ކ. މާލެ
|
11 ނޮވެންބަރ 2024 | ހޯމަ 06:10
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ ޖަލްސާ
ދައުރު ފަށާ ދުވަހަކަށް ނޮވެންބަރު 11، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަނީ
ޖުމްހޫރީ ދުވަހަކީ ނޮވެންބަރު 11 ށް ވާއިރު، ދައުރު ފަށާ ދުވަސް ބަދަލު ކުރަން ބޭނުންވޭ
ވަކިވަކިން ދެ އިންތިޚާބު ބޭއްވުމުން ވަރަށް ބޮޑު ހަރަދެއް ހިނގާ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލަންޖެހޭ

ދައުރު ފަށާ ދުވަހަކަށް ނޮވެންބަރު 11، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުމަށް ގާނޫނޫ އަސާސީއަށް އިސްލާހު ހުށަހަޅާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުންނާއި، އަދިވެސް އެކިއެކި ސަބަބުތަކާއި ގުޅިގެން ޖުމްހޫރީ ދުވަސް ހަފްތާއެއް ލަސްވެފައިވާ ކަމަށާއި، ދައުރު ފަށާ ދުވަސް ނޮވެންބަރު 17 އަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ދުވަހަކީ ނޮވެންބަރު 11 ށް ވާއިރު، ދައުރު ފަށާ ދުވަސް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ. އަދި މި ނިންމުން ނިންމާނީ ރައްޔިތުން ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ގާނޫނު ބަދަލު ކުރަން ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސިޔާސީ އޮއެވަރުގައި ޖެހިގެން އެވީ ގޮތެއްވެގެން ގޮސް ޖުމްހޫރީ ދުވަސްވެސް ހަފްތާއެއް މިވަނީ ކައްސާލާފައި. ނޮވެންބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރަންޖެހެނީ މިހާރު. އެކަމަކު ޖުމްހޫރީ ދުވަހަކީ ނޮވެންބަރު 11. އަޅުގަނޑު އަމިއްލައަށް ނިންމާލެވޭވަރުގެ ކަމެއް ނޫން އެއީ ގާނޫނު އޮތް ގޮތުން. އަދި މިތިއްބެވި އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް ވެސް ނުނިންމޭނެ. ރައްޔިތުންގެ ގާތަށް ދާން މިޖެހެނީ. ރައްޔިތުންގެ ގާތުން އެބަ އަހާލަންޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް މާނައަކީ ދައުރު ނިމޭ ދުވަސް 2028 ގެ ނޮވެންބަރު 11 އަށް ބަދަލުކުރަން. ދައުރު ބަދަލު ކުރުން. ހަފްތާއެއް ކުރުކުރަން ރައްޔިތުން އެގޮތަށް ރުހެންތޯ އަޅުގަނޑު އަހާލާނާނަން ރައްޔިތުންގެ ގާތު. ރައްޔިތުން އެގޮތަށް ރުހެންޏާ ޖުމްހޫރީ ދުވަސް ނޮވެންބަރު 11 އަށް ބަދަލުވެގެންދާނެ. އެކަން އަޅުގަނޑުމެން ގާނޫނަށް ގެންނަ ބަދަލެއް ގެންނަން ހުށަހަޅާނަން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މި ދެ އިންތިޚާބު އޮންނަނީ ކައިރި ކައިރީގައި ކަމަށާއި، އެކުގައި ބާއްވާން ބޭނުންވާ ކަމަށެވެ. ވަކިވަކިން ދެ އިންތިޚާބު ބޭއްވުމުން ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މިކަން މިގޮތަށް ނިންމާނީ ރައްޔިތުން އެކަމަށް ރުހޭނަމަ ރައްޔިތުންގެ މަޖލީހުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހަމައެގޮތަށް ބޮޑު ދެ އިންތިޚާބު ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަރު ގައުމެއްގައި ޖުމްލަކޮށް އާބާދީ ކުޑަ ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ އެކުގައި ބޭއްވުން. ދެ އިންތިޚާބާއި ދޭތެރޭގައި މި އޮންނަނީ ދެތިން ހަތަރު މަސް ނޫންތޯ. އެތައް ހަރަދެއް އެބަ ހިނގާ. އިލެކްޝަން ކޮމިޝަނުން އެކަނި ވެސް އެތައް ސަތޭކަ މިލިއަނެއް އެބަ ހަރަދުކުރޭ. އޭގެ ބަދަލުގައި ރިޔާސީ އިންތިޚާބާ އެކުގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތް. އެހެން ނަމަވެސް އަޅުގަނޑަށް ނުނިންމޭނެ. ރައްޔިތުންގެ ގާތުގައި އަހަން އަޅުގަނޑުމެން ގަސްތުކުރަން. ރައްޔިތުން ބޭނުންފުޅު ވަންޏާ ދެން އަންނަ ރިޔާސީ އިންތިޚާބަކާއެކު އޮންނާނެ ރައްޔިތުން އެގޮތަށް ފެންނަ ނުފެންނަ ވޯޓަކުން ނިންމަވާދެއްވާފިއްޔާ އޮންނާނެ ރައްޔިތުން މަޖިލިސް އިންތިޚާބު. އެކަމަށް ރައްޔިތުންގެ ގާތު ވޯޓަކަށް އަހާނަން. މަޖިލިސް މެދުވެރިކޮށް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލަންޖެހޭ ކަމަށާއި، އެމަސައްކަތް ކުރުމަށް މިހާރު އެޓާނީ ޖެނަރަލްއާ ގުޅިގެން ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަވައްޓެރި ބައެއް ގައުމުތައް ހިމެނޭ ގޮތަށް ދުނިޔޭ އެކިއެކި ގައުމުތަކުން އެއުސޫލަށް އަމަލުކުރަމުންދާ ކަމަށާއި، ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުގައި ޕްރިފެންޝަނަލް ވޯޓިންއަކުން ދެވަނަ ބުރަކަށް ދާ ހާލަތެއްގައި ވެރިކަމަށް ޗޫސް ކުރާނެ ވެރިއަކަށް ހޮވާނެ މީހާ ވެސް އެނގޭ ގޮތަށް ވޯޓު ލެވޭ ގޮތަށް. މާނައަކީ އެއްބުރުން ނިމޭނެ. އެއްބުރުން 1ވަނަ ދެވަނަ ސާފުވާ ގޮތަށް. އަވައްޓެރި ބައެއްގައުމު ތަކުގައި އޮވޭ އެގޮތަށް. އެކަމަކު ދިރާސާކޮށްފައި. ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށްވަންޏާ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް. ދެން އަންނަ ރިޔާސީ އިންތިޚާބުގައި ދެބުރު ނޯންނަ ގޮތަށް އެއްބުރުން މީހަކު ހޮވާ ނިންމޭގޮތަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ގައުމުގައި ހުރި މިފަދަ މުހިންމު ކަންކަމަށް ރައްޔިތުންގެ ގާތުގައި އަހައި، ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެންނަވާނެ ކަމަށެވެ. އަދި މިގޮތަށް ކަންކަން ކުރުމުން ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް