ކ. މާލެ
|
28 ޑިސެންބަރ 2024 | ހޮނިހިރު 10:59
މާލެ ސިޓީގެ މޭޔަރ އާޒިމް
މާލެ ސިޓީގެ މޭޔަރ އާޒިމް
ސަން
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ގެތަކެއް ބަލައިފާސ
ފުލުހުން ކޯޓު އަމުރު ނަގައިގެން ދަންވަރު ގޭގެއަށް ވަންނާތީ މޭޔަރ އާޒިމް ކަންބޮޑުވުން ފާޅުކޮށްފި
މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން ކަންބޮޑުވުން ފާޅުކުރި
އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓާގެން ހިންގި ރޭޑުތަކުން އެތައް އާއިލާތަކަކަށް އަނިޔާ އާއި ހިތާމަ ބޭއިންސާފުން ލިބިފައިވާކަމަށް އާޒިމް ވިދާޅުވި

އިންޓެލިޖެންސް މައުލޫމާތެެއްގެ މައްޗަށް ބިނާކޮށް، ކޯޓު އަމުރު ނަގައިގެން މެންދަމު ގޭގެއަށް ވަދެ ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާތީ، މާލޭ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޯޓު އަމުރުގެ ދަށުން ރޭ ގަނޑު ދަންވަރު ގޭގެއަށް ވަދެ، ފުލުހުން ހިންގާ މި އޮޕަރޭޝަންތަކާއި މެދު، މޭޔަރު އާޒިމް ކަންބޮޑުވާކަން ހާމަކުރެއްވީ "އެކްސް" ގައި ކުރެއްވި މެސެޖެއްގައެވެ.

އާޒިމް އެކްސްގައި މިފަދައިން ވިދާޅުވެފައި މިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެކައުންޓަކުން ބައެއް އާއްމުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، ހެކި ހޯދަން ކަމަށް ބުނެ، ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހަތަރު ގެއެއް ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފައި ވަނިކޮށެވެ.

އާޒިމް އެކްސްގައި ކުރެއްވި މެސެޖުގައި ވިދާޅުވީ މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަޤުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް މިވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށެވެ. އަދި މިއަދު މިފަދަ ކަންކަން ހިނގާތަން ފެނުމަކީ ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެއް ކަމަށާއި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ތަޖުރިބާކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަގުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް މިވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށެވެ. މިއަދު މިފަދަ ކަންކަން ހިނގާތައް، ފެނުމަކީ އަޅުގަނޑަށް ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެކެވެ.
މޭޔަރު އާޒިމް

އާޒިމް ވިދާޅުވީ އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓައިގެން ހިންގި ރޭޑުތަކުން އެތަށް އާއިލާތަކަކަށް މީގެ ކުރިންވެސް ވަނީ އަނިޔާ އާއި ހިތާމަ ބޭއިންސާފުން ލިބިފައިކަމަށާއި އަދި މިއަދާ ހަމައަށްވެސް މިފަދަ ބޮޑެތި ޖަރީމާތައް ހިންގި ފަރާތްތައް އިންސާފު ކުރިމަައްޗަށް ގެނެވިފައިނުވާކަމަށެވެ. އަދި މިފަދަ ހިތާމަވެރިކަންކަން، އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ޤާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވުމަށް ވެސް އާޒިމް ވަނީ އިލްތިމާސް ކުރަށްވާފައެވެ.

އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓާގެން ހިންގި ރޭޑުތަކުން އެތައް އާއިލާތަކަކަށް ވަނީ އަނިޔާއި ހިތާމަ ބޭއިންސާފުން ލިބިފަ އެވެ. އަދި މިއަދާ ހަމައަށްވެސް މިފަދަ ބޮޑެތި ޖަރީމާތައް ހިނގި ފަރާތްތައް އިންސާފު ކުރިމަައްޗަށް ގެނެވިފައިނެތެވެ،
މޭޔަރު އާޒިމް

އާޒިމް އިތުރަށް ވިދާޅުވި މިއަދު ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެއްވުމުން، ދުރުހެލިވެތިބުމަށް، ފުލުންހުންގެ މުއައްސާސާއަށް ހަނދާންކޮށްދެއްވާ ކަމަށާއި އަދި ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން، މިއަދު މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސު އިންތިހާއަށް ކުރެވޭ ވާހަކަ ހިތާމައާއި އެކު ދަންނަވަން ކަމަށް ވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ހުކުރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަކި މައްސަލައެއް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އަޒިމް އިޝާރާތް ކުރައްވަނީ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނަށް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) މާލޭގައި ދިރިއުޅުއްވާ އެޕާތޓްމެންޓާއި، އޭނާގެ ކުރީގެ އަނބިކަނބަލުން ހުޅުމާލޭގައި ދިރިއުޅުއްވާ އެޕާރޓްމެންޓު އަދި އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެކެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ ސެޕްޓެމްބަރު، 2022، ގަ އެވެ. އެ މައްސަލައިގައި ފުލުހުން އާރުޑީސީ ބަލައި ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގަ އެވެ.

އާރުޑީސީގެ މައްސަލައިގައި މޫކޭ އާއި ޔާސިރުގެ ގެ ބަލައި ފާސްމިކުރީ މި ފަހަކަށް އައިސް މި ސަރުކާރުގެ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެ ރައްޔިތުންގެ ފާޑުކިޔުންތައް ގިނަވެފައި ވަނިކޮށެވެ.

- ކޮމެންޓް