ކ. މާލެ
|
30 ނޮވެންބަރ 2024 | ހޮނިހިރު 13:34
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
ރައީސް އޮފީސް
އެންސްޕާއަށް ބޮޑެތި ތުހުމަތުތަކެއް
އެންސްޕާއަށް ކުރާ ތުހުމަތުތައް ތަހުގީގު ކޮށްދިނުމަށް އޭސީސީގައި އެދިއްޖެ
ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް
މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ވަނީ ފަތުރާފައި
އޭސީސީން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންގޮސް، ރިޕޯޓު ވީ އެންމެ އަވަހަކަށް ހިއްސާކޮށްދިނުމަށް އެދިފައިވޭ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގަން އިމަރާތެއް ހޯދަން ކުރި މުއާމަލާތްތަކާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް ތަހުގީގުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެއެވެ.

އެންސްޕާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް އެންސްޕާއިން ބުނީ މިއެޖެންސީ ހިންގުމަށް އިމާރާތެއް ހޯދުމާބެހޭ ގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެންސްޕާއިން ބުނީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ހުޅުންހުރި މިފަދަ މުއައްސަސާއަކާ ގުޅޭގޮތުންނާއި، މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި، ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި މިކަމާއި ގުޅޭ ފުރިހަމަ މިނިވަން ތަހުގީގެއް ވީއެންމެ އަވަހަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެންސްޕާއިން އެދިފައިވެއެވެ.

އެންސްޕާއިން ވަނީ މިމައްސަލައާ ގުޅޭގޮތުން އޭސީސީން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންގޮސް، އެރިޕޯޓު ވީ އެވަހަށް ހިއްސާ ކޮށްދިނުމަށް އެދިފައިވެއެވެ.

އެ އިދާރާއިން ބުނީ މިފަދަ މައްސަކަތަކުގައި ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރުމަކީ އެންމެ އެދެވިގެންވާގޮތް ކަމަށް ޤަބޫލުކުރާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އަށް މެސެޖްކޮށް ގުޅިނަމަވެސް ޖަވާބު ނުދެއްވާތީ އެ މައުލޫމާތުތައް ހޯދުމަށް ރާއްޖެ އެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އެންސްޕާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ވަނީ އެ އެޖެންސީއަށް ކުރެވިފައިވެއެވެ. އަދި "އެމްއެމް ޓީވީ" ނަމުގައި ފެށި ޗެނަލް ހިންގާ އިމާރާތުގެ ކުލި އެންސްޕާ މެދުވެރިކޮށް ހަމަޖައްސާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ ފަންގިފިލާ އެންސްޕާ، އަދި ބާކީ ދެ ފަންގިފިލާ ޓީވީ ސްޓޭޝަނަށް ދޫކޮށްފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް އެންސްޕާ ބަދަލުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުުހުމަތުުކުރަމުންނެވެ.

- ކޮމެންޓް