އެއް އަހަރުތެރޭގައި 22 ބިލިއަން ދަރަނި ކުރި ސަރުކާރެއް އުޑު ބަޅު ކުރި ހިސާބުގަައި ވެސް ނެތް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މުޅި ޤައުމުގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލާ ކަމަށް ބުނެ ބުދަ ދުވަހުގެ ހެނދުނު އެމްޑީޕީން ފެށި މުޒާހަރާގައި ހުންނަވާ ރާއްޖެއެމްވީއަށް މެމްބަރު މައުރޫފް ވިދާޅުވީ "އެއް އަހަރުތެރޭގައި 22 ބިލިއަން ދަރަނި ކުރި ސަރުކާރެއް ދިވެހިރާއްޖޭގައި ކީއްކުރަން އުޑު ބަޅު ކުރި ހިސާބުގަައި ދުނިޔޭގައި ވެސް ނެތް،" ކަމަށެވެ. މައުރޫފް އިތުރަށް ވިދާޅުވީ، "ދިވެހިރައްޔިތުންނަށް ވަރަށް ބޮޑު އަނިޔާއެއް ވަމުން ދާއިރު ދިވެހި ރައްޔިތުން މަޑުން ނުތިބެ އެމްޑީޕީއާ ގުޅިގެން މި ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި ކޮންމެހެން ވެސް މަގުތައްމައްޗަށް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވުމާ ރައްޔިތުންގެ ބާރު އޮތްކަން ދެއްކުމަށްޓަކައި ބައިވެރިވުމަކީ މުހިއްމު ކަމެއް،" ކަމަށެވެ.
އަދި މިއީ ރައްޔިތުން ގޭގައި މަޑުން ވާނުވާ ބަލަން ތިބެން ޖެހޭ ހާލަތަށްވުރެ މާނުރައްކާތެރި ހާލަތެއްކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ، "ކުރީ ސަރުކާރުން ފައްޓާ ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބިފައިވާ އާރުޓީއެލް ފަދަ ނިޒާމްތައް ގަޑުބޮޑުކޮށް އަނެއްކާވެސް ރައްޔިތުންގެ އަތުން އިތުރު ފަައިސާ އާރުޓީއެލްއަށް ނަގަން ވިސްނަމުންދާ ވާހަކަތައް ދެކެވޭ ކަމަށާއި، ދައުލަތުގެ ބަޖެޓު 49 ބިލިއަނުން 55 ބިލިއަނަށް ބޮޑުކުރި އިރު ޚަރަދުވި ކަމަށް ބުނަނީ 18 ބިލިއަން ރުފިޔާ،" ކަމަށެވެ. އެހެންކަމުން، "ބާކީ 31 ބިލިއަން ރުފިޔާ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ކާލައިފި،" ކަމަށެވެ.
ޝުޢޫރު ފާޅުކޮށްފައިވާ އެކި އެކި ލިޔުންތައް ހިފައިގެން އެމްޑީޕީން މުޒާހަރާ ކުރަމުންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައި ވަނިކޮށެވެ.