އިޒްރޭލުން އަނެއްކާވެސް ޣައްޒާގައި ހުންނަ މައި 3 ހޮސްޕިޓަލަކަށް ބޮން އަޅައިފިއެވެ.
އާދިއްތަ ދުވަހު އިޒްރޭލުން ބޮން އަޅާފައިވަނީ ޖަބަލިޔާގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލަށާއި، ބައިތް ލަހިޔާގައި ހުންނަ ކަމާލް އަދްވާން އަދި އިންޑޮނޭޝިއާ ހޮސްޕިޓަލަކަށެވެ.
ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. ހަމައެހެންމެ، ކަމާލް އަދްވާން ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެ، މުހިއްމު މެޑިކަލް އާލާތްތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރ ޑރ. ހުސާމް އަބޫ ސަފިއްޔާ ވިދާޅުވި ގޮތުގައި، އާދިއްތް ދުވަހުގެ ރޭ ކަމާލް އަދްވާން ހޮސްޕިޓަލް ވަށައިގެންވާ އިމާރާތްތަކާއި ޔަމަން އަލް-ސަޢީދު ސަރަޙައްދަށް އިޒްރޭލުން ފުލުފުލުގައި ހަމަލާދީ، އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކޮށްފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލުގެ އިމާރާތަށް ބޮޑެތި ގެއްލުންތައް ވުމުގެ އިތުރުން، އެޑްމިޓު ކޮށްފައި ތިބި ބަލިމީހުންގެ މެދުގައި ބިރުވެރިކަން ވަނީ އުފެދިފައެވެ.
"މިހާރު އަޅުގަނޑުމެންގެ ހޮސްޕިޓަލުގައި 120 ޒަޚަމްވެފައިވާ ބަލިމީހުން އެބަތިބި، އޭގެ ތެރެއިން ގިނަ މީހުންނަށް އަވަސް ސަރޖަރީ ބޭނުންވޭ، އެކަމަކު ހިތާމައަކީ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތްކަން. އިންސާނިއްޔަތުކަމުގެ ޤާނޫނުތަކާ އެއްގޮތަށް ޞިއްޙީ ޚިދުމަތް ދިނުމަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވެފައި މިވަނީ،" ޑރ. ހުސާމް އަބޫ ސަފިއްޔާ ވިދާޅުވިއެވެ.
އިޒްރޭލުން ހަމަލާދިން މި 3 ހޮސްޕިޓަލަކީވެސް މީގެ ގާތްގަނޑަކަށް 10 މަސް ކުރިން އިޒްރޭލު ސިފައިން ރެއިޑްކޮށް ހިފާފައިވާ ހޮސްޕިޓަލްތަކެކެވެ.
މިހޮސްޕިޓަލްތަކުގެ ސިއްހީ އާލާތްތަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، މި ސަރަހައްދުގައި ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލުތަކަކީ ވެސް މިއީ އެވެ.
އިޒްރޭލުން ޣާއްޒާ އަށް ދޭ ހަމަލާތަކުގައި ޓާގެޓް ކޮށްގެން ސިއްހީ ނިޒާމު ހަލާކު ކޮށްލުމަށް ހަމާލާދޭ ކަން ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.
ހުސްވި އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ގެންދަނީ ޣައްޒާއަށް ނުރައްކާތެރި މަރުގެ ހަމަލާތައް ހުއްޓުމެއް ނެތި ދެމުންނެވެ. މި ހަނގުރާމާގައި މިހާތަނަށް މަދުވެގެން 43,204 ފަލަސްތީނު މީހުން ޝަހީދުވެ، 101,640 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.