ޤައުމު ބަނގުރޫޓު ނުވެއޭ ބުނާއިރު ޤައުމު އޮތީ ބަނޑަށް ޖެހިފައިކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވަނީ މި ދައުރުގައި މަޖިލީހުގައި އެމްޑީޕީން ކުރި މުހިންމު މަސައްކަތްތަކާއި ސަރުކާރާއި މެދު ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލާފައެވެ. ނާޒިލް ވަނީ މި ދައުރުގައި މަޖިލީހުގައި ލިބުނު ފުރުސަތުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކެނޑިނޭޅި މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މި ހާލަތަށް ޤައުމު ދިޔަ ހަނދާނެއްވެސް ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ނިމިދިޔަ ސަރުކާރުން ދިން ގޯތި ނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރަމުންދާތީ އެކަމަށް ނާޒިލް ވަނީ ފާޑު ވިދާޅުވެފައެވެ. ނާޒިލް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށާއި އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަދި ހައުސިން މިނިސްޓްރީގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދުވަހުން ދުވަހަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް ގަންނާނެ ފައިސާ ނެތި އާއްމުން ވަނީ ހާލުގައި ޖެހިފަ ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިން މިދިޔަ އަހަރެއްހާ ދުވަސް ހޭދަކުރީ ވަރަށް ހާލުގައި ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން ބަޖެޓް ހޭދަކުރި ގޮތް ނޭނގޭތީ ނާޒިލް ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. މި ސަރުކާރު ވެރިކަމަށް އައިސް ހޭދަވީ މުއްދަތުގައި ރައްޔިތުންނަށް ލިބެނީ ކޯޗެއްތޯ ރައްޔިތުން ސުވާލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓުއަރިޒަމްގެ ވާހަކަ. މިއަދު ފާސްކުރި ފޮރިން ކަރަންސީ އެކްސްޗޭންޖްގެ ބިލް. ޓުއަރިޒަމްގެ އެންމެ އިސް ބޭފުޅުން ވިދާޅުވަނީ ތިއަށް ވުރެ އިންޑަސްޓްރީއަށް ރަނގަޅު ގޮތް އެބަ ހުއްޓޭ. އަޑެއް ނުއައްސަވާ.އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާޙިމް ނާޒިލް
ނާޒިލް ވަނީ ޤައުމުގެ ކަންކަން ހިންގުމުގައި ތަޖުރިބާކާރުންނާއި، ވަޒީރުންގެ އަޑުވެސް ނާހާ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމު މިހާރު އޮޔާދާކަމަށް ނާޒިލް ވިދާޅުވިއެވެ. އެ މީހުންގެ އަޑު ނާހާ އިގްތިޞާދު ރަނގަޅު ނުވާނެ ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕްގެ އެހެން މެމްބަރުން ވެސް ވަނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.