ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުން، އިންގްލެންޑަށް ލަދުވެތި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަމިއްލަ ޤައުމުގައި ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑު ބަލިވެފައި ވަނީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އިންގްލެންޑުންނެވެ. ނަމަވެސް، ސެެނެގާލް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން އިންގްލެންޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. އޭގެ ފަހުން ވެސް އިންގްލެންޑުން ލަނޑު ޖަހަން ފުރުސަތުތަކެއް ހޯދި އެވެ.
ނަމަވެސް، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ސެނެގާލް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމާއިލާ ސާ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ސެނެގާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހަބީބް ޑިއާރާ އެވެ. އޭގެ ފަހުން އިންގްލެންޑުގެ ޖޫޑް ބެލިންހަމް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސެނެގާލް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޗެއިކް ސަބަލީ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މިއީ އިންގްލެންޑަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ފުރަތަމަ ކުޅުނު ތިން މެޗުން ވެސް އިންގްލެންޑު ވަނީ މޮޅުވެފަ އެވެ.
އަނެއްކޮޅުން މިއީ އެފްރިކާ އަށް ނިސްބަތްވާ ޤައުމެއްގެ އަތުން އިންގްލެންޑު ބަލިވި ފުރަތަމަ ފަހަރެވެ.