ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ދެ ވަނަ ބައްޔާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އޭސީ މިލާން އިން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ.
މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އޭސީ މިލާން އިން ވަނީ ރެއާލް ކޮޅަށް ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލާނަށް އެ ލަނޑު ޖަހައިދިނީ މަލިކް ތިއޯ އެވެ. ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ރެއާލަށް ޖަހައިދިނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުން ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރަފައެލް ލިއާއޯ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރެއާލުން މަސައްކަތް ކުރަމުން ދަނިކޮށް، މިލާނުން ވަނީ ދެ ވަނަ ހާފުގައި ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި މިލާނަށް އެ ލަނޑު ޖަހައިދިނީ ޓިޖާނީ ރައިންޑާސް އެވެ. އެ ލަނޑު ޖަހަން ރައިންޑާސް އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ލިއާއޯ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި ރެއާލްގެ އެންޓޯނިއޯ ރޫޑިއާ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
ބައްޔާ އެކު ރެއާލް އޮތީ ލީގުގެ 17 ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ރެއާލް އަތުން މޮޅުވި މިލާން އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.