ޔުއެފާ ނޭޝަންސް ލީގު ބީގެ ގުރޫޕު ދޭއްގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އިންގްލެންޑުން ގުރޫޕުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑު މޮޅުވީ 5-0 އިންނެވެ. އެއީ މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމު ޖެހި ފަސް ލަނޑުންނެވެ. މެޗުގެ ފުރަތަަމަ ހާފުގައި ވެސް އިންގްލެންޑުން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. އެ ލަނޑު އޭނާ ޖެހީ އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އޭގެ ތިން މިނެޓު ފަހުން އިންގްލެންޑުގެ ދެ ވަނަ ލަނޑު ޖެހީ އެންތަނީ ގޯޑަން އެވެ. އޭގެ ދެ މިނެޓު ފަހުން ކޮނާ ގަލަގާ ވަނީ އިންގްލެންޑުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި އިންގްލެންޑުގެ ހަތަރު ވަނަ ލަނޑު ޖެހީ ޖެރާޑް ބޮވެން އެވެ. އަދި މެޗުގައި އެ ޓީމުގެ ފަހު ލަނޑު 79 ވަނަ މިނެޓުގައި ޖެހީ ޓޭލާ ހާވުޑް ބެލިސް އެވެ.
މޮޅާއެކު އިންގްލެންޑު އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ގްރީސް އަށް ވެސް 15 ޕޮއިންޓު ލިބޭއިރު، ލަނޑުގެ ގޮތުން އިންގްލެންޑު ކުރި ހޯދަނީ އެވެ.