ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ސަރުކާރުން ގަސްތުގައި ހައުސިން އާއި ގުޅުން ހުރި ލިޔުންތައް އަންދާލާފައިވާ ކަަމަށް ތުހުމަތު ކުރެވޭ ކަމަށް ފްލެޓާއި ގޯތި މައްސަލައިގައި މުޒާހަރާކުރަމުންދާ އާއްމުން ބުނެފިއެވެ.
ހުކުރު ދުވަހުގެ ރޭ ބޮޑިބަތް ޕާކުގައި ބޭއްވި އެއްވުމުގައި، އާއްމުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ފްލެޓާއި ގޯތި މައްސަލައިގައި މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެނގިގެން ދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފްލެޓާއި ގޯތި މައްސަލައިގައި އިޚުލާސްތެރި މަސައްކަތްތަކެއް ނުކުރާތަންކަމަށް އާއްމުން ވަނީ ބުނެފައެވެ. 2025 ވެގެން މިދަނީ ބިރުވެރި އަހަރަކަށް ކަން ފާހަގަކޮށް އާއްމުން ވަނީ ސަރުކާރުގެ ތެރެއިން ހައުސިން އާއި ގުޅުން ހުރި މަސައްކަތްތައް އޮޅުވާލަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
13 ޑިސެމްބަރުގައި، އަލިފާން ފުރަތަމަ ރޯވި ހައުސިންގ މިނިސްޓްރީ ހުންނަ ބޮލޮކަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ބްލޮކެކެވެ. އަލިފާނުގެ ސަބަބުން އަނދާފައިވާ ތަންތަނުގެ ތެރޭގައި ހައުސިންގ މިނިސްޓްރީ އާއި، އެންވަޔަންމަންޓް މިނިސްޓްރީ އާއި މިހާރު އުވާލާފައިވާ މޯލްޑްވިސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ ހިނގި ބަޔާއި އަދި މާލޭ ސިޓީ ކައުންސިލުގެ މުހިންމު އޮފީހެއް ހިމެނެއެވެ. އަނދައިގެން ދިޔަ މިނިސްޓްރީތަކާ ގުޅޭ ގޮތުން އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކުގެ ތަހުގީގަކަށް ދާއިރު އެ ލިޔުންތައް ހުންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް މިހާރު ނެތްކަމަށް ފާހަގަކޮށް އާއްމުން ވަނީ އެއީ ގަސްތުގައި ކުރިކަމެއް ކަމަށް މިހާރު ބެލެވެން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
މިހާރު ވާހަކަ ބަދަލުކޮށް ނިމިދިޔަ ސަރުކާުރުން ގޯސް ހެދިކަމަށް ބުނަނީ ލިޔުންތައް އަންދާލާފަ. އެ ގަހު ކޭލެއް މި ގަހު ކޭލެއް ނޭނގޭ. މާލޭގެ ހުރިހާ ބިމެއް ވެސް ވަނީ އެ ބޭފުޅުންގެ ބިމަށް. ނިކުންނަވާ ހައްގު ހޯދަން. ނޫނީ ހައްގުތައް ގެއްލޭނީ.އާއްމު މީހެއް
އާއްމުން ވަނީ މިނިވަން މުއައްސަސާތަކުން އާއްމުންގެ ހައްގުތައް ހޯދަން މަަސައްކަތް ނުކުރާ ކަމަށް ބުނެފައެވެ. އަދި މުއައްސަސާތަކާއި އިދާރާތައް ވަނީ ވާވެފައި ކަމަށް އާއްމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު އަށް ނުހައްގުން ގޯއްޗެއް ދިން މައްސަލަ އެއް ފެންމަތިވެފައިވާތީ އެކަމަށް އާއްމުން ވަނީ ފާޑުކިޔާފައެވެ. މީގެ ކުރިން ގަވައިދާ ޚިލާފަށް ބިންވެރިޔާ ސްކީމުން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީ އިން ބުދަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެމްޑީ ފަޒުލް ވަނީ އެކަން ދިފާއު ކުރައްވަން މަސައްކަތް ކުރައްވާފައެވެ. ސަރުކާރުން ކަންކަން ކުރާ ގޮތުން އާއްމުންނާއި މެދު ސަރުކާރުން އެއްވެސް މިންވަރަކަށް ނުވިސްނާކަން އެނގޭ ކަމަށް މުޒާހަރާގެ އާއްމުން ވަނީ ބުނެފައެވެ.
ސަރުކާރުން ދެނީ ސަރޕްރައިޒް. ވައްކަމަކަށް ފަހު ވައްކަމެއް. އެއް އަހަރުން އަނެއް އަހަރަށް މި ދަނީ މިކަންކަން ނުކޮށްދީ. މި ވައްކަން އިނގެނީ ހިންގަނީ ސީދާ ހައުސިން މިނިސްޓްރީ އަށް ވެސް އެނގިގެން ކަން. އަޅުގަނޑުމެން މަޑަކުން ނުތިބޭނަން. ތަހުގީގުކުރަން ތިބި މީހުންނަށް ވެސް ކުރެވެނީ ވަގުން ކަމުގެ ތުހުމަތު.އާއްމު މީހެއް
އެހެންނަމަވެސް ހުކުރު ދުވަހުގެ މުޒާހަރާގައި އާއްމުން ވަނީ އެޗްޑީސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތަކީ ހަމައެކަނި އެޗްޑީސީ އާއި ހިސާބުން ނިމޭ ކަމެއް ކަމަށް ޤަބޫލު ނުކުރާ ކަމަށް ބުނެފައެވެ. އެއީ ސަރުކާރުގެ ތެރެއިން ރޭވިގެން ހިންގާފައިވާ ޖަރީމާތަކެއް ކަަމަށް މުޒާހަރާގެ ބައިވެރިވި އާއްމުން ވަނީ ސިފަކޮށްފައެވެ. ހަމައެހެންމެ އުސޫލާއި ޚިލާފަށް ސަރުކާރުގެ އިސް ފަރާތްތަކަށާއި މަޖިލީހުގެ ޕީއެންސީގެ މެމްބަރުންނަށް ގޯއްޗާއި ފްލެޓް ދެމުންދާ ކަމަށް ތުހުމަތުކުރެވޭތީ އެކަމަށް ވެސް އާއްމުން ވަނީ ފާޑުކިޔާފައެވެ. އާއްމުން ބުނީ އާއްމުންގެ ހައްގުތައް ނިގުޅައިގަންނަ މަންޒަފު ބަލަން އާއްމުން ނުތިބޭނެ ކަމަށެވެ.
އާއްމުން ވަނީ ކުރިއަށް އޮތްތާ ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ކުރާ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބުނެފައެވެ.