ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 12:19
ބެއިރޫތުގެ މައި ހޮސްޕިޓަލު ކައިރިއަށް އިޒްރޭލު ސިފައިން ދިން ވަރުގަދަ ބޮމުގެ ހަމަލާގައި ފުނޑުފުނޑުވި އިމާރާތްތަކުގެ ދަށުން މީހުން ހޯދަނީ
ބެއިރޫތުގެ މައި ހޮސްޕިޓަލު ކައިރިއަށް އިޒްރޭލު ސިފައިން ދިން ވަރުގަދަ ބޮމުގެ ހަމަލާގައި ފުނޑުފުނޑުވި އިމާރާތްތަކުގެ ދަށުން މީހުން ހޯދަނީ
އޭޕީ
ލުބުނާން-އިޒްރޭލު ހަނގުރާމަ
"ހީވީ ގިޔާމަތް ވިއްޔޭ" - ބެއިރޫތުގެ ހޮސްޕިޓަލް ކައިރިއަށް އިޒްރޭލުން ދިން ވަރުގަދަ ބޮމުގެ ހަމަލާ
ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތިބިތޯ އަދިވެސް ބަލަމުންދާ އިރު މި ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 18 ށް ވަނީ އަރާފައި

ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލު ކައިރިއަށް އިޒްރޭލުން އެޅި ވަރުގަދަ ބޮމުގެ ސަބަބުން އެ ސަރަހައްދުން ދިރިތިބި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ގެންދަނީ ކުރަމުންނެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތާ ހަމައަށް ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ހުއްޓުމެއްނެތި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތިބިތޯ ބަލަމުންދާ އިރު މި ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 18 ށް ވަނީ އަރާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާންމުން ބައިބޯ މި ސަރަހައްދަށް މިދިން ގަދަފަދަ ހަމަލާގެ ސަބަބުން، އެތައް ބަޔަކު އަދިވެސް ތިބީ ނަފްސާނީވެ ބޮޑު ޝޮކެއްގައެވެ. އާންމުންވެސް ގެންދަނީ ގެއްލިފައިވާ އެމީހުންގެ ގާތްތިމާގެ މީހުން ފެނޭތޯ އަޅިތަކާއި ފުނޑު ގައުތަކުގެ ތެރޭގައި އަތްފުނާ އަޅަމުންނެވެ.

ލުބުނާންގެ ސިވިލް ޑިފެންސްއިން ބުނެފައިވަނީ އިޒްރޭލުން އެޅި ބާރުގަދަ ބޮމުގެ ސަބަބުން 5 އިމާރާތް މުޅިން ފުނޑުފުނޑުވި ކަމަށާއި، އޭގެ އިތުރުން، 12 އިމާރާތަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ.

ރަފީޤް ހަރީރީ ހޮސްޕިޓަލުގެ ނަރުހެއް ކަމަށްވާ ހުސެއިން އަލް-އަލީ މި ބިރުވެރި ހާދިސާ އާ ބެހޭ ގޮތުން ބުނެފައިވަނީ "އަހަރެމެން އިންތިހާ އަށް ބިރުގަތް، މިއީ ޖަރީމާއެއް، ހީވީ ގިޔާމަތް ވިއްޔޭ" ކަމަށެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރު ޖިހާދު ސައާދާ ބުނެފައިވަނީ ހަމަލާއިން ހޮސްޕިޓަލުގެ ގިނަ ބިއްލޫރިތަކާއި ސޯލާ ޕެނަލްތައް ތަޅައިގެން ދިޔަ ކަމަށެވެ.

ސައާދާ ބުނެފައިވަނީ ހަމަލާގެ ކުރިން ހޮސްޕިޓަލަށް އެއްވެސް އިންޒާރެއް ލިބިފައިނުވާ ކަމަށާއި، އެ ސަރަޙައްދުގެ އާންމުންނަށްވެސް އެއްވެސް އިޝާރާތެއް ލިބިފައިނުވާ ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައިވަނީ ހަމަލާ ދިން އިރު ކުޑަކުދިން ބޭރުގައި ކުޅެން ތިބި ކަމަށާއި، ހަމަލާގެ ގަދަފަދަ ކަމާއެކު ކުދިންތައް ވިއްސައިގެން ގޮސް  ބައެއް ކުދިންނަށް ބޮޑެތި އަނިޔާވެ، ބައެއް ކުދިން ހާދިސާގައި ވަނީ މަރުވެފައިވާ ކަމަށެވެ.

އާންމު ގޮތެއް އިޒްރޭލުން ދައްކާ ބަހަނާ މިކަމުގައިވެސް ދައްކަމުން ބުނެފައިވަނީ ހަމަލާދިނީ ހިޒްބުﷲ ގެ ޓާގެޓަކަށް ކަމުގައެވެ. އެއީ ކޮން ޓާގެޓެއް ކަމެއް ފަދަ އެއްވެސް އިތުރު މައުލޫމާތެއް އިޒްރޭލު ސިފައިންގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

- ކޮމެންޓް