ދިވެހިންނަކީ ފެށުނީއްސުރެ ގައުމު ދެކެ ލޯބިވާ ބައެކެވެ. ގައުމުގެ މިނިވަންކަމާ އިސްތިގުލާލާ ދޭތެރޭ ވިސްނާ ބައެކެވެ. ގައުމަށް ރީތި ނަން ހޯދާ ދިނުމާ ގައުމަށްޓާކައި ކޮންމެވެސް ކަމެއް ކޮށްދިނުމަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ ކަމެކެވެ. މިކަން އެންމެ އާދައިގެ ދިވެހި ރައްޔިތު މީހާ އާއި ހަމައިން ފެށިގެން ގައުމުގެ ވެރިއާ ހަމައަށް ވެސް އޮންނަނީ މިގޮތަށެވެ.
ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެ އަދި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ ކޮންމެ މީހެއްގެ އެންމެ އިސްވާޖިބަކަށް ވާނީ ގައުމުގެ މިނިވަންކަމާ ސިޔާދަތު އެގޮތުގައި ދެމެހެއްޓުމެވެ. މިއީ އަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް މިކަން އޮތް ގޮތެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމަށް އަވަދިނެތި ކޮންމެ ދުވަހަކު އުޅުއްވާ ވާހަކަ ވިދާޅުވާލެއް ގިނަ ކަމުން މިކަމާ ވިސްނާލަންވެއްޖެ ނޫންތޯއެވެ. މިވާގޮތެއް ބަލާލަން ވެއްޖެ ނޫންތޯއެވެ. ގޯހެއް އުޅެނީތޯ މީސްމީހުން ގާތު އަހާ އޮޅުންފިލުވާލަން ވެއްޖެ ނޫންތޯއެވެ.
މިކަން އޮޅުން ފިލުވުން މިހާ މުހިއްމު ކަމަކަށް މިވަނީ ގައުމުތައް އަޅުވެތިވާ ގޮތާ ހަނގުރާމައިގެ ތެރޭގައި ގައުމުތައް އުޅޭ ގޮތާ ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެ ފަދަ ހާލަތުގައި އޮންނަ ގައުމުތައް ކަންކުރާ ގޮތާ ދިމާއަށް ފެންނަން ހުރީތީއެވެ. އެފަދަ ގައުމުތަކުގެ ވެރިންނާ ސަރުކާރު ތަކުން ހޭބޯނާރާ ދެފައި އެއްތާނގައި ނުޖެހި މަސައްކަތް ކުރަމުން އެދަނީ އެހެންޏާ ގައުމު ދިފާއު ކުރާށެވެ. އެހެންޏާ އެބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރާ ގައުމުގެ މައްޗަށް ގަދަވެގަތުމުގައެވެ. އެފަދަ ގައުމުތަކުގެ ވެރިން ރެއާ ދުވާލު ނޭވާ ނޭފަތުން ނުލާ މިއުޅެނީ ގައުމުގެ މިނިވަންކަން ދިފާޢު ކުރާށޭ ބުނުމަކުން މީހަކު ހައިރާނެއް ނުވާނެއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަން ހުއްޓިވަޑައިގެން ކޮންމެ ތަނެއްގައި މިވާހަކައެއް މިވަރަކަށް މިދައްކަވަނީ ކީއްވެގެން ކަމާމެދު ސުވާލު ނުއުފެދެންވީ ސަބަބެއް ނެތެވެ. އެންމެ ފަހުން ރައީސް މިވާހަކަ ދެއްކެވީ ދިވެހިރާއްޖޭ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އެ ތަގުރީރުގައި ވެސް ވިދާޅުވީ ވޭތުވެދިއަ އެއް އަހަރުގެ ކޮންމެ ދުވަހެއް ބުރަކޮށް މިހޭދަކުރެއްވީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެއްވުމުގައި ކަމަށެވެ. ރައީސް އަރިހުގައި އަހާލާނަމޭ ހިތަށް އެރައެވެ. ދިވެހިރާއްޖެ މިއޮތީ ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި ތޯއެވެ. ރާއްޖޭގެ ކޮންމެވެސް އެއްފަޅިއަކުން ބޯޑަރު ހިއްސާކުރާ ގައުމުން ރާއްޖެއާ ހަނގުރާމަ ކުރަމުން އެބަދޭތޯއެވެ. ރާއްޖެ އަށް ކުރިން ކުރެވިފައި އޮތް ކޮންމެވެސް ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ކޮންމެވެސް ގައުމަކުން ރާއްޖެއަށް ހަމަލާއެއް ދޭން އެބަ ތައްޔާރުވޭތޯއެވެ. ނުވަތަ އަސްކަރީގޮތުން ބާރުގަދަ ގައުމަކާ ރާއްޖެއާއި ދެމެދު އަސްކަރި ބަހުރުވާ ހޫނުވެ ބޮޑެތި ދެބަސްވުންތައް އެބަ ހިނގާތޯއެވެ. ނުވަތަ ރާއްޖެއަށް އެހެން ގައުމެއްގެ ސިޔާދަތުގެ ތެރެއަށް ވަދެވި އެހެން ގައުމެއްގެ މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ކުރެވިގެން އެބައުޅޭތޯއެވެ. ނުވަތަ އެހެން ދެ ގައުމެއްގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެތަނުން އެއްގައުމުން އަނެއްގައުމަށް ހަމަލާ އެބަދޭތޯއެވެ. ނުވަތަ ހަނގުރާމައެއްގެ ތެރޭގައި އުޅޭ ގައުމެއްގެ އަސްކަރި ބޭހެއް ރާއްޖޭގައި އެބައޮތްތޯއެވެ.
މިއީ ހަތްތަހާވެސް ރައީސްގެ އަރިހުން ސާފުކުރަން ބޭނުންވާ ކަންކަމެވެ. ސަބަބަކީ ރައީސް އަބަދާ އަބަދު އެހެން ވިދާޅުވާތީއެވެ.
ވީއިރު ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރެއްވުމުގައި އެހާ ދަތި އުނދަގޫ ހާލަތެއްގައި އެހާ ބުރަކޮށް ދުވާލު ހަތަރުދަމުން ރައީސަށް އުޅުއްވަން ޖެހިވަޑައިގެން މިއުޅުއްވަނީ ކޮންކަމެއް ލައިގަނެގެންތޯއެވެ.
މިނިވަންކަމުގެ ވާހަކަ ދައްކަވައިގެން ސިޔާދަތުގެ ވާހަކަ ދައްކަވައިގެން ރައްޔިތުންގެ ގުޑް ބުކް އަށް އަބަދު އަރުއްވަން އެހާ ބޭނުންފުޅު ނަމަ ދިފާޢީ ބާރަށް އެކުވެރި ގައުމަކުން ހަތިޔާރު ހޯދައިގެން ދިފާއީ ބާރުގެ މަރުކަޒުތައް އެކުވެރި ގައުމަކުން އިމާރާތް ކުރުވައިގެން އެކުވެރި ގައުމެއްގެ އަސްކަރިއްޔާ އަށް ބަރޯސާވެގެން އުޅުއްވާ ވާހަކަ ތިޔަ ދެއްކެވެނީ ކީއްވެގެންތޯއެވެ.
އަޖައިބަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް މިވަގުތު ކުރިމަތިވެފައި އޮތް ނުރައްކާ އެނގޭ ދިވެއްސެއް، އެކަމުގެ ވާހަކަ އެހި ބޭރުގެ ގައުމެއް، ޖަމްއިއްޔާއެއް ޖަމާއަތެއް ނެތެވެ.
ކޮންމެ ދުވަހަކު ރެޔާއި ދުވާލު އެންމެ އިސްކަމެއް ދެއްވައިގެން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރައްވަން އެހާ އަވަދި ނެތި އަނެއްކާ އެ ކުރައްވަނީ ކޮން ޖިހާދެއް ބާވައެވެ.