ބަޖެޓުގެ ސަބްސިޑީ ކަނޑާލުމާއި، މަޝްރޫޢުތައް ކުރިއަަށް ގެންދިއުމާއި މެދު މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން މަޖިލީހުގެ މެމްބަރުން ހާމަކުރައްވައިފިއެވެ.
ހޯމަ ދުވަހު ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރުން ވަނީ ދާއިރާތަކުގައި މަޝްރޫޢުތައް ކުރިއަށް ނުދާތީ އެކަމުގެ ކަނބޮޑުވުން ފާޅުކުރައްވާފައެވެ. 2025ގެ ބަޖެޓު އެކުލަވާލިއިރު ވެސް ރަށްރަށަށް ހުރި ތަރައްގީގެ ޕްރޮޖެކްޓްތައް ސާފުކޮށް އެނގެން ނެތުމުން އެކަން އެގޮތަށް ކުރާ ސަބަބާއި މެދު މެމްބަރުން ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވަނީ މި ސަރުކާރުގެ ނިމިދިޔަ އެއް އަހަރު ދުވަހަކީ އެ ދާއިރާއަށް ވަރަށް ބަނަ، ނިކަމެތި އަހަރެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އޭގެ ކުރިން ވެސް އައީ އެ ދާއިރާއަށް ބަނަ ދުވަސްތަކެއް ކަމަށް ސިފަކުރެއްވިއެވެ. މި ސަރުކާރުގެ ކޮންމެ ދޮރެއްގައި ޓަކި ޖެހި ކަމަށާއި ހުރިހާ މިނިސްޓްރީއަކަށް ގޮސްގެން ކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ތަރައްގީގެ އެއްވެސް ކަމެއްގައި އަދި ބަޖެޓު ހެދުމުގެ އެއްވެސް މަރުހަލާއެއްގައި މެމްބަރާއި މަޝްވަރާ ނުކުރާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ވެސް ވަނީ ބަޖެޓާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ކުރާ ޚަރަދު ކުޑަކުރަން ޖެހޭނީ އެހެން ޚަރަދުތައް ކުޑަކުރުމަށް ފަހުގައި ކަމަށެވެ. އެ ނޫން އެހެން ގޮތަކަށް އެކަން ހިނގައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އިގްތިޞާދީ ސިޔާސަތަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ކުޑޫ ވިދާޅުވީ މި ސަރުކާރުގެ އިސްރާފު އެތައް މިލިއަން ރުފިޔާއަކުން ގުނާލެވޭ ކަމަށެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދެއްކި ސަރުކާރު މެމްބަރުން ވާހަކަދެއްކެވީ ސަރުކާރު ދިފާއުކުރުމަށެވެ. ބަޖެޓުގައި ތަފްސީލްތައް ނެތުން ދިފާއުކޮށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ. އަދި ގިނަ މެމްބަރުން ބަޖެޓަށް ބަހުސްކުރަން ފުރުސަތު ހޯއްދަވައިގެން ވާހަކަދެއްކެވީ ކުރީ ސަރުކާރަށް ފާޑުކިޔުމުގެ ގޮތުންނެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ ވެސް ހާޒިރުވެވަޑައިގަތެވެ. މެމްބަރުންގެ އެ ވާހަކަތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ސީދާ ގޮތެއް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފާހަގައެއް ނުކުރައްވައެވެ. އެހެންނަމަވެސް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބެޖޓާއި އެކު ހުރިހާ ރަށަކަށް ވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. މިނިސްޓަރ އެހެން ވިދާޅުވި ނަމަވެސް ވަކި ވަކި ރަށްތަކަށް ޕީއެސްއައިޕީން ކަނޑައަޅާނެ މިންވަރާއި މަޝްފރޫޢުތަކުގެ ތަފްސީލް ހާމަ ނުކުރާތީ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މެމްބަރުން ވަނީ ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ވެސް ބައެއް ދާއިރާތަކުގައި ޕްރޮޖެކްޓްތައް ކުރިއަށް ނުގޮސް ހުރުމުން އެކަމާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ. މަޝްރޫޢުތައް ނުހިނގާ ވާހަކައަށް މިނިސްޓަރ ދެއްވި ހަމައެކަނި ޖަވާބަކީ ބަޖެޓުގައި މަޝްރޫޢުތަކަށް ހިމަނާފައި ހުރި އަދަދުތައް މަދުކަމުގެ ވާހަކައެވެ. އެހެންނަމަވެސް މިހާތަނަށް ވެސް މަޝްރޫޢުތައް ހިންގަމުން އަންނަނީ ބަޖެޓުގައި ހިމަނާފައިވާ ފައިސާ އާއި އެއްގޮތަށް ފިޔަވަހިތަކަކަށް ބަހާލައިގެންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެގޮތަށް އަމަލުކުމުގެ ބަދަލުގައި ސަރުކާރުން ދަނީ މަޝްރޫޢުތައް ކުރިއަށް ނުގެންދަން ބަހަނާތައް ދައްކަވަމުންނެވެ.