ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 12:33
ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ
ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ
ޕީޕީއެމް
އަބްދުއްރަހީމަށް ދައުލަތުން ހަރަދު ކުރާ މައްސަލަ
އަބްދުއްރަހީމް ދިރިއުޅުއްވަން ދައުލަތުން ގެއެއް ދިން ނަމަވެސް އެގެއަށް ވައްދާ ހާދިމުންނަށް ދައުލަތުން ހަރަދުކުރާކަށް ނުޖެހޭ: ޔާމީން
އަބްދުއްރަހީމް ދިރިއުޅުއްވަން ދައުލަތުން ދީފައިވާ ގެއަކީ އޮފީސް ހިންގުމަށް ދީފައިވާ ތަނެއް ނޫން
އޭނާގެ އަމިއްލަ ކަންކަން ކުރުމަށް ވައްދާ ހާދިމުންނަށް ދައުލަތުން ހަރަދުކުރާކަށް ނުޖެހޭ، އެކަން ކުރަންޖެހޭނީ އަމިއްލައަށް
އަބްދުއްރަހީމް މަގެއްގެ މައްޗަށް އެއްލާލާފައި އޮތް ނަމަވެސް ބަލާލާނެ މީހަކު ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވަން ދައުލަތުން ގެއެއް ދިން ނަމަވެސް އެގެއަށް ވައްދާ ހާދިމުންނަށް ދައުލަތުން ހަރަދު ކުރަން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ އަބްދުއްރަހީމް ދިރިއުޅުއްވަން ދައުލަތުން ދީފައިވާ ގެއަކީ އޮފީސް ހިންގުމަށް ދީފައިވާ ތަނެއް ނޫން ކަމަށެވެ.

ޔާމީން ވިދާޅުވީ އަބްދުއްރަހީމް ދިރިއުޅުއްވާ ގެއަށް އޭނާގެ އަމިއްލަ ކަންކަން ކުރުމަށް ވައްދާ ހާދިމުންނަށް ދައުލަތުން ހަރަދު ކުރަން ނުޖެހޭ ކަމަށާއި، އެކަންކަމަށް ހަރަދު ކުރަންޖެހޭނީ އަބްދުއްރަހީމް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މަޖިލީހުން ވެސް އެކަންކަމަށް ހަރަދު ކުރަން ނުޖެހޭ ކަމަށާއި، ގަވާއިދުގައި އެގޮތަށް ބަޔާން ކޮށްފައިނުވާ ކަމަށެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިރިއުޅުއްވަން ވަކި ގެއެއް ދައުލަތުން ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އޭރު އެގޮތަށް ކަންކަން ކުރީ ނަޝީދަކީ ހައި ރިސްކް ބޭފުޅަކަށް ވެފައި، ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކަށްވާތީ ކަމަށެވެ. ނަމަވެސް މިއަދުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަގެއްގެ މައްޗަށް އެއްލާލާފައި އޮތް ނަމަވެސް ބަލާލާނެ މީހަކު ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ދެން އޮތީ އަބްދުއްރަހީމްގެ ދަރުބާރަށް ވައްދާފައި ތިބި މީހުން އެނގޭތޯ. އަޅުގަނޑުގެ ވެސް މައްސަލައެއް އޮތީއެއް ނޫން އަބްދުއްރަހީމް އުޅުއްވާނެ ގެއެއް ދިނީއޯ. އެކަމަކު އެތަނަކީ އޮފީހެއް ނޫން. އެތަނަށް އެލައްވާ ހާދިމުން އަބްދުއްރަހީމްގެ ކަންތައްތައް ބަލަހައްޓަން ލައްވާ ހާދިމުންނަށް އަބްދުއްރަހީމް ހަރަދުކުރަންޖެހޭނީ. އެއީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވޭނެ ކަމެއް ނޫން. ގާނޫނުގައި ލިޔެފައި ނޯންނާނެ. އެކަމަކު އެއީ ގަވަރނަންސް އެނގޭތޯ. ރައްޔިތުން މަޖިލީހުގެ ރައީސްގެ އަމިއްލަ ދިރިއުޅުން ހުންނަ ތަނެއްގައި ހަރަދު ބަލަހައްޓާނީ އެއްވެސް ތަނެއްގައި ނޯންނާނެ، ދިވެހި މަޖިލީހުގެ ގަވާއިދުގައި ވެސް ނޯންނާނެ ދިވެހި މަޖިލީހުންނޭ. ނޫނީ ދިވެހި ދައުލަތަކުންނޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން މިމޭރުމުން ވާހަކަދައްކަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު މުރައިދޫ ގޭގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ގުޅޭ މައްސަލަ 24 އޮކްޓޫބަރު 2024 ގައި ކުރިއަށް ގެންދިޔަ ކޮމެޓީ ވަނީ ސިއްރުކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މ. މުރައިދޫގެ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ގެއަށް ބަދަލުވެވަޑައިގަތީ މުރައިދޫ ގޭގައި ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފަހުގައެވެ.

އޭރުވެސް އަބްދުއްރަހީމް ވަނީ މުރައިދޫގޭގެ ބައެއް މަގާމުތަކަށް ބަދަލުގެންނެވުމަށް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ބައެއް މަގާމުތައް އުވާލުމާއި، މަގާމުގެ ނަމަށް ބައެއް ބަދަލުތައް ގެނައުން ހިމެނެއެވެ. އެ ކަމާއި ގުޅޭ ހުއްދަތައް ޖުލައި މަހުގެ ފަހު ހަފްތާގެ ތެރޭގައި މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ދީފައެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫ ގޭގެ އިސް މަގާމަށް އަލީ އަޝްފާޤު (ދަގަނޑޭ)، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އައްޔަން ކުރެއްވި ނަމަވެސް ދެން އެ ގެކޮޅަށް އައްޔަން ކުރި މުވައްޒަފުންގެ ތަފްސީލް އާއްމުކޮށްފައެއް ނުވެއެވެ. އަދި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ ތަފްސީލްތައް ވެސް ހިއްސާކޮށްފައެއް ނުވެއެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ފުރަތަމަ ކޮޅު އެ ގެ ވަނީ ހުސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 6 މެއި 2021 ގައި އެ މަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާ އަށް ފަހު މުރައިދޫގޭގައި ދިރިއުޅުއްވާފައެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު މަޖިލީހުގެ ރައީސްކަމުގައި ހުރި އިރު މުރައިދޫގެ ކޮންމެވެސް ވަރަކަށް މަރާމާތުކުރިއެވެ. ނަމަވެސް އަސްލަމް އެގޭގައި ދިރިއުޅުއްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް