ވޭޕް މަނާކޮށް، ސިނގިރޭޓް އަގުބޮޑު ކުރުމަކީ ރައީސް މުއިއްޒު ނިންމެވި ހިތްވަރުގަދަ ކެރޭ އަދި ދިވެހި ރައްޔިތުންނަށް ހެޔޮ އެދި ވަޑައިގެން ނިންމެވި ނިންމެވުމެއް ކަމަށް ބުނެ މުއިއްޒު ދެއްވާފައިވާ އެކި ވަޒީފާތަކުގައި ތިބި ފަރާތްތަކުން މުއިއްޒު ދިފާއުކޮށް ވާހަކަ ދައްކަމުންދާއިރު، ގިނަ ރައްޔިތުން އެ ވާހަކަ ގަބޫލެއް ނުކުރެއެވެ.
ދުންފަތުގެ ބާވަތްތަކުން ސިއްހަތައް ލިބޭ ގެއްލުމަކީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހާވެސް އެކަން ކުރަނީ ފޮށީގެ ބޭރުގައި ލިޔެފައި އޮންނަ "ދުންފަތުން ލިބެނީ ވޭން ދެނިވި މަރެއް" ކަން އެނގި ހުރެއެވެ. އެއީ ހޭލުންތެރިކަން ބޮޑު ދިވެހި އާބާދީގައި އެންމެ ކުޑަ ކުއްޖާ އަށް ވެސް އޮޅުމެއް އަރާ ކަމެއް ނޫނެވެ.
މިކަން މިހެން އޮތް އިރު، މުއިއްޒުގެ ސަރުކާރުން ވޭޕް މަނާކޮށް، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ބޮޑުކޮށް، ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރީ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ގެންދިއުމަށް ހެޔޮ އެދިގެން އެޅި ފިޔަވަޅެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރަނީ ކީއްވެ ހެއްޔެވެ؟
ފުރަތަމަ ކަމަކީ ސިއްހަތު ސަލާމަތް ކުރުމުގެ މަގްސަދުގައި ކުރި ކަމެއް ނަމަ ވޭޕް މަނާ ކުރި ފަދައިން ފުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އެހެން ހުރިހާ ތަކެތި ރާއްޖެ އެތެެރެކުރުން މަނާ ނުކުރީ ކީއްވެހެއްޔެވެ؟ ބިޑި އަނބުރަން ބޭނުންވާ ތަކެތި އެތެރެ ކުރުން މަނަލެވެ. އެކަމަކު އަނބުރާފައި ހުންނަ ބިޑި ރާއްޖެއިން ބޭރުން އެތެރެކޮށްގެން ބުއިން ހުއްދައެވެ. ހަމަ އެއް ނުޖެހެއެވެ. ލާރި ހުރިއްޔާ ކިތަންމެ ވަރަކަށް ބުޔަސް އެންމެ ރަނގަޅެވެ. ދިވެހިންގެ ސިއްހަތައް އެވަރަށް ކަންބޮޑުވާ ސަރުކާރަކުން އެ ބޮޑު ގެއްލުންދޭ އެއްޗެހި އެކީ އެކައްޗަކަށް މަނާ ކުރީމާ އެނިމުނީއެވެ. މަޖިލިސް އޮތީ މުށުތެރޭގައެވެ. ޗުއްޓީގައި ތިބެފައިވެސް ނުކުމެ އެންގެވީމާ އެންގެވި ކަމެއް ކޮށްލާނެއެވެ. އެހެން ނަމަވެސް އެކަން އެގޮތަކަށް ނުކުރާނެއެވެ. ނުކުރާނީ މިކަމުގެ ހަގީގީ ސަބަބަށް ޓަކައެވެ.
އެ ސަބަބަކީ ރާއްޖެއަށް އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ދެގުނަ އަށް ބޮޑު ކުރީ ސީދާ އާމްދަނީ ހޯދުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓު ފޮތުގައި ބުނެފައި އޮތުމެވެ. ސަރުކާރުން އާމްދަނީ ހޯދަން 7 ސިޔާސަތެއް ތައާރުފް ކުރާ ވާހަކަ ބުނެފައި އޭގެ ތެރެއިން އެއް ސިޔާސަތަކީ ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑު ކުރުން ކަމަށް ފާޅުގައި އޮތީ ބުނެފައެވެ.
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ގެނައި ބަދަލާއެކު 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓް ފޮތުގައި އޮތީ ޖާހާފައެވެ. މިއީ ދައުލަތަށް ލިބެން ޖެހޭނެ އާމްދަނީ އެވެ. އެހެން ކަމަށް ވާނަމަ، އެތަކެތި ވިކެންވެސް ޖެހޭނެ އެވެ. ބޭނުންވެސް ކުރަން ޖެހޭނެއެވެ. ބޭނުން ކުރާ ވަރަކަށް އިމްޕޯޓުވެސް ކުރަން ޖެހޭނެއެވެ. ޓެކްސް ލިބޭނީ އޭރުންނެވެ. އެހެންވެ އެވިދާޅުވާ ސިއްހަތައް ގެއްލުން ލިބޭ ދުންފަތް މަނާ ކުރެވޭކަށް ނެތެވެ. އަގު ބޮޑު ކުރީ ރައްޔިތުން އެއާ ދުރުކުރުމުގެ މަގްސަދުގައި ކަމަށް ވާނަމަ އަގު ބޮޑުވެގެން އެއާ ދުރަށް ގޮސް އާމްދަނީ އެއް ނުލިބޭނެ ކަމަށް ބަލައި އެ ގޮޅީގައި އެހެން ނަމަ އޮންނާނީ ސުމެއް ޖަހާފައި ނޫން ބާވައެވެ؟
ދުންފަތުގެ ބާވަތްތައް އުފައްފަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރީވެސް ސިއްހަތާ ގުޅޭ މަގްސަދެއް ހާސިލު ކުރާކަށް ނޫނެވެ. އެއީ އަންދާޒާ ކޮށްފައިވާ އާމްދަނީ އަށް ހުރަސް އެޅޭނެ މަގުތައް ބަންދު ކުރަން ކުރި ކަމެކެވެ. އަމިއްލަ އަށް ބިޑި އަނބުރައިގެން ބޭނުން ކުރާނަމަ އިމްޕޯޓު ކޮށްގެން ވިއްކާ ބިޑި އަށް ޑިމާންޑް ކުޑަވާނެ ކަން ކޮންމެ މީހަކަށް ވިސް ނޭނެއެވެ.
އެހެން ކަމުން ސިއްހަތު ސަލާމަތް ކުރުމަކީ ދުންފަތު ސިޔާސަތުތަކަށް މިގެނައި ބޮޑު ބަދަލުގެ މަގްސަދުގައި އޮތް ކަމެއްގެ ގޮތުގައި ގަބޫލު ކުރަން ދައްޗެވެ. ރައްޔިތުން ގަބޫލު ކުރަނީ އަދި ސޯޝަލް މީޑިއާ ގައި ލިޔަމުންދަނީ ވެސް މިއީ ރައްޔިތުން ފެލައިގެން އާމްދަނީ ހޯދަން ކުރި ކަމެއް ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފާފައިވާ ބަޔަކަށް ކުއްލި އަކަށް ދުންފަތާ ދުރައް ނުދެވޭނެ ކަން ރަނގަޅަށް އެނގި ވިސްނި ތިބިގެން އަގުހެޔޮ ތަކެއްޗަށް ހުރަސް އަޅާ ސިނގިރޭޓް ފޮއްޓެއް 250 ރ. އަށް ގަންނަން މަޖުބޫރު ކުރުވަނީއެވެ. އެއާއެކު ދިވެހިން ފެލައިގެން 2025 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ނެރުމަކީ ސަރުކާރުގެ އަމާޒެވެ.
ދުންފަތުގެ ބާވަތްތަކުން އަގު އިންތިހާ އަށް މައްޗަށް ޖެއްސީ މުއިއްޒުގެ ހިތްވަރު ގަދަ ކަމުން ކަމަށް ވެދާނެއެވެ. އެއީ ރައްޔިތުން މިހާރު ތިބި ހާލަތުން ޖީބުގައި ވަރެއް ނެތް ދުވަސް ވަރެއްގައި ކުޑަކޮށްވެސް ރައްޔިތުންގެ މާލީ ހާލަތާ މެދު ވިސްނާ ވެރިޔަކު އިތުރަށް ރައްޔިތުން ފެލަން ނުވިސްނާނެއަތީއެވެ. އެކަންވަނީ ވަރަށް ހިތްގަދަ މީހަކަށެވެ. ހަމަ ގައިމުވެސް ޔަގީންވާ ކަމަކީ އެއީ ރައްޔިތުނަށް ހެޔޮ އެދިގެން ރައްޔިތުންގެ ސިއްހަތަށް ހެޔޮ އެދިގެން ނިންމި ނިންމުމެއް ނޫން ކަމެވެ.