ކ. މާލެ
|
27 އޮކްޓޯބަރ 2024 | އާދީއްތަ 19:59
ރަހާ ރިސޯޓު
ރަހާ ރިސޯޓު
ރަހާ ރިސޯޓު.ކޮމް
ރަށް ވިއްކުން
ހެވީލޯޑަށް ދޫކޮށްފައިވާ ތިން ރަށެއް ބީއެމްއެލް އިން ވިއްކާލަނީ
މި ރަށްތައް މޯގޭޖް ކުރުމަށްފަހު ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ހެވީ ލޯޑުން ވަނީ 11 މިލިއަން އެމެރިކާ ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ބީއެމްއެލް އިން ނަގާފައެވެ.
ޚަބަރުގެ އޯޑިއޯ

ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނެއް އަނބުރާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނީގެ މިލްކިއްޔާތުގައިވާ ތިން ރަށެއް ވިއްކާލާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާދިއްތަ ދުވަހު އިއުލާން ކޮށްފިއެވެ.

މި ރަށްތައް މޯގޭޖް ކުރުމަށްފަހު ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ހެވީ ލޯޑުން ވަނީ 11 މިލިއަން އެމެރިކާ ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ބީއެމްއެލް އިން ނަގާފައެވެ.

ބޭންކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ސިވިލް ކޯޓަށް ބީއެމްއެލް އިން ހުށަހެޅި މި މައްސަލައިގައި އިއްވި ހުކުމުގައި ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ރަހުނުކޮށްފައިވާ ތިން ރަށް އެކީ ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފައިވާ ކަމަށެވެ.

ވިއްކާލުމަށް ހުށަހަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ލ. އަތޮޅު ފަރެސް، ކުޑަފަރެސް އަދި ބޮޑުހުރާއެވެ. ފަރެހާއި ކުޑަފަރެހުގައި ހިންގާ ރަހާ ރިސޯޓުގައި 100 ބީޗް ވިލާގެ އިތުރުން، ވޯޓަރ ސްޕޯޓްސް، ޑައިވިންގ އަދި ސްޕާގެ ޚިދުމަތްތައް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޮޑުހުރާ ބޭނުންކުރަނީ ދަނޑުވެރިކަމުގެ ބޭނުމަށެވެ. މި ރަށްތަކުގެ ހެޑް ލީސްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުއެވެ.

ބީއެމްއެލްއިން ވަނީ ދެ ގޮތަކަށް ވިއްކުމަށް ހުށަހަޅާފައެވެ. ފުރަތަމަ ގޮތަކީ ތިން ރަށް އެއްކޮށް ގަތުމަށް އެންމެ ކުޑަވެގެން 23.2 މިލިއަން އެމެރިކާ ޑޮލަރު (355 މިލިއަން ރުފިޔާ) އަށް ބިޑުކުރުމެވެ. ދެވަނަ ގޮތަކީ ފަރެސް އާއި ކުޑަފަރެސް 23.2 މިލިއަން ޑޮލަރަށް ނޫނީ ބޮޑުފަރެސް ވަކިން 23.2 މިލިއަން ޑޮލަރަށް ބިޑުކުރުމެވެ.

ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން ނޮވެމްބަރު 28 ގެ ކުރިން އެކަމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް ވަނީ ބީއެމްއެލް އިން ދަޢުވަތު ދީފައެވެ.

- ކޮމެންޓް