެފައިވާ އަގުތަކުން މުޅި އިންފްލޭޝަނަށް 0.2 ޕަސެންޓޭޖް ޕޮއިންޓްގެ ހިއްސާއެއް ކޮށްފައިވާ ކަމަށެވެ.

ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތުގެ އަގާއި، ސިއްޙީ ޚިދުމަތްތަކުގެ އަގުތައްވެސް މައްޗަށް ގޮސްފައިވާކަން އެމްއެމްއޭ އިން ވަނީ ފާހަގަ ކޮށްފައެވެ.

- ކޮމެންޓް