އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރަމް އަދި ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްތަކަށް ދިން ހަމަލާތަކުގައި ދެ އަންހެނުންނާއި ފުރާވަރުގެ ކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން 8 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނު ސިއްޙަތާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން ކުރިއަށްގެންދިޔަ ލޭއޮހޮރުވުން ބޮޑު އިސްރާއީލުގެ އަސްކަރީ ރެއިޑްތަކުގެ ތެރެއިން، ތުލްކަރަމް ރެފިއުޖީ ކޭމްޕަށް ދިން ޑްރޯން ހަމަލާއަކުންނާއި ސިފައިންގެ ބަޑިޖެހުމުން 7 މީހުން ޝަހީދު ވެފައިވާ ކަމަށާއި، އަދި ކައިރީގައިވާ ނޫރު ޝަމްސް ކޭމްޕުގައި އެކަކު ޝަހީދުވި ކަމަށް ސިއްހަތާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ތުލްކަރަމް އަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 7 މީހުންގެ ތެރޭގައި ދެ އަންހެނުންނާއި އުމުރުން 18 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފިއެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން ރިޕޯޓުކުރި ގޮތުގައި އެ ޒުވާން ކުއްޖާ ޝަހީދު ވީ އޭނާގެ މެޔަށް ވަޒަން އަރައިގެންނެވެ. އަދި އެ ދެ އަންހެނުން މަރުވެފައިވަނީ ޑްރޯން ބޭނުން ކޮށްގެން ބޮން އެޅުމުގެ ސަބަބުންނެވެ.
ތުލްކަަރަމް ކޭމްޕް ރެއިޑް ކުރަމުން ދަނިކޮށް އިސްރާއީލުގެ އަސްކަރީ އުޅަނދަކަށް އަމާޒުކޮށް ހަނގުރާމަވެރިން ވަނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް އެއް ގޮއްވާލާފައެވެ. މި ހަމަލާގައި އިސްރޭލުގެ ބްރިގޭޑް ކޮމާންޑަރަކު ޒަޚަމްވިއެވެ.
ނޫރު ޝަމްސް އަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް އެ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުލްކަރަމްގައި ހިންގި "ޓެރަރިޒަމާ ދެކޮޅު" އޮޕަރޭޝަނެއްގައި ފަލަސްތީނު މީހަކު މަރާލާފައިވާ ކަމަށާއި، އަދި އެމީހުންގެ ބާރުތަކުން އިތުރު 18 މީހުން ހައްޔަރުކޮށް، އެތައް ހަތިޔާރެއް އަތުލާފައިވާ ކަމަށެވެ.
ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ މަތިންދާބޯޓަކުން ހަމަލާއެއް ދީފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާ އިން ފަހުން ބުނެފައިވެއެވެ.
ހަމާސްގެ ހަތިޔާރުއެޅި ގޮފި ކަމަށްވާ އަލް-ޤައްސާމް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާއަތުގެ ދެ މެންބަރުން ތުލްކަރަމްގައި މަރުވެފައިވާ ކަމަށެވެ.
އަންގާރަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ހެނދުނާ ހަމައަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިސާބުތަކުގައި އިސްރާއީލުން ގެންދަނީ ހަމަލާތައް ދެމުންނެވެ.
ވަފާއިން ރިޕޯޓުކުރި ގޮތުގައި ނާބްލުސްގެ އިރުމަތީގައިވާ ބައިތު ފްރޫކް އަވަށުގައި އިސްރާއީލުން ހިންގި ރެއިޑެއްގައި ދެ ފަލަސްތީނު ފިރިހެނުންނަކާއި 15 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހާ ޒަޚަމްކޮށްލާފައި ވެއެވެ.
މީގެއިތުރުން، ހެބްރޯންގެ އުތުރުގައިވާ ބައިތު އުމާރު އަވަށުގައި ޗެކްޕޮއިންޓެއްގައި ތިބި އިސްރާއީލީ ސިފައިން އެއް އުޅަނދެއްގައި ދަތުރުކުރަމުންދިޔަ ހަތަރު ފަލަސްތީނު ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައިވެއެވެ. އޭގެ ތެރެއިން އެކަކުގެ ހާލަތު ނުރައްކާތެރި ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.