އާމްދަނީ ނުލިބޭ ކަމަށް ސަރުކާރުން ބުނާ ވާހަކަ ދިމާ ނުވާ ކަމަށާއި، ސަރުކާރުގެ ފޯކަސް ހުރީ ސިޔާސީ މުވައްޒަފުންނަށް ޚަރަދުކުރުމަށް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
2025 ވަނަ އަހަރުގެ ބަޖެޓަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ. ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓާއި 2025 ވަނަ އަހަރުގެ ބަޖެޓާއި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. އެހެންކަމުން ބަޖެޓް އެކުލަވާލި ގޮތުގެ ސަބަބުން މަޝްރޫޢޫތައް ސަރުކާރަށް ނުހިންގޭ ކަމަށް ބުނުމަކީ އޭގައި ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށް އަމީރު ވިދާޅުވިއެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް ބަދަލުވި އިރު އޭގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ނުލިބޭ އެތައް ފުރުސަތެއް ހޯދާދީފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭރު ޓްރާންސިޝަން ކޮމިޓީގެ ހުރިހާ ބޭފުޅުން ފިނޭންސަށް ގޮސް އޭރު މި ސަރުކާރުން ބޭނުންވި ހުރިހާ ކަމެއް އެެ ބޭނުންވި ގޮތަކަށް ކޮށްދީފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން 2023ގެ ސަޕްލިމެންޓްރީ ބަޖެޓުވެސް ހުށަހެޅީ ވެސް މި ސަރުކާރުގެ ބައިވެރިވުމާއި އެކުގައިކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
އަމީރު އިތުރަށް ވިދާޅުވީ 2024 ވަނަ އަހަރު 2023 އަށް ވުރެ ހިލޭ އެހީ އާއި އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށެވެ. ހިލޭ އެހީ ލިބުނު މިންވަރު އިތުރުވި ނަމަވެސް ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި ކަމަށާއި ރަށްތަކުގައި އަލަށް ކަމެއް ނުފެށޭ ކަމަށެވެ. ސަރުކާރަށް ކުރެވުނުހާވެސް ކަމަކީ ނިމިފައި ހުރި މަޝްރޫޢޫތަކުގެ ރިބަންކެނޑުން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. 2025 ވަނަ އަހަރުގެ ބަޖެޓުގައި ތަފާތުވާ ހަމައެކަނި ކަމަކީ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތަފްސީލް ނެތުން ކަަމަށް ވެސް އަމީރު ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު މަކަރުވެރިކަމެއްގެ ތެރެއިން ހިނގާ ކަމެއް ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ބަޖެޓު ހުށަހެޅިއިރު ވެސް ބަޖެޓުގައި ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އޮންނަން ޖެހޭނެ ކަމަށާއި، މީގެ ކުރިން ބަޖެޓު ހުށަހެޅިގެން އަންނައިރު އޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު ބަޖެޓު ފޮތުން ވެސް ފެންނަން އޮންނާނެ ކަމަށެވެ.