އުތުރު އިޒްރޭލުގެ ހައިފާ އަދި އެ ސަރަހައްދާ ކައިރީގައި ހުރި އިޒްރޭލުގެ 5 އަސްކަރީ މަރުކަޒަކަށް ހިޒްބުﷲ އިން ހަމަލާ ދީފިއެވެ.
ހަމަލާއަށްފަހު، ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޒްބުﷲ އިން ހަމަލާދީފައިވަނީ އިޒްރޭލުގެ "ޓެކްނިކަލް މަރުކަޒަކަށާއި" އަކަށާއި، "ހައިފާ ކަނޑުގެ މަރުކަޒަކަށާއި"، ސްޓެލާ މާރިސް ކަނޑުގެ މަރުކަޒަކަށާއި އަދި ހައިފާ ކައިރީގައި ހުރި އިތުރު ދެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ. މީގެ ތެރެއިން އެއް މަރުކަޒުގައި ހުރީ "އިޒްރޭލު އަސްކަރިއްޔާގެ ތެޔޮ ސްޓޭޝަނެއް" ކަމަށް ބުނެފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ އެއްފަހަރާ "މިސައިލް ފުންޏެއް" އޮއްސާލައިގެން ކަމަށް ހިޒްބުﷲ އިން ބުނެފައިވެއެވެ.
ހަމަލާއާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން ބުނެފައިވަނީ، ހޮނިހިރު ދުވަހު އުތުރުގެ ކަނޑު އައްސޭރިފަށުގައިވާ ހައިފާ ސިޓީގައި ހުރި ޔަހޫދީންގެ އަޅުކަންކުރާ ތަނަކަށް ހަމަލާއެއް ދިނުމުން ދެ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. މިއީ އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ ހިޒްބުﷲ ޖަމާއަތުން ދިން "ވަރުގަދަ ރޮކެޓް ހަމަލާއެއް" ކަމަށް އިޒްރޭލު އަސްކަރިއްޔާ އިން ބުނެފައިވެއެވެ.
"މިއީ ހިޒްބުﷲއިން އިޒްރޭލުގެ އާންމު ރައްޔިތުންނަށް ގަސްތުގައި ހަމަލާދޭކަމުގެ އިތުރު ސާފު މިސާލެއް،" އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލުން އިތުރަށް ބުނެފައިވަނީ، ލުބުނާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި "ގާތްގަނޑަކަށް 10 މިސައިލް" ގެ ތެރެއިން ބައެއް މިސައިލްތައް ހުއްޓުވާލެވިފައިވާ ކަމަށެވެ.
އިޒްރޭލުގެ ކުއްލި ނުރައްކަލުގެ ޚިދުމަތްދޭ މަގެން އަދަމް ޑޭވިޑްއިން ބުނެފައިވަނީ، 16 އަހަރާއި 70 އަހަރާ ދެމެދުގެ 5 މީހަކު 'ކުޑަކޮށް ޒަޚަމްވެފައި' ވުމުގެ އިތުރުން މިހާތަނަށް މި ހަމަލާގެ ސަބަބުން އެއްވެސް މީހަކު ޒަޚަމްވެފައިނުވާ ކަމަށެވެ.
ސެޕްޓެމްބަރު 23ން ފެށިގެން އިޒްރޭލުން އަންނަނީ ލުބުނާނުގައި ހުރި ހިޒްބުﷲގެ ތަންތަނަށް ދޭ ވައިގެ ހަމަލާތައް އިތުރުކޮށް، އެ ޤައުމުގެ އެކި ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ފޮނުވަމުންނެވެ.
ލުބުނާނުގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ލުބުނާނުގައި، އިޒްރޭލުގެ ހަމަލާތަކުގައި 3،287ށް ވުރެ ގިނަ މީހުން މަރުވެ، މަދުވެގެން 14،222 މީހުން ވަނީ ޒަޚަމްވެފައެވެ.