އެތައް ދުވަހެއް ވަންދެން، އެތައް ސަރުކާރަކަށް އަތްލާން ނުކެރިފައި ހުރި އެތައް ކަމެއް ބާރުގަދަ އެތައް ފަރާތެއްގެ ބާރުގައި ތަޅުލެވިފައި ހުރި އެތައް ކަމެއް ރައްޔިތުންގެ ފަޅިއަށް ޖެހިލައިގެން އަޅުގަނޑު މިދަނީ އެކަން ކުރަމުންނެވެ. މިއީ "އޮޅު ހިޔާ" ކެޓް ޝެލްޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ތަންކޮޅެކެވެ.
ރައީސް މި ވިދާޅުވި އެއްޗެއް ފަހުމުވޭތޯ އުޅެ އުޅެ ފަހުމްވާގޮތެއް ނުވި އެވެ. ފަހަރުގައި ވިސްނުން ކޮށި ވީމާ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އަޅުގަނޑުމެން ކަހަލަ މީހުންގެ ވިސްނުން އެ ހިސާބަށް ނުދަނީ ކަމަށް ވެސް ވެދާނެއެވެ. މިހާ ހިސާބުން ޖެހުނީ އެފަދަ ކަންކަން އެނގޭ ބޭބޭފުޅުން ގާތު މިވާހަކަ އަހާލާށެވެ. ރައީސް މި ވިދާޅުވި އެއްޗެއްގެ މަފްހޫމް އޮޅުން ފިލުވާލާށެވެ. ވާހަކަ ދައްކާލި ކޮންމެ ބޭފުޅަކު ވެސް ދެއްވީ އެއް ޖަވާބެކެވެ. ރައީސް ތިޔަ ދައްކަވަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އަމާޒުކުރައްވައިގެން ދައްކާ ވާހަކައެކެވެ. ޚާއްސަކޮށް ޑޮލަރު ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް ނިންމެވި ނިންމެވުން މޮޅު ކަމަކަށް ހައްދަވައިގެން ދެއްކެވި ވާހަކަފުޅެކެވެ.
މިހާ ހިސާބުން ހިތައް އެރީ މިއީ ރައީސް ހަމަ އެހާ ގަދަ ވެފައި ދައްކަވަންޖެހޭ ވާހަކައެއް ބާވައެވެ. ކުރެއްވިގެން އެ އުޅުއްވެނީ ހަމަ އެހާ ވަރުގަދަ ކަމެއް ބާވައެވެ. އަތްލެވިގެން އެ އުޅުއްވަނީ ހަމަ އެހާ ވަރުގަދަ އެއްޗެއްގައި ބާވައެވެ. އެހެން މީހުންނަށް އޭގައި އަތްލަން ނުކެރުނީ ހަމަ ފިނޑިކަމުން ބާވައެވެ.މި ސުވާލުތަކުގެ ޖަވާބު ހޯދާކަށް ދައްޗެއް ނުވިއެވެ. އަޅުގަނޑަށް ވާހަކަ ދައްކާލެވުނު ބޭބޭފުޅުން ދެއްވި މައުލޫމާތުގެ އަލީގައި ގޮތެއް ނިންމާކަށް އުނދަގުލެއް ނުވިއެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޚިޔާލާ ފިކުރާ ދެކޮޅަށް ބޭންކަށް ޑޮލަރު މާރުކުރުވުމަށް ސަރުކާރުން ނިންމައިގެން އުޅޭ ނިންމުމަކީ އެހާ ގަދަވާން ޖެހޭ ކަމެއް ނޫނެވެ. ރަން ބިސް އަޅާ ކުކުޅުގެ ބަނޑުގައި ހުރި ބިސްތައް އެއްފަހަރާ ނެގުމަށް ކުކުޅުގެ ބަނޑު ފަޅާކުލަމަކީ މޮޔަކަމެއްކަން ކުޑަކުއްޖަކަށް ވެސް އެނގޭނެއެވެ. ދަހިވެހިތި ކަމުގައި އަސްދޫނި ކަތިލި ދޫނި ގެންގުޅޭ މީހާއަށް ވީ ގޮތް ތުއްތު ކުދިންވެސް ވަނީ ދަސްކޮށްފައެވެ. ފެލަމުން ފެލަމުން ގޮސް ހުސްވުމުން އޮބި ހިފައިގެން އިށީނދެ ބަކަރިން ކިރުފެލަން ދިމާކުރުމަކީ އެހާ މޮޅު ކަމެއް ވެސް ނޫނެވެ.
ފަތުރުވެރިކަމުގެ އިންޑަސްޓްރީ އަކީ ޕްރައިވެޓް ސެކްޓަރުން ތަރައްގީ ކުރާ އިންޑަސްޓްރީ އެކެވެ. ސަރުކާރުން ދެނީ ރަށެވެ. އިންވެސްޓަރުން ހޯދަނީ ވެސް އިންވެސްޓްކުރާނެ ފައިސާ ހޯދަނީ ރަން ނެގި ފަރާތުންނެވެ. ބިމު ކުލި ދައްކަނީ ރަށް ތަރައްގީ ކުރަނީ ރަށް ކުއްޔަށް ނެގި ފަރާތުންނެވެ. ފަތުރުވެރިން އައުމުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ދައްކަނީ ވެސް އެފަރާތުންނެވެ. ފައިދާ އެއް ލިބުމުން ބީޕީޓީ ދައްކަނީ ވެސް އެފަރާތުންނެވެ. ރަށް ހަދަން ނެގި ލޯނާ މައްސަލަ އެއް ދިމާވެއްޖެ ކޮންމެ ފަހަރަކު ދައްކަންޖެހޭ ޖޫރިމަނާއާއި ވިޔަފާރި ބަނގުރޫޓްވާ ހާލަތުގައި އޭގެ އަގު ވެސް އަދާ ކުރަނީ އެފަރާތުންނެވެ. ސަރުކާރުގެ މައިގަނޑު މަސައްކަތަކީ ނެގުމެވެ. ނުލިބި ލަސްވާނަމަ ހޯދުމެވެ. ނުދީ ލަސްވާނަމަ ޖޫރިމަނާ ކުރުމެވެ. އެވެސް ނުލިބިއްޖެނަމަ ރަށް އަތުލުމެވެ. ފާޑުފާޑުގެ ގަވައިދު ހަދައި، ކުރެވުނު އުނދަގުލެއް ކުރުމެވެ. ރިސޯޓު ވެރިމީހާ ވަޒީރު ފައިބުޑަށް ކަންކަމުގައި އަންނަން ޖެހޭނެހާ މަޅި ޖެހުމެވެ.
ވީއިރު 1972 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ އަޅާ އެ ބިންގަލުގެ މަތީގައި ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑަށް ހެދީ ޕްރައިވެޓް ސެކްޓަރުން ނޫން އެހެން ދެން ކޮންބައެއް ތޯއެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށުނު ފަހުން މިއަދާ ހަމައަށް އައި ހުރިހާ ސަރުކާރުތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންހާ ގޮތްގޮތެއް ނަހަދާ އަތް ނުލާ ބާއްވަނީ ބިރަކުން ފިނޑިކަމަކުން ނޫނީ ހަދާނެ ގޮތް ނުވިސްނޭތީ އެއް ނޫނެއް ނޫންތޯއެވެ. ރާއްޖޭގެ އިގްތިސާދު ހިފަހައްޓަނީ ފަތުރުވެރިކަމުން ނޫންތޯއެވެ. ރާއްޖެއަށް ބޭރު ފައިސާ ވައްދަނީ ފަތުރުވެރިކަމުން ނޫންތޯއެވެ. ލިބޭ ޓެކުހުގެ ބޮޑުބަޔަކީ ހަމަ އޭގެއިން ލިބޭ އެއްޗެއް ނޫންތޯއެވެ. ވީއިރު އެ އިންޑަސްޓްރީ ހަލާކުވެދާނެފަދަ ކަމެއް ނުކުރަން ސަރުކާރުތަކުން ތިބީ ބާރުގަދަ ބައެއްގެ އަތްދަށުގައި ތަޅު އެޅުވި ފިނޑިވެގެންނޭ ބުނާނެ ޖާގައެއް އެބަ އޮތްތޯއެވެ. ކޮންމެ މީހަކު ވެސް ވެރިކަމަށް އައުމަށް ބޭނުން ހިފަނީ ރިސޯޓް އޯނަރުންނޫންތޯއެވެ. ފަންޑު ހޯދަނީ އެ މީސްމީހުންގެ އަތުން ނޫންތޯއެވެ. ވެރިކަމުގައި ތިބޭ އިރު ދަތިވާ ކޮންމެ ފަހަރަކު އެހީ ހޯދަނީވެސް އެމީސް މީހުންގެ އަތުންނޫންތޯއެވެ. ސަރުކާރުގެ ޓީބިލް ވިއްކަނީ އެމީހުންށް ނޫންތޯއެވެ. ބޮންޑު ވިއްކަނީ އެމީހުންނަށް ނޫންތޯއެވެ. އެއީ އެތައް ރައްޔިތުންތަކެއްގެ ވަޒީފާއާއި ގުޅިފައިވާ ސިނާއަތެކެވެ. ވީއިރު ރައްޔިތުންގެ ފަޅިއަށް އެރުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ފުނޑާލާފަދަ ނިންމުން ކުއްލި ކުއްލިއަށް ނިންމުން ކަމަށްވާނަމަ އެ ވިދާޅުވާ ފަޅި އޮޅިއްޖެއެވެ. ފަތުރުވެރިކަން ހަލާކުވެގެން ރައްޔިތުންނަށް ގެއްލުން ލިބެން ފެށީމާ މޮޅު އެވީ ކޮން ފަޅިއަކަށް ތޯއެވެ؟
އަލިފާނުގައި މީހުން އަތްނުލަނީ ފިނޑިކަމަކުންނެއް ނޫނެވެ. ނުކެރިގެންނެއް ވެސް ނޫނެވެ. އަދި އަތްލާ މީހާ އަތްލަނީ މާ މޮޅު ކަމަކުންނެއް ވެސް ނޫނެވެ. އެވަރު ނުވިސްނޭ މީހުން ގައުމުގެ ހުންގާނު ހިފަން ދިމާކުރުމުން ދެން އޮޑި ގޮސް އަރާނީ ފަރަށް ކަން އެއީ ޝައްކެއްވެސް ނެތް ކަމެކެވެ.