އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމެންޓް ބަނދަރަކީ ވަރަށް ކުރީއްސުރެ އަޑު އިވޭ ވާހަކަ އެކެވެ. ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ވެސް ހުރިހާ ސަރުކާރަކުން ދައްކަމުން އަންނަ ވާހަކަތަކެކެވެ. ފަހަރުގައި އެއީ އެކަމުގެ މުހިއްމުކަމާއި އެކަމުން ގައުމަށް ފައިދާވާނެ ވަރުގެ ބޮޑުކަން އިހުސާސްވާވަރުން ވެސް ކަންނޭނގެއެވެ. އެކި ސަރުކާރުތަކުގައި މިކަމަށް އެކި ގޮތަށް ވާހަކަ ދެކެވެމުން އައިސް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގައި ވެސް މިކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރިއެވެ. ގަތަރުގެ އަރބަކޯން ކިޔާ ކުންފުންޏަކާއި އެކު އެމްއޯޔޫއެއްގައި ސޮއި ވެސް ކުރިއެވެ. ޓްރާންސްޝިޕްމެންޓް ބަނދަރު ހެދެންދެން ވެސް މިކަމުން ނެގެން އޮތް ނަފާއެއް ހޯދުމަށްޓަކައި ބަންކަރިންނާ ކްރޫ ޗޭންޖިންގެ ޚިދުމަތް ފަށަން ތައްޔާރުވެސް ވިއެވެ. ނަމަވެސް އެކަން ނުކުރެވި އުޅެނިކޮށް ވެރިކަން ބަދަލުވެ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޕީއެންސީގެ ސަރުކާރެއް އުފައްދާ ރައީސް ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތެވެ.އިގްތިސާދީ ވަޒީރަކަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި އައިހެވަންގެ ނަމުގައި މި މަޝްރޫޢު ކުރިއަށް ގެންދަން ވާހަކަ ދެއްކި އިރުވެސް އިގްތިސާދީ ވަޒީރަކަށް ހުންނެވި ސަޢީދު އެވެ. އަނެއްކާވެސް އިގްތިސާދީ ވަޒީރުކަމަށް ސައީދު ވަޑައިގެން މަޖިލިސް އިންތިޚާބުގައި ވެސް އެ ސަރަހައްދުގައި ކޭމްޕް ޖައްސަވައިގެން ހުންނަވާ އެންމެ ގިނައިން ދެއްކެވީ އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓު ޕޯޓުގެ ވާހަކައެވެ.
އެކަމުން ލިބެން އޮތް ފައިދާގެ ވާހަކަ ސައީދު ދައްކަވަން ފެއްޓެވީ އަދި މާ އަޑުހަރުކޮށްނެވެ. ބައެއްފަހަރު މިއީ ހަމައެކަނި އެމަނިކުފާނަށް އެކަނި ނޫނީި ފަހުމު ނުވާ މާއްދާއެކޭވެސް ހީވެއެވެ. ބަންކަރިންގެ ޚިދުމަތުން އެކަނިވެސް އަހަރަކު 400 މިލިއަން ޑޮލަރު ބަޖެޓަށް އިތުރުވާނެ ވާހަކައާއި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެތައްތަނަކުން ކުރިއަރައިގެން ދާނެ ވާހަކައެވެ. ކުރިން އެއްވެސް ސަރުކާރަކަށް މިކަން ކުރަން ނޭނގުނު ވާހަކައެވެ. މިހާރުގެ ސަރުކާރުން އެކަމަށް ތައްޔާރުވެ ފަށަން އުޅޭ ވާހަކައެވެ. އިސާހިތަކު ތެލުގެ ޚިދުމަތްދޭ ބޭރުގެ ބޮޑު ކުންފުންޏަކާ އެކު ސޮއިކޮށްފިއެވެ. އެކުންފުނިތައް ހޮވީ ކޮން އުސޫލަކުން ކަމެއްވެސް ދެނަހުރި މީހަކު ނެތެވެ. ދަރަންޏަށް ދެ ބޯޓުވެސް ގެނެސްފިއެވެ. ހަތަރުވަރަކަށް ތާރީޚު ދިނުމަށްފަހު، ފަސްވަނައަށް ދިން ތާރީޚުގައި ބޮޑު ރަސްމިއްޔާތެއްގައި މިކަން ފަށަން ތައްޔާރުވެއްޖެއެވެ. ދިހަ ވަރަކަށް ހާސް ވަޒީފާ އިތުރުވާނެ ވާހަކަ އާއިއެކު ހއ. އުލިގަމުގައި ބޮޑު ރަސްމިއްޔާތެއް ބާއްވާ އުތުރު "އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" (އައިއެސްޕީއެސް ގޭޓު)ގެ ނަމުގައި ހުޅުވައިފިއެވެ. ރަސްމިއްޔާތުގެ ކުލަ ގަދަކަމާ އަލިގަދަ ކަމުން ލޯތައް ތަރަތަރަ ޖަހައިގެން ދާހާ ވަރުގެ ބޮޑު ރަސްމިއްޔާތެކެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރު ބަންކަރިންގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ހޯރަފުށީގައި ބާއްވައިފިއެވެ. ބޯޓަށް ތެޔޮ އަޅާތަން އެއްވެސް މީހެއްގެ ލޯމައްޗަށް ގެއްލިދާނެ ކަމުގެ ބިރަށް ރަސްމިއްޔާތު ފެށުމުގެ ކުރިން ހޯރަފުށީގެ ހޭޅިފަށް ވެސް ކޮށާލައިފިއެވެ. ހީވީ މިކަން އިސްތިހާރު ކުރިވަރުން ބަންކަރިންނުން ތެޔޮއަޅަން 8 ޑިގްރީ ޗެނަލްއިން ދަތުރުކުރި ހުރިހާ ބޯޓެއް ކިއު ހެދީހެންނެވެ. އެކަމަކު ތެޔޮ އެޅީ އެސްޓީއޯއިން ކޮޅުނބާ މާލެއާ ދެމެދު ދުއްވާ ކާގޯ ބޯޓަށެވެ. އާޓު ދައްކާލީއެވެ. މައްސަލައެއް ނެތެވެ. އެއީ ރަސްމިއްޔާތެވެ. އިފްތިތާހު ކުރަން އެޅި ތެލެވެ.
ދެން އަޅާނީ 8 ޑިގްރީ ޗެނަލްއިން ދަތުރުކުރާ ބޮޑެތި އާގު ބޯޓު ފަހަރަށް ތާއެވެ. އެއީ ގައިމު ދުވާލަކު ތިން ހަތަރު ސަތޭކަ ބޯޓު ހުރަސްކުރާ މަގެއްވިއްޔާއެވެ. މިހުރިހާ ކަމެއް މިހެން ހިނގަމުންދިޔަ އިރު އިގްތިސާދީ ވަޒީރު ސައީދު މިކަމުގެ ފޮނި ވާހަކަތައް ދައްކަވަމުން ގެންދިއައީ ތިޔަހެންނަކުން ނޫނެވެ. ހީވީ ރާއްޖޭގެ އިގްތިސާދު ދެން މި އުދުއްސައިގަންނަނީހެންނެވެ. ސިންގަޕޫރު ތަންތަނުންވެސް ބިރުން ތެޅިގެން ހެންނެވެ. ދިވެހިން ތިބީ އުފަލުންނެވެ. އިގްތިސާދު ހަމައަކަށް އެޅުނީ ކަމުގެ ޔަގީން ކަމާއެކުގައެވެ. އޭގެ ކުޑަ ދުވަސް ކޮޅެއް ފަހެވެ. އެއްވެސް ބޯޓަކަށް ބަންކަރިންގ ޚިދުމަތުން ތެޔޮކޮޅެއް އެޅި ވާހަކަ ނީވި ހުއްޓާ އިވުނީ ހާލުގައި ޖެހިގެން އެ ސަރަހައްދަށް އައި ބޯޓަކަށް ބަންކަރިން ޚިދުމަތުން ފެން އެޅި ވާހަކައެވެ. އެވެސް ކުޅުދުއްފުށިން ކަޅު ހަމުގައި ފެން ބަރުކޮށްގެންނެވެ. އެ މަސައްކަތުންވެސް ފައިދާވީ އާންމު ރައްޔިތަކަށް ނޫނެވެ. އެ ސަރަހައްދަށް ނިސްބަތްވާ ކޮންމެވެސް މެމްބަރަކަށޭ ބުނާ އަޑު އިވެއެވެ.
އޭގެ ފަހުން ހަބަރެއް ނުލިބި އޮތުމަށްފަހު، ދެން އިވުނީ އެތަނުން އެއް ބޯޓު ވ. އަތޮޅަށް ދިއަ ވާހަކައެވެ. އެތަނުން އެބުރި މާލެ އައި ވާހަކައެވެ. ދެން އިވުނީ ބަންކަރިންނަކާ ބަންކަރިންނެއް ދުކޮށްލާފަ އަނެއް ބޯޓުވެސް މާލެ އައި ވާހަކަ އެވެ. މާލެއިން ދެކުނަށް ދިއަ ވާހަކައެވެ. އަނެއްކާ އެނބުރި މާލެ އައި ވާހަކައެވެ. ކޮންމެ އަކަސް އިހަވަންދިއްޕޮޅު ބަންކަރިން ޚިދުމަތް އޮތީ ހުހަށެވެ. ފަޅަށެވެ. ތެޔޮ އަޅަން ގެނައި ދެ ބޯޓު އޮތީ ގުޅީފަޅު އެންކަރުގައެވެ. މިކަމުން ބަޖެޓަށް 400 މިލިއަން ޑޮލަރު އަހަރަކު ވަންނާނެ ކަމަށް ވިދާޅުވި މޮޅު އިގްތިސާދީ ވަޒީރު ސައީދު ހުންނެވީ ވުޒާރާގައެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ބަންކަރިންނޭ ކިޔައިގެން އިގްތިސާދީ ވަޒީރު ކެނޑުއްވީ ހަމަ އެބުނާ ގޮތައް ފޮނިބާވައެވެ. ރައީސް މުއިއްޒަށް ސައީދު ދަޅަ ދެއްކެވީ ބާވައެވެ. ނުވަތަ މިކަމުގެ ތެރެއިން ބަޔަކަށް ލިބެންޖެހޭ ފައިދާ ލިބި ނިމުނީ ބާއެވެ. ނުވަތަ ހަމަ އިގްތިސާދީ ވަޒީރަށް ކަންކަން އެނގިވަޑައި ނުގަންނަވަނީ ބާވައެވެ. ނޫނީ ރައީސަށް ސަނާ ކިއުމާ ފޮނިކެނޑުއްވުމާ މޮޅު ވާހަކަ ދައްކަވައިގެން ވަޒީރުކަން ދިފާއުކުރައްވަން އުޅުއްވަނީބާވައެވެ. އެނގޭ އެއްޗަކީ ބަންކަރިންގެ ޚިދުމަތް ފަށަން ރަސްމިއްޔާތު ބޭއްވި ކަމެވެ. އެ ރަސްމިއްޔާތައް ދެ މަސް ހަމަނުވަނީސް ދަރަންޏަށް ނަގައިގެން ތެޔޮއަޅަން ގެނައި ދެ ބޯޓު ކަމެއް ނެތި ވައިވެގެން އައިސް ގުޅީފަޅުގައި އެބަތިބި ކަމެވެ. ބަލާލަން ބޭނުންވަނީ މިކަމާ ގުޅޭ ގޮތުން އިގްތިސާދީ ވަޒީރު ސައީދު ދެން ވިދާޅުވާނެ އެއްޗެކެވެ.