ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގައި ތިއްބެވި އެއްވެސް ބޭފުޅެއް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން އަމަލުކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ.
މިސަރުކާރުގެ ބޭފުޅުން އެކިއެކި ތުހުމަތުތައް ކުރައްވަމުންދާތީ ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ކަމެއްގައި ޖަވާބުދާރީވެވޭނެ ކަމަށާއި، ޖަވާބުދާރީނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ބޭފުޅުން ފާޑު ވިދާޅުވާއިރު، މިސަރުކާރުގެ އެއްވެސް ބޭފުޅެއް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިސަރުކާރުގައި ކޮރަޕްޝަންގެ ކިތައް މައްސަލަ ބަލައި ތަހުގީގު ކުރިއަށްދޭތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.
އަޅުގަނޑު ކުރާ ކަމެއްވެއްޖެއްޔާ އަޅުގަނޑު ފުރިހަމައަށް ޖަވާބުދާރީވެވޭނެ. އަޅުގަނޑު ޖަވާބުދާރީ ނުވެވޭނެ ކަމެއް ނޯންނާނެ. އެކަމަކު މިސަރުކާރުގައި ތިބި މީހުން ކުރާ އެއްވެސް ކަމެއް ޖަވާބުދާރީނުވެވޭނެ. މަޖިލީހުގެ މެންބަރުން ވާހަކަދައްކަމުން އެބަ ބުނޭ މިހާރަށް މިއޮތް ސަރުކާރަށް ވުރެ ބޮޑަށް ކޮރަޕްޝަންގެ މައްސަލަތައް ބެލިބައެއް ބަލާނެ ބައެއް ނާދޭ. މިސަރުކާރުގެ ފަރާތުން ކޮރަޕްޝަންގެ މައްސަލައެއް ބަލާއިފިތޯ. ކޮން އެއްޗެއްތޯ ބެލުނީ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ސަރުކާރަށް ދަތިވާ އެއްވެސް ކަމެއް އަދި ރައްޔިތުން ހައްލު ބޭނުންވާ އެއްވެސް މައްސަލައެއް މަޖިލީހުގައި އެޖެންޑާ ނުކުރާ ކަމަށެވެ. ޑިމޮކްރަސީ އުސޫލުން އެންމެ ފުރިހަމަ ރައްޔިތުންގެ މަޖިލީހަކަށް 20 ވަނަ މަޖިލިސްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، މިހާރު ފެންނަ ކަންކަމުން އޭރު ވިދާޅުވި އިހުލާސްތެރިކަމާމެދު ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
ޔާމީން ވިދާޅުވީ މިއަދުގެ ޕީއެންސީގެ މަޖިލިސް މެންބަރުން އަމަލުކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށެވެ.