ހާލުގައި ޖެހުނު ވަގުތު މާލީ އެހީ އިންޑިއާ އިން ދީފައިވާތީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލު އިންޑިއާ އަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
މިނިސްޓަރ ޚަލީލު އިންޑިއާ އަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ރާއްޖެ އަށް ފުރަތަމަ އެހީ ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އިންޑިއާ އިން އަދާ ކުރާ ދައުރު މިނިސްޓަރ ޚަލީލު ފާހަގަ ކުރައްވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އިންޑިއާ އާ ދެކޮޅަށް ރާއްޖޭގައި ހިންގި "އިންޑިއާ އައުޓް" ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ޑރ. މުއިއްޒުގެ މިހާރުގެ ޚާރިޖީ ވަޒީރު ޖެނުއަރީ މަހުގެ 02-04 ށް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ހުކުރު ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާއި ފޮރިން މިނިސްޓަރު ޑރ. ޚަލީލް ވަނީ ދެގައުމުގެ މަޝްވަރާތައް ބާއްވައި، ރައީސް ޑރ. މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެފަރާތުންވެސް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަން ފާހަގަ ކުރައްވާފައި ކަމަށް އިންޑިއާގެ ޚާރިޖިއްޔާ އިން ބުނެފައިވެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރ ޑރ. ޖައިޝަންކަރު ވަނީ ރާއްޖެ އާއެކު އިންޑިއާ އިން ބާއްވާ ގުޅުމަށް އިންޑިއާ އިން ދޭ މުހިންމުކަން އަލުން ކަށަވަރުކޮށްދެއްވާ، އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި ވިޝަން ސަގާރ (ސެކިއުރިޓީ އެންޑް ގްރޯތް ފޯރ އޯލް އިން ދަ ރީޖަން) ގެ ދަށުން ރާއްޖެއަށް ދޭ އެހީތެރިކަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރާއްޖެ އިން ހާލުގައި ޖެހުނު ވަގުތުގައި އިންޑިއާ އިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމުގެ އަގު ވަޒަން ކުރައްވާ ކަމަށާއި އެކަމަށް އިންޑިއާ އަށް ޝުކުރު އަދާ ކުރައްވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވި ކަމަށް ވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓަރ ޚަލީލުގެ މި ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ފޭސް ތިނެއްގެ މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކޮށްފައިވެއެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަތީ ފެންވަރުގެ ގުޅުންތަކުގެ ބައެއް ކަމަށާއި، ދެ ޤައުމާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދެޤައުމުގެ ފައިދާއަށްޓަކައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ދަތުރުފުޅެއް ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.