ކ. މާލެ
|
2 ޖެނުއަރީ 2025 | ބުރާސްފަތި 23:33
އަވާހަރަކޮށްލި ޣައްޒާގެ ފުލުހުންގެ ވެރިޔާ މަހްމޫދު ސަލާހް
އަވާހަރަކޮށްލި ޣައްޒާގެ ފުލުހުންގެ ވެރިޔާ މަހްމޫދު ސަލާހް
ސޯޝަލް މީޑިއާ
ޣައްޒާ ހަނގުރާމަ
ޣައްޒާގެ ފުލުހުންގެ ވެރިޔާ އާއި އޭނާގެ ނައިބު އިސްރާއީލުން ޝަހީދު ކޮށްލައިފި
ފުލުހުންގެ ވެރިޔާ ޞަލާޙަކީ 30 އަހަރު ޕޮލިހުގައި ޚިދުމަތް ކޮށްފައިވާ އަދި މީގެ 6 އަހަރު ކުރިން ފުލުހުންގެ ވެރިޔާގެ މަޤާމަށް ޢައްޔަންކުރެވުނު ފަރާތެކެވެ.

ޣައްޒާގެ ފުލުހުންގެ ވެރިޔާ އާއި އޭނާގެ ނައިބު އިސްރާއީލުން ޝަހީދު ކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފުލުހުންގެ ވެރިޔާ މަޙްމޫދު ޞަލާޙާއި އޭނާގެ ނައިބު ހުސާމް ޝަހްވާން ޝަހީދު ކޮށްލީ ޣައްޒާ ސްޓްރިޕްގެ ދެކުނު ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ދިނުމަށް ޓަކައި ޤާއިމުކޮށްފައިވާ ޓެންޓު ކޭމްޕަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ.

މި ހަމަލާގައި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ޝަހީދުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ހަމާސް ރެސިސްޓަންސް މޫވްމަންޓުން ބުރާސްފަތި ދުވަހު، ޚާން ޔޫނިސް ސިޓީގެ ހުޅަނގުގައި އޮންނަ އަލް-މަވާސީ "ހިއުމެނިޓޭރިއަން ޒޯން" އަށް އިސްރާއީލުން ދިން ހަމަލާގައި އެ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި، އިސްރާއީލުގެ މި ވައިގެ ހަމަލާގައި 3 ކުޑަކުދިންނާއި 2 އަންހެނުން ހިމެނޭ ގޮތަށް 11 މީހުން ޝަހީދުވެފައި ވާއިރު، އިތުރު 15 މީހުންނަށް އަނިޔާވެފައިވެއެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާ އިން މި ދެ ފުލުހުން ޝަހީދު ކޮށްލުން ކުށްވެރިކޮށް، ބުނެފައިވަނީ "އެ ދެފަރާތުން އަދާކުރަމުން ދިޔައީ ފަލަސްތީނު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިންސާނީ އަދި ޤައުމީ ވާޖިބު" ކަމަށެވެ.

"އެ ބޭކަލުން ޝަހީދު ކޮށްލުމުގެ ޢަމަލު ހިންގުމުގެ ތެރެއިން، ހިސޯރުކޮށްގެން ތިބި ބާރުން ދަނީ ޣައްޒާ ގައި ހަމަނުޖެހުން ފެތުރުމާއި ރައްޔިތުންގެ ވޭން އިތުރު ކުރަމުންނެވެ. ޕޮލިސް ފޯސް އަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަދަނީ ރައްކާތެރިކަމުގެ ބާރެކެވެ،" އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޞަލާޙަކީ 30 އަހަރު ޕޮލިހުގައި ޚިދުމަތް ކޮށްފައިވާ އަދި މީގެ 6 އަހަރު ކުރިން ފުލުހުންގެ ވެރިޔާގެ މަޤާމަށް ޢައްޔަންކުރެވުނު ފަރާތެއްކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ފުލުހުންގެ ވެރިޔާގެ ނައިބަށް އަމާޒުކޮށް ހަމަލާ ދީފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި އޭނާ އަކީ ހަމާސްގެ އަސްކަރީ ބާރު ކަމުގައިވާ އިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސް އަށް ޣައްޒާގައި އިސްރާއީލުގެ ބާރުތަކަށް ހަމަލާދިނުމަށް ރޭވުމުގައި އެހީތެރިވެފައިވާ ފަރާތެކެވެ.

- ކޮމެންޓް