އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އައްޑޫ ބްރޭންޑް ލޯންޗިން ޖަލްސާގެ ތެރެއިންނެވެ.
ނިޒާރު ވިދާޅުވީ އަައްޑޫ ސިޓީގެ ފަތުރުވެރިކަން ފުޅާ ކުރެވިދާނެ ކަމާއި މެދު އެއްވެސް އިރަކު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މިހާރަށް ވުރެ ފުރިހަަމަކޮށް އައްޑޫގެ ފަތުރުވެރިކަން ކުރިއަށް ގެންދެވޭނެ ކަަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޑަބްލިއުޓީއެމްގައި "ލަންޑަން"ގައި އައްޑޫ ބްރޭންޑް ލޯންޗިން ބާއްވަން ކުރިން ވިސްނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިކަމަކީ ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެއް ކަމަށް ވާއިރު އައްޑޫ ސިޓީ ކައުންސިލަކީ މާލީ ގޮތުން މާބޮޑު ތަނަވަސްކަމެއް އޮތްތަނެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ ޓުއަރިޒަމް ކުރިއަރާފާނެ ކަމާއި މެދު ބައެއް ފަރާތްތަކުން ޝައްކުކުރާ ކަމަށާއި އެ ތަނަށް އިންވެސްޓްކުރަން ޖެހިލުންވާ ކަމަށް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ފަތުރުވެރިކަން ތަރައްޤީކުުރުމަށް ސަރުކާރުން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ އައްޑޫ އަށް ކަަމަށް ނިޒާރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވެސް އޭގެ ކުރީ ސަރުކާރުން ވެސް މި ސަރުކާރުން ވެސް އެކަން ކުރާނެ. މިކަމުގެ އައްޑޫގެ ރައްޔިތުންގެ ހިއްސާ ބޭނުންވޭ. ތޮއްޑޫގެ ފަތުރުވެރިކަމަށް އައި ބަދަލު އެއީ ސަރުކާރުން ކުރި ކަމެއް ނޫން. ހިއްމަފުށި މާފުށްޓަށް އައި ބަދަލު ބައްލަވާ. ފުވައްމުލަކަށް ފަތުރުވެރިކަން ގެނެވިދާނެ ކަމަށް ވިސްނި އެކްސްޕަރޓެއް ވެސް ނެތް. މަސައްކަތް ކުރެވިއްޖެ. ވަރުބައްޔެއް ނުވޭ. ނަަމަވެސް ރައްޔިތުންގެ ހިއްސާ ބޮޑުވާން ޖެހޭ.އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު
އައްޑޫގައި ހިންގިދާނެ އެތައް ހަރަކާތްތަކެއް ހުރި ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވަނީ އައްޑޫގެ ރިސޯޓްތަކުގެ އޮކިއުޕެންސީ ވެސް ރަނގަޅު ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ ހިސާބަކީ ކަނޑު އަޑީގެ ރީތިކަން އޮތްތަނެއް ކަަމަށާއި، އެތަނުގައި މިޔަރު ވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ އަކީ ތަފާތު މަންޒިލެއް ކަމަށާއި ބޭނުންވަނީ ރަނގަޅަށް އިޝްތިހާރު ކުރާނެ ބައެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގައި އިންވެސްޓްމެންޓްގެ ފުރުސަތު ވަރަށް ފުޅާކޮށް އޮތް ކަމަށް ފާހަގަކުރައްވާ ނިޒާރު ވަނީ އެ ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ.
ނިޒާރު ވަނީ ޚިޔާލު އެއްގޮތް ކޮށް އެކުގައި އައްޑޫ ތަރައްޤީކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އައްޑޫ އަކީ ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާ އެއް ލިބޭ ތަނެއް ކަަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.