މިއަދުން ފެށިގެން މި އަންނަ ހޮނިހިރު ދުވަހާ ހަމައަށް މޫސުން ގޯސްވާނޭ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުދަ ދުވަހު ބުނީ މިހާރު ކުރަމުން އަންނަ މި ވިއްސާރައިގައި ބޮޑަށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނީ މެދުރާއްޖެތެރެ އާއި އުތުރުގެ ހިސާބުތަކަށް ކަމަށެވެ. ނަމަވެސް ދެކުނަށް ވެސް ކޮންމެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އުތުރާއި މެދުރާއްޖެތެރެއަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އިއްޔެއިންސުރެ ރާއްޖޭގެ އެކި ހިސާބުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވެ އެވެ. އަދި މިއަދު މެންދުރު ފަހު 14:30 އިން ފެށިގެން 18:30 އާއި ހަމައަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް އޮތީ ޔެލޯ އެލަޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނޭ ކަމަށާއި އަދި ކަނޑުތައްވެސް ގަދަވާނޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވެސް މެންދުރުފަހު 3:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މީގެކުރިން މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ބުނެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށެވެ.