ކ. މާލެ
|
3 ޖެނުއަރީ 2025 | ހުކުރު 14:40
އިސްރާއީލުން ވަނީ ލުބުނާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެފައި
އިސްރާއީލުން ވަނީ ލުބުނާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެފައި
ވީޑިއޯ ގްރެބް
އިސްރާއީލް-ލުބުނާން ހަނގުރާމަ
ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ހަމަލާތައް ދެނީ
އަންގާރަ ދުވަހު އަލް މަޔާދީން އަށް ދިން އިންޓަވިއުއެއްގައި ހިޒްބުﷲ އަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިހާބް ހަމާދް ވިދާޅުވީ އިސްރާއީލަށް މުޅި ހަނގުރާމައިގައި ހާސިލު ނުކުރެވުނު ކަންތައްތައް، ހަނގުރާމަ ހުއްޓިފައިވާ ދުވަސްވަރު ހާސިލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ދެކުނު ލުބުނާނުގެ އަވަށްތަކުން އިސްރާއީލް ސިފައިން އެއްކޮޅުން ފައިބަމުން ދާއިރު އަނެއްކޮޅުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ އަދި އެއްގަމު މަގުން އިސްރާއީލުން ހަމަލާތައް ދިނުން އިތުރުވެއްޖެ އެވެ. 

އަލް މަޔާދީން ނިއުސް ޗެނަލުން ބުނާގޮތުގައި އިސްރާއީލުގެ ސިފައިން އެ ސަރަޙައްދުން އަނބުރާ ގެންދިޔުމާ ގުޅިގެން، ބުރާސްފަތި ދުވަހު ލުބުނާންގެ އަސްކަރިއްޔާ އިން ދެކުނު ސަރަޙައްދުގެ ނަގޫރާ އަވަށަށް ވަދެ، އެމީހުންގެ ބާރުތައް އަލުން ރުކުރުވާލުމަށް ވަނީ ތައްޔާރުވެފައެވެ. 

މި ޗެނަލުން ބުނާގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި އެއްގަމުން ލުބުނާނަށް ވަދެގަތް ސަރަޙައްދުތަކުން އިސްރާއީލުން އެމީހުންގެ ފައުޖުތައް އަނބުރާ ގެންދިޔަ ތިންވަނަ ފަހަރެވެ. 

ދެކުނު ލުބުނާނުގައި ހުރި އަލް މަޔާދީން ގެ ނޫސްވެރިޔާ ބުނާގޮތުގައި ޓޭންކުތަކާއި ބަރު ހަތިޔާރާ އެކު އިސްރާއީލުގެ ސިފައިން ނަގޫރާ ސަރަހައްދުން ފައިބަމުން ދިޔަތަން ފެނިފައިވާ ކަމަށެވެ. 

އެއާއެކު، އިސްރާއީލުގެ މެރްކަވާ ޓޭންކުތަކުން އެ ސަރަޙައްދުގެ ގިނަ ގެތަކަކަށް ބަޑިޖަހާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ. 

އަނެއްކޮޅުން ނޫސްވެރިޔާ ފާހަގަކުރިގޮތުގައި އިސްރާއީލުގެ އަސްކަރީ ގާފިލާ އެއް، 8 މެރްކަވާ ޓޭންކާއި، ބުލްޑޯޒަރަކާއި، ހަތިޔާރު އެޅި އުޅަނދުތަކާ އެކު، ރަމީހް އަވަށުން އަލް-ސަލްހާނީ އަދި އަލް-ޤައުޒާ އާ ދިމާލަށް ކުރިއަށް ގޮސް، ބައިތު ލިފްގެ އައްސޭރިފަށުގައިވާ ވާދީ މަޒްލަމްއާ ހަމައަށް ވަނީ ވާސިލުވެފައެވެ. މިއީ މި ފަހުން އިސްރާއީލުން ލުބުނާން އާ ދެކޮޅަށް ކުރި ހަނގުރާމައިގައި ވަދެފައިނުވާ ސަރަޙައްދެއް ކަމަށް ނޫސްވެރިޔާ ބުނެފައިވެއެވެ 

އަލް މަޔާދީން އިން ރިޕޯޓުކުރާގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން، ބެއިރޫތު ގެ މަތީގައި އިސްރާއީލުގެ ޑްރޯންތައް ތިރިތިރިން އުދުހި ބުރުޖަހަމުންދާތަން ފެނިފައިވެއެވެ. މިއީ އިސްރާއީލުގެ ވައިގެ ޙަރަކާތްތައް އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެއްކަމަށް ރިޕޯޓަރު ބުނެފައިވެއެވެ. 

އެއާއެކު، ބުރާސްފަތި ދުވަހު ބެއިރޫތުގެ ޢައިން އަލް-ތީނާގައި ލުބުނާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެރީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މޮނިޓަރކުރާ ކޮމިޓީގެ އިސްވެރިޔާ އެމެރިކާގެ ޖެނެރަލް ޖެސްޕަރ ޖެފަރސްއާ ވަނީ ބައްދަލުކުރައްވާފައެވެ. 

މި ބައްދަލުވުމުގައި އެމެރިކާ އިން ލުބުނާން އަށް ކަނޑައަޅާފައިވާ ސަފީރު ޑޮރޮތީ ޖޮންސަން ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މި ބައްދަލުވުމުގައި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފް ވަމުންދާ މައްސަލަ އާއި، ލުބުނާންގެ ސަލާމަތާއި ސިޔާސީ ޙާލަތާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަންގާރަ ދުވަހު އަލް މަޔާދީން އަށް ދިން އިންޓަވިއުއެއްގައި ހިޒްބުﷲ އަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިހާބް ހަމާދް ވިދާޅުވީ އިސްރާއީލަށް މުޅި ހަނގުރާމައިގައި ހާސިލު ނުކުރެވުނު ކަންތައްތައް، ހަނގުރާމަ ހުއްޓިފައިވާ ދުވަސްވަރު ހާސިލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި "ލުބުނާންގެ ރެސިސްޓެންސް މޫވްމަންޓް ބަލިކަށިވެއްޖެކަމަށް ޤަބޫލުކުރާ މީހަކީ އޮޅުމެއްގައި ހުރި މީހެކެވެ."

ހަމާދް އިންޒާރުދީފައިވަނީ އިސްރާއީލުން ސޫރިއާ ގެ ބިންތައް ހިފުމަށްފަހު، އިރުމަތީ ފަރާތުން ލުބުނާން އާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، "ޤައުމީ ވާޖިބު އަދާކުރާނެ" ކަމަށެވެ.

ލުބުނާން އާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނީ 27 ނޮވެމްބަރުގައެވެ. މިއީ 14 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ހަމަ ނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެކުލަވާލި އެއްބަސްވުމެކެވެ.

ލުބުނާންގެ ސިއްޙީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ އަހަރު ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 4،000 އަށްވުރެ ގިނަ މީހުން ލުބުނާނުން މަރުވެފައިވެއެވެ.

ލުބުނާންގެ ހެލްތް މިނިސްޓްރީން ބުނާގޮތުގައި ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 4،047 އެވެ. އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޒަޚަމްވި މީހުންގެ ޖުމްލަ އަދަދަކީ 16،638 އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުޠުތަކުގައި ބަޔާންކޮށްފައިވަނީ އިސްރާއީލުން ފިޔަވަހިތަކަކަށް ބަހާލައިގެން އެމީހުންގެ ބާރުތައް ބްލޫ ލައިން (ދެ ޤައުމުގެ ދެމެދުގައިވާ ސަރަޙައްދީ ރޮނގު) ގެ ދެކުނަށް އަނބުރާ ގެންދިއުމާއި އަދި 60 ދުވަހުގެ ތެރޭގައި ލުބުނާންގެ އަސްކަރިއްޔާ ދެކުނު ލުބުނާންގެ ހުރިހާ ސަރަހައްދުތަކެއްގައި އަލުން އިންތިޒާމު ވުމެވެ.

- ކޮމެންޓް