ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭކަމަށް ފިނޭންސް މިނިސްޓްރީން ބުނަނީ ކެމްޕޭނުގައި ބުނި އަދަށްވުރެ ސިޔާސީ މުވައްޒފުންގެ އަދަދު ގިނަކަމުން ހާމަކުރަން ބޭނުން ނުވާތީ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދުގެ ރެކޯޑެއް ނުގެންގުޅެން: ފިނޭންސް މިނިސްޓްރީން ނުގެންގުޅޭކަމަށް އެ މިނިސްޓްރީން ބުނެފައިވާތީ އެކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ފިނޭންސް މިނިސްޓްރީއަށް އެނގޭނެ ކަމަށެވެ. އަމީރު ވިދާޅުވީ ފެނިގެންދަނީ މައުލޫމާތުދޭން އެދުނަސް އެ މައުލޫމާތު ނުދީ ހިފަހައްޓާތަން ކަމަށާއި، މައުލޫމާތު ހާމަކުރާނެކަމަށް މި ސަރުކާރުން ބުނި ވާހަކައާއި ހިލާފުވެ ބަސްމަގާއި ހިލާފުވެފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ބަޖެޓު ހުށަހެޅިއިރު ވެސް ބަޖެޓުގައި ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އޮންނަން ޖެހޭނެ ކަމަށާއި، މީގެ ކުރިން ބަޖެޓު ހުށަހެޅިގެން އަންނައިރު އޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު ބަޖެޓު ފޮތުން ވެސް ފެންނަން އޮންނާނެ ކަމަށެވެ.
ދެހާސް ސައުވީސް ވަނަ އަހަރު ވެސް ދެހާސް ތޭވީސް ވަނަ އަހަރު ވެސް ބާވީސް ވަނަ އަހަރާއި އަދި އޭގެ ކުރީގެ ސަރުކާރުތަކުގައި ވެސް ބަޖެޓު ހުށަހެޅި ފާސްވެގެން އަންނަ އިރުގައި އޮންނާނެ ސިޔާސީ މުވައްޒަފުންގެ އަދަދު. ހަމަ ބަޖެޓު ފޮތުގެ ބަޖެޓު ޓޭބަލް އިން. ދެން މިހާރު އަޅުގަނޑަށް މި އެނގެނީ މިހާރު ދެހާސް ފަންސަވީސް ވަނަ އަހަރު ހުށަހެޅި ބަޖެޓުގައި އެ އަދަދުތަކެއް ނުހިމަނާ އެ ބަޖެޓު ފޮނުވާފައި ފާސްކޮށްފައި. މިއަދު އެކަމަކު އަޅުގަނޑަށް ހަމަ ޔަގީން މިނިސްޓްރީ އޮފް ފިނޭންސަށް އެނގޭނެ މިނިސްޓްރީ އޮފް ފިނޭންސްގައި ހުންނާނެ މަޢުލޫމާތުތައް. ދެން މިހާރު މި ބޭފުޅުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަޢުލޫމާތު ހާމަކުރަން ޖެހިލުން ވަނީ. އެހެން މަޢުލޫމާތު ހާމަކުރަން ބޭނުން ނުވަނީ.ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އަމީރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި 700 ސިޔާސީ މަގާމުތަކުގައި މުވައްޒަފުން މަސައްކަތް ކުރި ވެސް އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއަށް އެނގޭނެ ކަމަށެވެ. އަދި މި ސަރުކާރުން 700ށް ވުރެ ސިޔާސީ މަގާމް އިތުރު ނުވާނަކަމަށް ވިދާޅުވެ ވެރިކަމަށް އައިސް މިހާތަނަށް 2000ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވެސް ވަނީ މީގެ ކުރިން ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ހުންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މައުލޫމާތު ހޯދުމަށް މިހާރު ނޫހުން އެދުމުން، ފިނޭންސް މިނިސްޓްރީން ދީފައިވާ ޖަވާބަކީ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ ވަނަވަރާއި އަދި މުވައްޒަފުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ރެކޯޑްކޮށް، ބަލަހައްޓަމުން ނުދާ ކަމަށެވެ. ވަކިވަކި މިނިސްޓްރީތަކުގައި އަދި އިދާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރައިގެ ކަންކަމަކީ އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ބަލަހައްޓާ ކަންކަން ކަމަށެވެ.