ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 12:15
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުން ރައީސް މުޢިއްޒު މޯދީއާ ބައްދާލައްވައި ސަލާމް ކުރައްވަނީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުން ރައީސް މުޢިއްޒު މޯދީއާ ބައްދާލައްވައި ސަލާމް ކުރައްވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ޤައުމަށް މިއަށްވުރެ ބޮޑު ޚިޔާނާތެއް ނެތް!
"މޯދީ ޖީ، ސަބީ މޯލްޑިވިއަން ކީ އޯރް ސޭ، އާޕްކާ މޯލްޑިވްސް މޭ، ސުވާގަތު ކަރްނާ ހަމާރޭ ލިޔޭ އެކް ގަރްވް ކި ބާުތު ހޭ" މިހެން ބުނެ އެ ލަވައިގައި ކިޔަމުން ދިޔައިރު، މޯދީގެ އަރިހުގައި ހުރިހާ ދަތެއް ދައްކައިގެން ހެވި ދިލިފައި އެ ހުރީ، މީގެ ކުރިން މޯދީއާ ދިމާލަށް ހެއްދެވި ނުހެއްދެވި އަށް ގޮވި، ރައީސް މުޢިއްޒު އެވެ.

މި ވާހަކަ ފަށާނީ ވެސް މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު ވެރިކަމުގައި އޮތީ، މިއަދު އިިދިކޮޅުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިމް ޕާޓީ (އެމްޑީޕީ) އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. އެ ސަރުކާރުން ގެންދިޔައީ ޒަމާނުއްސުރެ ދިވެހި ރާއްޖެއާ އަވަށްޓެރި އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

ސިއްރު ގުޅުމެއް ނޫނެވެ. އިންޑިއާ އިން ދިޔައީ ރާއްޖެ އަށާއި، ދިވެހި ރައްޔިތުންނަށް ފައިދާ ވާނެ އެތައް އެތައް ކަމެއް ކޮށްދެމުންނެވެ. މުޅި ދުނިޔެ އަށް އާލަމީ ބޮޑު ވަބާއެއް ކުރިމަތިވެގެން ދިޔަ ދަނޑިވަޅުގައި މުޅި ރާއްޖެ ބަންދުކޮށް، އެންމެ ޑޮލަރެއް ވެސް ޤައުމަށް ނުވަން ދުވަސްތަކުގައި ވެސް، ރާއްޖެ އަށް އެންމެ ބޮޑު އެހީއެއްވީ އިންޑިއާ އިންނެވެ.

އެކަމަކު، އެ ކަންކަން ރައްޔިތުންނަށް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރި އެވެ. އޭރު އިދިކޮޅުގައި އޮތް، އަދި މިހާރު ވެރިކަމުގައި އޮތް ޕީޕީއެމް-ޕީއެންސީ އިންނެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲގެ އިތުރުން، މިނިސްޓަރު މުޙައްމަދު ސަޢީދު އާއި، މިނިސްޓަރު ޝިޔާމް އާއި، މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންމެން އޭރު އުޅުއްވި ގޮތް ފެނުނީމަ، އެ ބޭފުޅުން ވެސް މިއަދު ލަދުން ދެ ފައި ގާތް ކޮށްލަން ނުކެރޭނެ އެވެ.

އިންޑިއާ އިން ރާެއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށާއި، އިންޑިއާގެ އަވަށަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، އިންޑިއާ އިން ރާއްޖެ އަޅުވެތި ކޮށްގެން އުޅޭ ކަމަށް ބުނަމުން ގެންދިޔަ އެވެ. ރާއްޖެ އަށް އެއްވެސް ކަމެއްގައި ބަސް ނުކިޔޭ ކަމަށާއި، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑި އަށް ވެސް ދެވެނީ އިންޑިއާ ޤަބޫލު ވެގެން ކަމަށް ބުނެ ނުދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟

އާޚިރުގައި އެ ވާހަކަތަކުގައި ރައްޔިތުން ވެސް ޖެހުނީ އެވެ. އިންޑިއާ އައުޓް ކެމްޕެއިން އާއި، ރާއްޖެ އަޅުވެތި ކުރާ ވާހަކަ އާއި، މިނިވަންކަން ގެއްލެމުންދާ ވާހަކައިގެ އަވައިގައި ޖެހި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މާފަންނު ދިމްޔާތު މުޙައްމަދު މުޢިއްޒު އަށް ވޯޓު ދިނެވެ. ވައުދަކީ ރާއްޖެ ސަލާމަތް ކުރުމެވެ. އިންޑިއާގެ ނުފޫޒު ނައްތާލުމެވެ. އިންޑިއާ އަށް ބަރޯސާވުން ނިމުމަކަށް ގެނައުމާއި، އިންޑިއާއާ މުޅިން ދުރުވުމެވެ. އެ ނޫން ކަމެއް ނެތެވެ.

ރައީސް މުޢިއްޒުގެ ވެރި ކަމަށް ދޮޅު އަހަރުވެއްޖެ އެވެ. 2025 ޖުލައި 25 ވީ ހުކުރު ދުވަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ. ސީދާ ރައީސް މުޢިއްޒުގެ ދައުވަތަކަށެވެ. އެ ދުވަހުން ފެށިގެން އެކި ރައްޔިތުން ދަނީ އެކު ޝުޢޫރުތައް ފާޅު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ވެސް އެކި ވާހަކަތައް ލިޔަމުންނެވެ.

ބައެއް ވާހަކަތައް ހިއްސާ މި ކުރަނީ، މިއީ ފަހުގެ ތާރީޚެއްގައި ރައްޔިތުންނަށް ވީ އެންމެ ބޮޑު ޚިޔާނާތް ކަމަށް ޤަބޫލު ކުރެވޭ ރައްޔިތުން ގިނަވީމަ އެވެ. އެ ވާހަކަތައް ހިއްސާ ކުރަމުން ދަނީ ވެސް ރައްޔިތުންނެވެ. ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތީ މޯދީގެ ނަމެވެ. ޖަހަމުން ދިޔަ ލަވަތަކުގައި ވެސް އޮތީ މޯދީގެ ނަމެވެ. ހިންދީ ބަހުން ފާޑު ފާޑު ވެސް މޮޅެތި ބަސްތައް ގަަތައިގެން، މޯދީ އަށް ޝުކުރު ބަރުތީލަ ކުރީ ތިޔަހެނެއް ނޫނެވެ.

ޖައްވާއި، ފަޒާ ބަބުޅަމުން، ހިނިތުންވެ ރޯޝަން ވެގެން، މި ޤައުމީ މަލުގެ ހާރުތައް ގަތައިގެން އުފަލުން، އެ ފޮނުވާލީ އިންޑިއާ ބޮޑު ވަޒީރު މޯދީގެ އަރިހަށެވެ. ފޮނުވާލީ ވެސް ވެދުމާއި ލޯތްބެވެ.

"މޯދީ ޖީ، ސަބީ މޯލްޑިވިއަން ކީ އޯރް ސޭ، އާޕްކާ މޯލްޑިވްސް މޭ، ސުވާގަތު ކަރްނާ ހަމާރޭ ލިޔޭ އެކް ގަރްވް ކި ބާުތު ހޭ" މިހެން ބުނެ އެ ލަވައިގައި ކިޔަމުން ދިޔައިރު، މޯދީގެ އަރިހުގައި ހުރިހާ ދަތެއް ދައްކައިގެން ހެވި ދިލިފައި އެ ހުރީ، މީގެ ކުރިން މޯދީއާ ދިމާލަށް ހެއްދެވި ނުހެއްދެވި އަށް ގޮވި، ރައީސް މުޢިއްޒު އެވެ.

ރަނގަޅުތާ އެވެ. ރައީސް މުޢިއްޒުމެންގެ ކިބައިގައި ލަދޭ މި ކިޔާ އެއްޗެއް ހަމަ ނެތީ ހެއްޔެވެ؟ ދެން ވެސް ހުރީ އެ ކަހަލަ ވާހަކަ އެވެ. މޯދީ އަށް މަރުޙަބާ ކިޔަން ދިވެހި ސަރުކާރުން ނުކުރީ ކޮން ކަމެއް ހެއްޔެވެ؟

މިހާތަނަށް ޤައުމެއްގެ ވެރިޔަކަށް މި ރާއްޖެ އިން މި ފެންވަރުގައި މަރުޙަބާ ކިޔާފައި ނެތޭ ވެސް ދެންނެވިދާނެ އެވެ. މައްސަލަ އަކީ މަރުޙަބާ ކިޔައިގެނެއް ނޫނެވެ. މީގެ ކުރިން މޯދީއާ ދިމާލަށް އެއާ އެތިވަރު ގޮވުމަށް ފަހު، މޯދީ އަކީ އެންމެ ނުބައި މީހާ ކަމަށް ބުނި މުޢިއްޒުމެން އެކަން ކުރީމަ ހައިރާން ވަނީ އެވެ.

މޯދީ ރާއްޖެ ވަޑައިގެން، ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު ފުރާވަޑައިގެން އެނބުރި އިންޑިއާ އަށް ދިޔައިރު، ރައީސް މުޢިއްޒުމެންގެ އަމިއްލަ ޤައުމުގައި މޯދީ ބޭނުން ހުރިހާ ކަމެއް ކޮށްފި އެވެ. އަސްކަރީ އެއްބަސްވުންތައް ހަދައިފި އެވެ. އިންޑިއާ އިން ރާެއްޖެ އަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި، މަތިންދާ ބޯޓު ދުއްވުމުގެ އެއްބަސްވުން ވެސް އައު ކޮށްފި އެވެ.

މިއީ ޚިޔާނާތް ނޫން ދެން ކޮން ކަމެއް ހައްޔެވެ؟ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބި ކަމަށާއި، އަސްކަރީ އުޅަނދުތައް ދުއްވަނީ ސިއްރު އެޖެންޑާ އެއްގެ ދަށުން ކަަމަށް ބުނެ ވެރިކަމަށް އައި މީހުން ރައްޔިތުންނަށް މި ވީ ކޮން ފަދަ ޚިޔާނާތެއް ހެއްޔެވެ؟ މިއަދު، ޣައްސާންމެން ތިއްބަވަން ޖެހޭނީ އަތް ޖައްސަވާށެވެ.

ރަށު ތެރޭގައި މީހުން ބުނާ ގޮތުން މޯދީ އެ ވަޑައިގެންނެވީ ރައީސް މުޢިއްޒު އަށް ހެޔޮ ވަރުގެ ފިލާވަޅެއް ދެއްވައިފަ އެވެ. ސަލްޓަން ޕާކުގައި ގަހެއް އިންދަން ވަޑައިގެން، މޯދީ ހުންނެވީ ގަހުގައި އަތް ޖައްސާލައިގެން ރީއްޗަށް ކޮޅަށެވެ. މޯދީގެ ފަކީރާ އިން ވެލި ނަގައި، ވަޅުގަނޑަށް ފަސް އެޅުވީ ރައީސް މުޢިއްޒު އެވެ. މީހުން ބުނާ ގޮތުގައި މޯދީ ދޭން ބޭނުންވި މެސެޖު މާ ސާފުކޮށް އެ އޮތީ ދީފަ އެވެ.

ކިޔަންޏާ ހުރީ ހުސް މި ކަހަލަ ކަންކަމެވެ. ބޯޓުން މޯދީ ފައިބަޑައި ވަޑައިގެންނެވިއިރު، ރައީސް މުޢިއްޒު ހުންނަވަން ޖެހުނީ އެއާޕޯޓުގައި، ބޯޓުގެ ސިޑި ކައިރީގަ އެވެ. މޯދީއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ކަޅު ކުލައިގެ އަވި އައިނެއް އަޅުއްވައިގެން ވެސް މޯދީ ދެއްވީ މެސެޖެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެއާޕޯޓުގެ ވީއައިޕީ އަށް ވަޑައިގެން ވެސް މޯދީ އިންނެވީ އެ އައިނު އަޅުއްވައިގެންނެވެ. މީހުން ބުނަނީ އެއީ ވެސް ރައީސް މުޢިއްޒު އަށް ދެއްވި މެސެޖެކެެވެ.

އިންޑިއާއާ ދެކޮޅަށް އެތައް ވާހަކަތަކެއް ދައްކައިގެން، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި، ނަފްރަތު އުފައްދައިގެން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މިއަދު އިންޑިއާ އަކީ ރާއްޖޭގެ ބެސްޓް ފްރެންޑް ކަމަށާއި، މިއަދު އަމުނާލި ގުޅުން ދުވަހަކު ވެސް ހީނަރު ނުވާނެ ކަމަށާއި، މޯދީ އަކީ "ވަންޑަފުލް" މީހެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމަކީ، ރައްޔިތުންނަށް ވީ ބޮޑު ޚިޔާނާތެކެވެ.

- ކޮމެންޓް