ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 14:47
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
ރައްޔިތުންގެ މަޖިލިސް
ސަރުކާރުގެ ދަރަނި
ސަރުކާރުން ނެގި ދަރަނީގެ އަދަދު 1 ބިލިއަން ޑޮލަރަށް އަރައިފި - ޣަފޫރު
ކުރީ ސަރުކާރުން ލޯނާއި ދަރަނި ނެގި ވާހަކަ ދައްކާފައި އައިސް މިސަރުކާރުން ވެސް ކުރަނީ އެކަންކަން
ޓެކްސްގެ ނިޒާމް ފުޅާކުރަނީ އިތުރު ތަކެތިން ޓެކްސް ނަގައިގެން

މި ސަރުކާރުން 1 އަހަރު ތެރޭގައި ނެގި ދަރަނީގެ އަދަދު 1 ބިލިއަން ޑޮލަރަށް އަރައިފި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަނުކޮށް، ނަންކިޔަން ހުރި ހުރިހާ ޓެކްސްއެއް ބޮޑުކުރިޔަސް އެކަމުގެ ފައިދާއެއް ނުފެންނާނެ ކަމަށެވެ. މެންބަރު ޣަފޫރު ވިދާޅުވީ 228 ސިޔާސީ މަގާމު އުނިކުރަން ސަރުކާރުން ނިންމި ނަމަވެސް މާދަމާ އެ ފަރާތްތައް ތިބޭނީ ސަރުކާރުގެ ކުންފުނިތަކުގައި ކަމަށެވެ. މިހާތަނަށް ވެސް އެކަން ހިނގާފައި އޮތީ އެގޮތަށް ކަމަށާއި، ހަރަދު ކުޑުރެވޭނީ އެވަރަކަށް ކަމަށެވެ.

މެންބަރު ޣަފޫރު ވިދާޅުވީ 1 އަހަރު ތެރޭގައި މިހާ ގިނަ ލޯނު ނެގި ސަރުކާރެއް ނެތް ކަމަށެވެ. ސްވޮޕްކުރަން 400 މިލިއަން ޑޮލަރާއި، ފައިސާ ބަދަލުކުރަން އިތުރު 200 މިލިއަން ރުފިޔާއާއި، ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާއި އެހެނިހެން ކަންކަމަށް އިތުރު 200 މިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށެވެ.

ކުވެއިތު ފަންޑުން ހޮސްޕިޓަލު އަޅަން ކިޔާފައި 100 މިލިއަން ރުފިޔާ. އަނެއްކާ ބޭންކް އޮފް ސިލޯނުން އެމްއޭސީއެލްއަށްވެސް އެހުރީ ލާރި ނަގާފައި. ނުވިތާކަށް 9 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާފައި އެބައޮތް. 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ދައުލަތުން ނަގާފައިވާ ދަރަނި. މި ސަރުކާރަށް 1 އަހަރު ވާއިރު 1 ބިލިއަން ޑޮލަރުގެ ދަރަނި ނަގައިފި. ކުރީ ސަރުކާރުން ދަރުވާލީ، ކުރީ ސަރުކާރުން ނެގި ލޯނުތަކުން ސަލާމަތް ނުވޭ. ކީއްތޯ މިކުރަނީ. މިއީ ލޯނެއް ނޫންތޯ. ފިނޭންޝިއަލް ޓާމްގައި ބޭނުންކުރާ ހުރިހާ އެއްޗެއް ނަގައިފި. ލޯނާއި ބޮންޑާއި ދެން ހުރި އެއްޗެއް ނަގައި ހުސްވީ. ދެން ހުންނާނީ ފައިސާއަށް އަނބިދަރިން މޯގޭޖް ނުވަތަ ސޮޕްކުރުން ބާކީ އޮތީ. އެކަންވެސް މި ސަރުކާރު ކުރާނެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭ ކަމަށެވެ. ދައުލަތަށް ލިވޭ އާމްދަނީ ސަރުކާރުތަކުން ކުޑަކުރާ ކަމަށާއި، 20 އިންސައްތައަށްވުރެ މަތީގައި ފަތުރުވެރިކަން ހުއްޓާ ޓީވީއަށް އަރާ ބޭންކް އޮފް މޯލްޑިވްސް އިން ބަޣާވާތްކުރިކަމަށް މި ސަރުކާރުން ބުނެފައިވާ ކަމަށާއި، ޖެހިގެން އައި ދުވަހު ސީސީސީ މައިނަސްއަށް ރާއްޖޭގެ ރޭޓިންގ ވެއްޓިގެން ގޮސްފައިވާ ކަމަށެވެ.

މެންބަރު ޣަފޫރު ވިދާޅުވީ އެއާއެކު ކޮންމެ ތަނަކުންވެސް ބުނަމުންދަނީ ރާއްޖެ ބޭންކްރަޕްޓްވެފައިވާ ކަމަށާއި، އިންވެސްޓްކުރެވެން ނެތް ކަމަށެވެ. އަދި އެއީ ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ މިހާތަނަށް ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް މުވައްޒަފަކާއި، ބޯޑު މެންބަރަކާއި ފުލުހުން ސުވާލު ނުކުރޭ. އެކަމަކު ކުރީ ބަޣާވާތް. އެހެންވީމާ ރާއްޖޭގެ ފައިނޭންޝިއަލް ނިޒާމް ހަލާކުކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އެބަދޭ. މިއީކީ ނޫން ކަންކަން ކުރަންޖެހޭނެ ގޮތަކީ. ވިސްނުންތެރިކަމާއި ރޭވުންވެރިކަމާއި ފިކުރުގެ ބޭނުންކޮށްގެން ކަންކަން ރަނގަޅުވެގެންދާނީ. އިންޑިއާ ޓުއަރިސްޓުން މަދުވުމުގެ ސަބަބުން ރާއްޖެއަށް އެތައް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔަ. ރާއްޖެއަށް އަންނަން އޮތް ފައިސާއާއި ދައުލަތަށް ލިބެން އޮތް އާމްދަނީ ގެއްލިގެން ދިޔައީ. އެއިރު 20-25 އިންސައްތައިގައި ހުރި ފަތުރުވެރިކަމުގެ ކުރިއެރުން މިއަދު 12 އިންސައްތައަށް ވެއްޓިގެން ދިޔައީ ސަރުކާރުން ހިންގި ނުކަސިޔާރު ފިޔަވަޅުތަކުގެ ސަބަބުން.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ ބަހާއި އަމަލާއި ދިމާކުރަންޖެހޭ ކަމަށެވެ. މި ސަރުކާރަކީ މާދަމާ 228 މީހުން ކަނޑާލާފައި އަނެއް ދުވަހު އެ 228 މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާދޭނެ ސަރުކާރެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ. މިއީ ހަރަދު ކުޑަކުރާ ގޮތެއް ނޫން ކަމަށާއި، އެކަން ކުރާނަމަ ކުރަންވީ އިހުލާސްތެރިކަމާއެކު ކަމަށެވެ.

މި ސަރުކާރުން ޓެކްސް ނުނަގާނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި، މަގުމައްޗަށް ނުކުމެ އުޅޭތީވެސް ޓެކްސް ދައްކަންޖެހޭ ހާލަތަށްދާނެ ކަމަށެވެ. އަދި ޓެކްސް ނަގަނީ އާމްދަނީ ނުލިބޭތީ ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް ދުއްތުރާ ޖައްސަން އުޅޭ ސަރުކާރެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ. ޓެކްސްގެ ނިޒާމް ފުޅާކުރުމަކީ އިގްތިސާދަށް ލާރި ހޯދަން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އިތުރު އެއްޗެހިން ޓެކްސް ނަގަން ކުރާ ކަމެއް ކަމަށާއި، މިއީ އޮޅުވާލެވޭނެކަމެއް ނޫން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް