ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 09:22
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ރެއާލް މެޑްރިޑު
ދެ ވަނަ ހާފުގައި ރެއާލް ވަރުގަދަކޮށް ފެނުނީ ކުޅުމަށް ބަދަލުތަކެއް ގެނައުމުން: އަންޗެލޮޓީ
ޕާސްތައް ގެއްލުވާ ނުލުމާއި، ރަނގަޅަށް ހުރަސްތައް ނެގުމާއި، ދެން ވެސް ހުރި ކަންކަން ރަނގަޅު ކުރުމުގެ ނަތީޖާ އަކީ، ދެ ވަނަ ހާފުގައި ފަސް ލަނޑު ޖެހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ރެއާލް މެޑްރިޑު ވަރުގަދަކޮށް ފެނުނީ، ކުޅުމަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ވަނީ ރެއާލް ކޮޅަށް ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ރެއާލް އިން ވަނީ ފަސް ލަނޑު ޖަަހައިގެން، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެ މެޗުގައި ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މެޗުގެ ބްރޭކަށްފަހު ދެ ވަނަ ހާފުގައި ރެއާލުން ކުޅުމުގެ ވައްޓަފާޅި ބަދަލުކުރި ކަމަށާއި، އެކަމުގެ ސަބަބުން ދެ ވަނަ ހާފުގައި ރެއާލް ފެނުނީ ވަރަށް ވަރުގަދަކޮށް ކަމަށެވެެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ރެއާލް ފެނުނޫ ތަންކޮޅެއް "ފަސްޖެހިގެން" ކަމަށާއި، މެޗަށް އެނބުރި އައުމަށް އިތުރު ހިތްވަރެއް ވެސް ކުރަން ޖެހުނު ކަމަށެވެ. ދެ ވަނަ ހާފުގައި ރެއާލް އިން ދެއްކި ކުޅުމަށް އިޝާރާތް ކުރަމުން އަންޗެލޮޓީ ބުނީ، އެއީ މިހާތަނަސް ރެއާލުން އެންމެ ރަނގަޅަށް ކުޅުނު ދެ ވަނަ ހާފު ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ފުރަތަމަ ހާފަށް ބަލާއިރު، ޑޯޓްމަންޑުން ރެއާލް ކޮޅަށް ދެ ލަނޑު ޖަހައިގެން ލީޑު ގައި އޮތީ މާ ބޮޑު ޕްރެޝަރެއް ނެތި ކަމަށެވެ. ފުރަތަމަ ހާފުގައި ރެއާލް ވެސް އޮތީ ހަމަހަމަކޮށް ކަމަށާއި، ނަމަވެސް ރެއާލަށް މަދުވީ ޕްރެޝަރުގައި ކުޅުން ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގައި އެކަމާއެކު ރެއާލް އިން ކުޅުމުން، އެ ޓީމު ކޮޅަށް ނަތީޖާ އެނބުރުނުކަން ވެސް އަންޗެލޮޓީ ފާހަގަ ކުރި އެވެ.

އަންޗެލޮޓީ ބުނީ އަލުން ރެއާލް ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލުމަކީ އުނދަގޫ ކަމަކަށްވެދާނެ ވާހަކަ ކުޅުންތެރިން ގާތު އޭނާ ބުނެފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ރެއާލް އިން "ކުދިކުދި" ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ވާހަކަ އާއި، އިތުރަށް ހިތްވަރުލާން ކުޅުންތެރިން ގާތު ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ޕާސްތައް ގެއްލުވާ ނުލުމާއި، ރަނގަޅަށް ހުރަސްތައް ނެގުމާއި، ދެން ވެސް ހުރި ކަންކަން ރަނގަޅު ކުރުމުގެ ނަތީޖާ އަކީ، ދެ ވަނަ ހާފުގައި ފަސް ލަނޑު ޖެހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޑޯޓްމަންޑު އަތުން ހޯދި މޮޅާއެކު ރެއާލް އޮތީ ނުވަ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުގެ ތެރެއިން ރެއާލް މޮޅުވެފައި ވަނީ ދެ މެޗުންނެވެ. އަނެއް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

- ކޮމެންޓް