ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 21:15
ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު
ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު
އޭޕީ
ޣައްޒާ ހަނގުރާމަ
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އިޒްރޭލުގެ ހަމަލާއެއްގައި މަރުވެއްޖެ ކަމަށް ބެލޭ: މީޑިއާ ރިޕޯޓް
ރިޕޯޓުތައް ބުނާ ގޮތުގައި ސިންވާރު މަރާލެވުނުކަން ޔަގީން ކުރަމުންދާ ކަމަށް އިޒްރޭލުން ވަނީ މިހާރު އެމެރިކާ އަށް މައުލޫމާތު ދީފައެވެ. ހަމާސްއިން އިޒްރޭލުގެ މިވާހަކައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގެ މާސްޓަރމައިންޑް ގެ ގޮތުގައި ބެލޭ އަދި މިހާރުގެ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އިޒްރޭލުގެ ހަމަލާއެއްގައި މަރާލެވިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިޒްރޭލުގެ ދެ ބްރޯޑްކާސްޓަރެއް ކަމަށްވާ ކޭއޭއެން އަދި އެން12 ނިއުސްއިން ވެސް އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ސިންވާރު މަރުވެފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ހަމާސްގެ ތިން ހަނގުރާމަވެރިއަކަށް އަމާޒުކޮށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި ސިންވާރު ހިމެނޭ ކަމަށް ބެލޭ ކަމަށް ބުނެފައެވެ.

އިޒްރޭލުން ވަނީ ޣައްޒާގައި ހަމާސްގެ އެތައް ކޮމާންޑަރުންނަކާއި އަދި ލުބުނާނުގައި ހިޒްބުﷲ ގެ އިސް ފަރާތްތަކަކަށް ހަމަލާދީ މަރާލާފައެވެ. އޭގެ ތެރޭގައި ހިޒްބުﷲ ގެ ޒަމާންވީ ލީޑަރު ހަސަން ނަސްރުﷲ އާއި ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ހިމެނެއެވެ.

ހަމާސްއިން އިޒްރޭލުގެ މިވާހަކައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ހަމާސްއާ ގުޅޭ މުހިންމު ވާހަކަތައް ޝާއިއުކުރާ ވެބްސައިޓެއް ކަމަށްވާ އަލް-މަޖްދުން، އިން ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ ސިންވާރާ ބެހޭ މަޢުލޫމާތު ހޯދުމުގައި އެ ވައިބްސައިޓަށް ބަރޯސާވުމަށެވެ. އަދި އިޒްރޭލުގެ މީޑިއާ ތަކުންދޭ މައުލޫމާތަށް ބަރޯސާ ނުވުމަށެވެ. އެއީ އެފަދަ މަޢުލޫމާތުގެ މަޤްޞަދަކީ މާޔޫސްކުރުވުން ކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާ އަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި ފަލަސްތީނުން 42،400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވެއެވެ. އަދި 2.3 މިލިއަން މީހުންގެ އާބާދީގެ ގިނަ މީހުން ވަނީ ގެދޮރުން ނެރެލާފައެވެ.

ކުރިން ސިންވާރު އަކީ ޣައްޒާ ސްޓްރިޕްގައި ހުންނަ ހަމާސްގެ ލީޑަރެވެ. ނަމަވެސް އޭނާ ހަމާސްގެ މުޅި ޖަމާޢަތުގެ ލީޑަރުކަމަށް ހަމަޖެއްސީ ކުރީގެ ސިޔާސީ ވެރިޔާ އިސްމާޢީލް ހަނިއްޔާ ތެހެރާންގައި ޖުލައި މަހު މަރާލުމަށް ފަހުގައެވެ.

ދޯހާ އިންސްޓިޓިއުޓް ފޮރ ގްރެޖުއޭޓް ސްޓަޑީޒްގެ ޕްރޮފެސަރ މުޙައްމަދު އަލް މަސްރީ، އަލް-ޖަޒީރާ އަށް ވިދާޅުވި ގޮތުގައި، ސިންވާރު މަރާލިކަމުގެ ޚަބަރު ތެދުވެއްޖެނަމަ، ހަމާސްގެ ލީޑަރޝިޕް ސްޓްރަކްޗަރ އަލުން އެކުލަވާލަން ޖެހޭނެއެވެ. އަދި އެކަމަށް އެކަށީގެންވާ މުއްދަތެއް ހޭދަވާނެ ކަމަށް ދެކޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ޖުލައި މަހުގެ ފަހުކޮޅު [ކުރީގެ ޙަމާސްގެ ލީޑަރު] އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމަށްފަހު ނެރުނު ބައެއް ނޫސް ރިޕޯޓުތަކަށް ބަލާއިރު... އިޒްރޭލުގެ އެތެރޭގެ އިންޓެލިޖެންސް އޭޖެންސީ ޝިން ބެޓްގެ ވެރިޔާ ބުނެފައިވަނީ 'އަހަރެމެން ޙަމާސްގެ ލީޑަރުން ކޮންމެ ތަނެއްގައި ތިބިކަމުގައި ވިޔަސް އެމީހުން ހޯދައި މަރާލާނަން'،" އަލްމަސްރީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

"އެހެންވީމާ، މިއީ އިޒްރޭލުގެ މަޤްޞަދުގެ މުހިންމު ޚުލާޞާއެއް ކަމަށް އަޅުގަނޑަށް ފެނޭ،" އޭނާ ވިދާޅުވިއެވެ.

"އެމީހުން އިސްކަމެއް ނުދޭ ސުލްޙައިގެ އެއްބަސްވުމަކަށް. އެމީހުން ނޫޅޭ އެމީހުންގެ ރަހީނުން އަނބުރާ ގެނައުމަކަށް. އެމީހުން ބޭނުންވަނީ ކިތަންމެ ބޮޑު އަގެއް އަދާކުރަން ޖެހުނު ނަމަވެސް ވީހާވެސް ގިނަ ޙަމާސްގެ ލީޑަރުންނާއި މެމްބަރުން މަރާލަން." އޭނާ ވިދާޅުވިއެވެ.

އިޒްރޭލު ސިފައިން ބުނެފައިވަނީ ޙަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު ޣައްޒާގައި މަރާލެވުނު ކަމުގެ ރިޕޯޓް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސިންވާރު މަރާލެވުނުކަން ޔަގީން ކުރަމުންދާ ކަމަށް އިޒްރޭލުން ވަނީ މިހާރު އެމެރިކާ އަށް މައުލޫމާތު ދީފައެވެ.

ޔަހްޔާ ސިންވާރު މަރާލުމަށް އޭނާ އާ ބެހޭ ގޮތުން ޖާސޫސީ މައުލޫމާތު ކުރުމަށް އެމެރިކާއިން ވަނީ ވަރަށް ގިނަ ވަސީލަތްތަކެއް އިންވެސްޓްކޮށް، އިޒްރޭލުގެ ޖާސޫސީ އޭޖެންސީތަކާ ގުޅިގެން، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް