ޔުއެފާ ނޭޝަންސް ލީގު ބީގެ ގުރޫޕު ދޭއްގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންގްލެންޑުން ގުރޫޕުގެ ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކުރީ 3-1 އިންނެވެ. އޭގެ ކުރިން ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، އިންގްލެންޑު އޮތީ ވެސް ޕްރެޝަރުގަ އެވެ.
ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޖެކް ގްރީލިޝް އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި، މެޗުގެ 74 ވަނަ މިނެޓުގައި އިންގްލެންޑުގެ ދެ ވަނަ ލަނޑު ޖެހީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެވެ. އޭގެ ދިހަ މިނެޓު ފަހުން އިންގްލެންޑުގެ ތިން ވަނަ ލަނޑު ޖެހީ ޑެކްލަން ރައިސް އެވެ. މެޗުގައި ފިންލެންޑުގެ ހަމައެކަނި ލަނޑަކީ 87 ވަނަ މިނެޓުގައި އާޓޫ ހޮސްކޮނެން ޖެހި ލަނޑެވެ.
މޮޅާއެކު އިންގްލެންޑު ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއް ވަނައިގައި އޮތް ގްރީސް ވަނީ މިހާތަނަށް އެ ޓީމުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.