ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިދުވަސްވަރު ގިނަ ކަންތައްތަކެއް ދަނީ ހިނގަމުންނެވެ. ހަމަގައިމު ވެސް ރާއްޖޭގެ ތާރީހުގައި ވެސް ފަލަ އަކުރުން ލިޔެވިގެންދާނެ އަދި ފާހަގަ ކުރާނެ ދުވަސް ވަރަކަށް މި ދުވަސްވަރު ވެގެންދާނެ އެވެ. ސިޔާސީގޮތުން ދުވަހަކުވެސް އެއްގަލަކަށް ނާރާނެ ކަމަށް ބެލެވުނު ބައެއް ލީޑަރުން ގުޅި، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ފަރާތުން އަމިއްލަފުޅަށް ކޮރަޕްޝަނުގެ ވާހަކަތައް ދައްކަވާ އިރު ގައުމުގެ ކަންކަން ގޮސްފައިވާ ދަރަޖަ އެގެއެވެ.
ރާއްޖެއަށް އައިސްފައިވާ ސިޔާސީ މި ހަލަބޮލި ކަންކަމުގެ ތެރެެއިން ވަރަށް ގިނަ ފަހަރު ތަފާތު އެކި ސިޔާސީ ލީޑަރުންގެ ފަތިފުށް ފަޅާ އަރާ ހިސާބަށްދެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އެކި ދުވަސްވަރު ސިޔާސީ " ސްކޭންޑަލް" ތައް ހިނގާފައިވެ އެވެ. އެގޮތުން މިހާތަނަށް ހިނގާފައިވާ ހާދިސާތަކުގެ ތެރެއިން ދުނިޔެއިން އެންމެ ފާހަގަކޮށްލެވޭ "ސްކޭންޑަލް" ތަކަށް ބަލާލާނަމެވެ.
އެގޮތުން އެމެރިކާގެ މަޝްހޫރު " ވޯޓަރގޭޓް" ހާދިސާއަކީ ފާހަގަ ކޮށްލެވޭ ހާދިސާ އެކެެވެ.
އެމެރިކާގެ ރައީސްކަމުގައި ރިޗާޑް ނިކްސަން ހުންނެވި ނަހަމަގޮތުގައި ކެމްޕެއިނަށް ފައިސާ ބޭނުންކޮށް ލިބިފައިވާ ބާރު ނަަހަމަގޮތުގައި ބޭނުންކޮށް، އެންމެފަހުން އިސްތިއުވާ ދޭން މަޖުބޫރީ ވެސް ވޯޓަރގޭޓް ހާދިސާއަށް ފަހު އެވެ.
އެގޮތުން 1972 ވަނަ އަހަރުގެ ޖޫން 17 ވަނަ ދުވަހު ވައްކަން ކުރުމަށް އުޅުނު ބައެއް ކަމަށް ބެލެވި ފަސް މީހަކު ވޯޓަރ ގޭޓް ހޮޓެލް އިން ހައްޔަރު ކުރި އެެވެ. އެ ކުށްވެރިންގެ އަތުން ސަރވިޔަލެންސް ކެމެރާތަކާއި، އެފަދަ ސާމާނު ވަނީ ހޯދާފަ އެވެ. އެތަށް ފަހަރެއްގެ މަތިން ހޯދާ ބެލިބެލުމުން އެގިފައިވަނީ މިި ހުރިހާ ކަމެއް ޕްލޭންކޮށްފައި ވަނީ ރައީސް އަކަށް ހުރި ނިކްސަން ކަމަށެވެ. އަދި އެމީހުން ބޭނުންކޮށްގެން އޭނާ މަސައްކަތް ކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ އަމަލުތަކަށް ފާރަލާ ހޯދުމަށެވެ. މިކަން ފޮރުވުމަށް އެތައް ކަމެއް، ނިކްސަން ވަނީ ކޮށްފަ އެވެ. މިކަން ހޯދުމަށް އެތައް ދުވަހެއް ނެގި އިރު މިކަން ހޯދުމުގެ ތެރޭގައި ނިކްސަން އޭނާގެ ވެރިކަމުގެ ބާރު ނަހަމަގޮތުގައި ތަފާތު އެކި ކަންކަމަށް ބޭނުން ކުރިކަން ވަނީ ފަޅާއަރާފަ އެވެ. މިހުރިހާކަމެއް ފަޅާއެރުމުން ރިޗާޑް ނިކްސަންއަށް މަޖުބޫރުވީ އިސްތިއުފާ ދިނުމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ސައުތު ކޮރެޔާގެ ރައީސް ޕާކް ގަން ހެއިގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައިވަނީ އޭނާގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ އެކަންކަން ފަޅާ އަރައިގެންނެވެ. އެގޮތުން އޭނާގެ ގާތް އެކުވެރިންނަށް އެތައް މިލިއަން ޑޮލަރުން މަންފާވާ ގޮތަށް ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓްތައް ދިނުމާއި މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމުގައި ގާތް އެކުވެރިންގެ ނުފޫޒު އޮތް ކަން ވަނީ ފާޅާ އަރާފަ އެވެ.
މިދިޔަ އަހަރު ފެންމަތިވި އަނެއް ކަމަކީ ފްރާންސްގެ ބަޖެޓު މިނިސްޓަރު ނާޖާއިޒް ގޮތުގައި ފައިސާ ބޭނުންކުރި މައްސަލަ އެވެ. ޝެރޮމް ކެއުޒެކް ބަޖެޓް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާދީފައިވާ އިރު އޭނާގެ މައްޗަށް ވަނީ ޓެކްސްއަށް މަކަރު ހެދުމާއި މަނީ ލޯންޑަރިންގ މައްސަލަތަކަކާ ގުޅިގެން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މީގެ އިތުރުން 2009 ވަނަ އަހަރު އިނގިރޭސިވިލާތުގެ މަޖިލީހުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު އޭނާ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ މައްސަލަތަކެއް އޭރު ވަނީ ފެންމަތިވެފަ އެވެ.
މީގެ އިތުރުން ބިލް ކްލިންޓަން އެމެރިކާގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ވެރިކަމުގެ ދުވަސްވަރު ވައިޓް ހައުސްގައި މަސައްކަތް ކުރި މުވައްޒަފަކާއި ގާތް ގުޅުންތަކެއް ބޭއްވި ހާދިސާއަކީ ވެސް މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ކަމެކެވެ . އެގޮތުން ބިލް ކްލިިންޓަން ވަނީ އެކަމަށް އިއުތިރާފުވެފަ އެވެ. އަދި އެ މައްސަލަ ބަލާ އޭނާ ވަނީ 25 ހާސް ޑޮލަރުގެ ޖޫރިމަނާއެއް ވެސް ދައްކާފަ އެވެ.
މިހާމަ ކުރި ކޮންމެ ކަމަކުން ވެސް އެކަން ދިމާވި ސިޔާސީ ލީޑަރުންގެ ސިޔާސީ ހަޔާތަށް ވަރަށް ބޮޑު އަސަރެއް ވަނީ ކޮށްފަ އެވެ. ބައެއް ސިޔާސީ ލީޑަރުންގެ ސިޔާސީ ހަޔާތް އެއްކޮށް ހަލާކުވެގެން ވެސް ގޮސްފައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތަކީ 1.2 ބިލިއަން ރުފިޔާގެ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެވެ. ދުނިޔޭގެ ސަމާލުކަން ހޯދާ ބައިނަލްއަގްވާމީ މީޑިޔާތަކުން ވެސް ކޮރަޕްޝަނުގެ މިހާދިސާ ކަވަރ ކޮށްފައިވާ އިރު މިހާދިސާ އާއި ގުޅިގެން އޭރުގެ ނައިބު ރައީސްގެ އިތުރަށް ސިޔާސީ އެތަށް ލީޑަރުންނަކަށް ދަނީ ތުހުމަތުގެ އިނގިލި ދިއްކުރެވެމުންނެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން މިވަގުތު މާގިނަ ބައެއްގެ މައްޗަށް ދައުވާ ނުކުރި ނަމަވެސް ހަމަގައިމު ވެސް، މިކަން ވެސް ކޮންމެސް ދުވަހުން ފަޅާއަރާ، ނާޖައިޒްގޮތުގައި ފައިސާ ބޭނުންކުރި މީހުންގެ ނަންތައް ފަލަސުރުހީ ތަކުން ފާޅުވާނެ އެވެ.
ދުނިޔޭގެ ހިނގާފައިވާ މިފަދަ ހާދިސާތަކުން ވެސް ދޭހަވާ އެއްކަމަކީ، އެއްވެސް މީހަކަށް އުމުރު ދުވަހު، ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލުތަކުގައި ދެމި ނުތިބެވޭނެ ކަމެވެ. ކޮންމެސް ސިފައެއްގައި އެމީހުން އެކަން ކަން ތަހައްމަލު ކުރަންޖެހޭނެ އެވެ.