ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ މަސް ބޯޓަކުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އަންގާރަ ދުވަހު ފުލުހުން ބުނީ ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ލަންކާގެ މަސްބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި 5 މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދު ކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހޯމަ ދުވަހު އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އެމީހުންގެ ވަނަވަރު ވެސް ވަނީ އާއްމުކޮށްފައެވެ.
ހައްޔަރުކުރި މީހުން
- ރާޖަޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް، 21 އަހަރު
- މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22 އަހަރު
- ޗަމޮދް ދިވިންގާ ދިލަކާވަ، 22 އަަހަރު
- ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ، 37 އަހަރު
- ލޮރެންސު ހޭވާގީ ސަރަތު، 56 އަހަރު
މިމައްސަލައާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ 2024 ނޮވެންބަރު 24 ވަނަ ދުވަހުގެ ދަންވަރު 12:45 ހާއިރު، މޯލްޑިވްސް ޑިފެންސް ފޯސްއިން ހދ.މަކުނުދޫ ބޭރުން ސްރީލަންކާގެ މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވައި ކޯސްޓްގާޑް ބެލުމުގެ ދަށުން ހދ.ކުޅުދުއްފުށި ސިޓީ ބަނދަރަށް ގެނެވިފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއެކު، ކުޅުދުއްފުށި ސިޓީގެ ފުލުހުން މި އުޅަނދު ބަލާ ފާސްކުުރުމުން ޖުމްލަ 468.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޝުޖާއު ވިދާޅުވީ މިތަކެތި ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި 344 ކިލޯގެ ކްރިސްޓަލް މެތާއި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.