ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލިވަޕޫލް އިން އެއް ވަނަ އަށް ޖެހިލައިފަ އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ރެއާލްގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. މެޗުގައި ލިވަޕޫލް އިން އެ ޓީމުގެ ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ އަލެކްސިސް މެކް އަލިސްޓާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކޯނާ ބްރާޑްލޭ އެވެ. އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ރެއާލަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ލިބިފަ އެވެ. ރެއާލަށް ލިބުނު ޕެނަލްޓީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ފޮނުވާލި ނަމަވެސް، ލިވަޕޫލްގެ ގޯލު ކީޕަރު ވަނީ އެ ޕެނަލްޓީ ހުއްޓުވައިފަ އެވެ.
އޭގެ ނުވަ މިނެޓު ފަހުން ލިވަޕޫލްގެ ދެ ވަނަ ލަނޑެއް ޖަހަން މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލަށް އަމާޒު ނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ކޯޑީ ގަކްޕޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެންޑީ ރޮބާޓްސަން އެވެ.
މޮޅާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. ލިވަޕޫލްގެ ފަހަތުން ދެ ވަަނައިގައި އޮތް އިންޓަ މިލާނަށް 13 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި ބާސެލޯނާ އަށް ލިބެނީ 12 ޕޮއިންޓެވެ. ލިވަޕޫލްގެ އަތުން ބަލިވެ ރެއާލް 24 ވަނައިގައި ހަ ޕޮއިންޓާ އެކު އެވެ.