ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން ޢިއުލާންކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
އެގޮތުން މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް މ. މުލައް ގަނދަކޯޅިމާގެ އުމުރުން 25 އަހަރުގެ އަޙްމަދު ރާއިފް އާއި ގ. ރަންނާޅިގެ އުމުރުން 28 އަހަރުގެ އިސްމާޢީލް ޝައިމަން ހޯދުމަށް ފުލުހުން ވަނީ ޢިއުލާންކޮށްފައެވެ.
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ދެ މީހުން ހާޒިރުވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު ޢުބާދަތު ޙުސައިން (30އ) ހޯދުމުގެ މަސައްކަތްވެސް ފަށާފައެވެ.
މުޙައްމަދު ޢުބާދަތު ޙުސައިން ހޯދަމުން ދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 24ވަނަ ދުވަހުގެ 14:00އަށް ކްރިމިނަލް ކޯޓު، ހުޅުމާލެ ޑިވިޝަންނަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ޢުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.